Roadha Mihaaru
ރަޝިޔާގެ މިސައިލް ޓެސްޓުން އެމެރިކާ ރަތަށް

ރަޝިޔާގެ މިސައިލް ޓެސްޓުން އެމެރިކާ ރަތަށް

16 ނޮވެމްބަރ 2021

ރަޝިޔާ އިން އިއްޔެ ޖައްވުގެ ތެރޭގައި މިސައިލެއްގެ އަޖުމަބެލުމާ ގުޅިގެން، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ނުރައްކާތަކެއް ކުރިމަތިވެ، އެމެރިކާ ރުޅިގަދަވެ، ރަޝިޔާ އަށް ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ރަޝިޔާ އިން އިއްޔެ ޖައްވުގެ ތެރޭގައި މިސައިލެއްގެ އަޖުމަބެލުމާ ގުޅިގެން، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ނުރައްކާތަކެއް ކުރިމަތިވެ، އެމެރިކާ ރުޅިގަދަވެ، ރަޝިޔާ އަށް ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ރަޝިޔާ އިން އިއްޔެ ޖައްވުގެ ތެރޭގައި އަޖުމަބެލި ކަމަށްވަނީ، ސެޓެލައިޓް ދިފާއުކުރަން ބޭނުންކުރާ ބާވަތުގެ މިސައިލެކެވެ. މި އަޖުމަބެލުމުގައި ރަޝިޔާ އިން ފޮނުވައިލި މިސައިލެއް ޖައްވުގެ ތެރޭގައި ދަތުރުކޮށްފައި ގޮސް، ޖައްވުގެ ތެރޭގައި އޮތް ރަޝިޔާގެ ބާ ސެޓެލައިޓެއް ގޮއްވައިލީ އެވެ.

ގޮއްވައިލި ސެޓެލައިޓް ދުނިޔެ ވަށައިގެން ދައުރު ކުރަމުން ދިޔައީ، އައިއެސްއެސްގެ އޯބިޓަށް ވުރެ އުހުގައިވާ އޯބިޓެއްގަ އެވެ. ނަމަވެސް އެ ސެޓެލައިޓް ގޮއްވައިލުމުގެ ސަބަބުން ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔަ އެތިކޮޅުތަކާއި އެތިގަނޑުތައް، އެއަށް ވުރެ ތިރީ އޯބިޓްތަކަށް ފެތުރި، އައިއެސްއެސްގައި ޖެހިދާނެ ކަމަށް ބެލެވުނެވެ.

އެހެންކަމުން، އެ ވަގުތު އައިއެސްއެސްގައި ތިބި ހުރިހާ ފަޅުވެރިން (އެމެރިކާގެ ހަތަރު އެސްޓްރޮނޯޓުންނާއި ރަޝިޔާގެ ދެ ކޮސްމަނޯޓުންނާއި ޖަރުމަން ވިލާތުގެ އެސްޓްރޮނޯޓް)، ޖައްވީ ސްޓޭޝަންގައި ބަނދަރުކޮށްފައި އޮތް ދެ ކެޕްސޫލަށް ވަދެ، ޖައްވީ ސްޓޭޝަން ދޫކޮށް ދިއުމަށް ތައްޔާރުވި އެވެ. އަދި އައިއެސްއެސް އާންމުކޮށް ބުރުޖަހާ އޯބިޓަށް ވުރެ ތިރިކޮށް، ޖައްވީ އެތިގަނޑުތަކާ މުޑި ނާރާނެކަން ކަށަވަރުކުރި އެވެ.

ރަޝިޔާ އިން ކުރިން އެންގުމަކާ ނުލައި، އަދި ޖައްވީ ސްޓޭޝަނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ފަރުވާތެރިކަމެއް ނުބަހައްޓައި، މިސައިލަކުން ހަމަލާދީ ޖައްވުގެ ތެރޭގައި ސެޓެލައިޓެއް ގޮއްވައިލުމަކީ، ވަރަށް ނުރައްކާތެރި އަދި އެހާމެ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމެރިކާ އިން ބުނެ އެވެ.

