Roadha Mihaaru
ޖަޕާންގެ މަހުޖަނަކު އައިއެސްއެސް އަށް

ސްޕޭސް ޓޫރިސްޓެއްގެ ގޮތުގައި ޖަޕާންގެ މަހުޖަނަކު އައިއެސްއެސް އަށް ހިނގައްޖެ

09 ޑިސެމްބަރ 2021

އާންމުންގެ ބަޔަކު ގޮވައިގެން ހަނދަށް ދާނެކަން އިއުލާންކޮށްފައިވާ ޖަޕާނުގެ މަހުޖަނު ޔުޒާކޫ މައެޒާވާ މި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ބުދަ ދުވަހު ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުންގެ ބަޔަކު ގޮވައިގެން ހަނދަށް ދާނެކަން އިއުލާންކޮށްފައިވާ ޖަޕާނުގެ މަހުޖަނު ޔުޒާކޫ މައެޒާވާ މި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ބުދަ ދުވަހު ހިނގައްޖެ އެވެ.

އޭނާ މި ދަތުރަށް ދާން ނިންމިކަން އިއުލާންކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ރަަޝިއާގެ ޖައްވީ އިދާރާ، ރޮސްކޮސްމޮސްއާ އެކު އިތުރު ދެ މީހަކާ އެކު ޔުޒާކޫ އައިއެސްއެސް އަށް ކުރާ 12 ދުވަހުގެ ތެރޭގައި 100 ހަރަކާތެއް އެތަނުގައި ހިންގާނެ އެވެ. އޭގެ ތެރޭގައި ގޮލްފް ކުޅުން ވެސް ހިމެނެ އެވެ.

ޔުޒާކޫގެ ދަތުރުގައި އޭނާއާ އެކު ބައިވެރި ވަނީ ރަޝިއާގެ ކޮސްމޮނޯޓް އެލެގްޒެންޑާ މިޒުރުކީން އާއި ވީޑިއޯ ޕްރޮޑިއުސަރު ޔޯޒޯ ހިރާނޯ އެވެ. ޔޯޒޯ އަކީ ޔުޒާކޫގެ ދަތުރު ޖައްވީ ދަތުރުމާނާ ޑޮކިއުމަންޓްކޮށް އޭނާގެ ޔޫޓިއުބް ޗެނެލްގައި ގެނެސްދޭން ހަވާލުކޮށްފައިވާ މީހާ އެވެ.

ކަޒަކަސްތާންގެ ބައިކޮނޫ ކޮސްމޮޑްރޯމް އިން ފެށި މި ދަތުރަކީ ފަހުގެ ތާރީހެއްގައި ސްޕޭސް ޓޫރިސްޓެއްގެ ގޮތުގައި އައިއެސްއެސް އަށް މީހަކު ކުރާ ފުރަތަމަ ދަތުރެވެ. ޔުޒާކޫގެ މި ދަތުރަށް 88 މިލިއަން ޑޮލަރު ހޭދަވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރަޝިއާގެ ޖައްވީ އިދާރާ އިން ޔުޒާކޫ އައިއެސްއެސް އަށް ގެންގޮސްދިން އިރު، އެ ގައުމުގެ ފިލްމެއްގެ މަންޒަރުތަކެއް ވެސް ދާދި ފަހުން އައިއެސްއެސްގައި ޝޫޓްކޮށްފައިވެ އެވެ. އަދި އެއީ ފީޗާ ފިލްމެއްގެ މަންޒަރުތަކެއް އެތަނުގައި ޝޫޓްކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ޔުޒާކޫ ބުނި ގޮތުގައި ގިނަ ދުވަސްތަކެއްގެ އުނދަގޫ ޓްރޭނިންތަކަކަށް ފަހު އައިއެސްއެސް އަށް ދެވުމަކީ އޭނާ ކަހަލަ ހުވަފެން ދެކޭ މީހުންނަށް ވެސް ހުވަފެން ހަގީގަކަށް ހެދިދާނެކަން ހާމަކޮށްދޭ ކަމެކެވެ. ޔުޒާކޫ، 46، އަކީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ކުރިއަށް ގެންދަން ނިންމާފައިވާ ސްޕޭސް ޓޫރިޒަމްގެ ދަތުރަށް އެންމެ ފުރަތަމަ ފައިސާ ދެއްކި މީހާ ވެސް މެ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަން އޭނާގެ ޖައްވީ ކުންފުނި، ވާޖިން ގެލެކްޓިކް އުޅަނދެއްގައި އަދި އެމެޒޯން ކުންފުނީގެ ކުރީގެ ސީއީއޯ ޖެފް ބެޒޮސް އޭނާގެ ޖައްވީ ކުންފުނި، ބްލޫ އޮރިޖިންގެ އުޅަނދެއްގައި ޖައްވީ ދަތުރުތަކެއް ކޮށްފައިވެ އެވެ.