"މި އަޖުމަބެލުމުގެ ސަބަބުން، ރާޑަރުތަކުން ދެނެގަނެވޭ ބޮޑުމިނުގެ، 1،500 އަށް ވުރެ ޖައްވީ އެތިގަނޑު އުފެދިއްޖެ. އަދި ރާޑަރުތަކުން ދެނެގަނެވޭ ވަރަށް ވުރެ ކުދި، އެތައް ލައްކަ އެތިކޮޅުތަކެއް ވަނީ އުފެދިފައި. އެ އެއްޗެހީގެ ސަބަބުން، ހުރިހާ ގައުމުތަކެއްގެ މަސްލަހަތު މިވަނީ ނުރައްކަލަށް ހުށަހެޅިފައި،" އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.

ނަމަވެސް ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ބުނި ގޮތުގައި އައިއެސްއެސް އަށް އެއްވެސް ނުރައްކަލެއް ނެތެވެ.

"އައިއެސްއެސްގެ ފަޅުވެރިން ޖައްވީ އުޅަނދުގެ ތެރެއަށް ވަންނަން މަޖުބޫރު ކުރުވި، އެތީގެ (ގޮއްވައިލި ސެޓެލައިޓް) އޯބިޓް ވާނީ، އައިއެސްއެސްގެ އޯބިޓާ ދުރަށް ޖައްސާފައި. ޖައްވީ ސްޓޭޝަން އޮތީ ރައްކާތެރި ސަރަހައްދެއްގައި،" ރޮސްކޮސްމޮސް އިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އަޖުމަބެލުމުގެ ގޮތުން އިއްޔެ ގޮއްވައިލީ ކޮން ސެޓެލައިޓެއް ކަމެއް ރަޝިޔާ އިން ނުބުނެ އެވެ. ނަމަވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ ޖައްވީ ދިރާސާތަކާ ބެހޭ މަރުކަޒުތަކުން ބުނާ ގޮތުގައި، ރަޝިޔާ އިން އިއްޔެ ގޮއްވައިލީ، ބާވެ ހަލާކުވުމުގެ ސަބަބުން، ޖައްވުގެ ތެރެއަށް ދޫކޮށްލާފައި އޮތް، ކޮސްމޮސް-1408 ސެޓެލައިޓެވެ.

ޓަނަކަށް ވުރެ ބަރު އެ ސެޓެލައިޓް ޖައްވަށް ފޮނުވީ 1982 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ސެޓެލައިޓް ބޭނުންކުރުން ހުއްޓާލައި، ޖައްވީ ކުނިގަނޑެއްގެ ގޮތުގައި ޖައްވުގެ ތެރެއަށް ދޫކޮށްލާފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

އެމެރިކާ އިން ބުނި ގޮތުގައި، ސެޓެލައިޓް ގޮއްވައިލުމުގެ ސަބަބުން ޖައްވުގެ ތެރެއަށް ފެތުރިފައިވާ އެތިގަނޑުތައް އަހަރުތަކެއް ވަންދެން، ސެޓެލައިޓްތަކަށާއި އައިއެސްއެސް އަށް ކުރާ ޖައްވީ ދަތުރުތަކަށް ނުރައްކާ ކުރަމުން ދާނެ އެވެ.

އެހާ ބާރުގަދަ ގޮއްވައިލުމަކުން ޖައްވުގެ ތެރެއަށް ބުރައިގެންދާ އެތިގަނޑުތައް ޖައްވުގެ ތެރޭގައި ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެތައް ހާސް އެތިގަނޑުތަކެއް ޖައްވުގެ ތެރެއަށް ފެތުރިފައިވާ އިރު، އޭގެ ތެރެއިން ވަރަށް ގިނަ އެތިގަނޑުތައް، މިބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެ އަނދައިގެން ދާނެ އެވެ. އައިއެސްއެސް ޖައްވުގެ ތެރޭގައި ދުނިޔެ ވަށައިގެން ބުރު ޖަހަމުން ދަނީ، ބިމުގެ ސަތަހައިން ފެށިގެން ގާތްގަނޑަކަށް 470 ކިލޯމީޓަރު އުހުގަ އެވެ.