Roadha Mihaaru
"ކޮތަރުކޮށި ޖަލްސާ" އެންމެފަހުން ކާނިވަލަށް

"ކޮތަރުކޮށި ޖަލްސާ" އެންމެފަހުން ކާނިވަލަށް

09 ޑިސެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބާއްވަން އުޅުނު "ކޮތަރުކޮށިޖަލްސާ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން ނިންމުމުން އެއީ ސަރުކާރުގެ ބިމެއް ކަމަށާއި އެތަނަށް ކަރަންޓު ވެސް ގުޅައިދެވެން ނެތް ކަމަށް އެންގުމުން މިހާރު ކާނިވަލުގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބާއްވަން އުޅުނު "ކޮތަރުކޮށިޖަލްސާ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން ނިންމުމުން އެއީ ސަރުކާރުގެ ބިމެއް ކަމަށާއި އެތަނަށް ކަރަންޓު ވެސް ގުޅައިދެވެން ނެތް ކަމަށް އެންގުމުން މިހާރު ކާނިވަލުގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ އިން މިއަދު ބުނެފި އެވެ.

ހިޔާފްލެޓް ސަރަހައްދުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގައި ޖަލްސާ ބާއްވަން ނިންމީ ހިޔާފްލެޓްތަކުގެ ކައިރީގައި ޖަލްސާ ބާއްވަން ސަރުކާރުން ފުރުސަތު ނުދިނީމާ ކަމަށެވެ. އެ ސަރަހައްދުގައި ޖަލްސާ ބާވަން ސަރުކާރުން ފުރުސަތު ނުދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބަައްދަލުކުރައްވަން އުޅުއްވާތީ ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

މި ޕްރެސްގައި ބުނީ ޖަލްސާ ބާއްވާނީ މާލޭ އުސްފަސްގަނޑުގައި ކަމަށެވެ. ނަމަވެސް ފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުސްފަސްގަނޑަކީ ސަރުކާރުގެ ބިމެއް ކަމަށާއި އެތަނުގައި ކަރަންޓު ނެގޭނެ ގޮތެއް ވެސް ނެތުމުން، އެކަން ކޮށްދެވެން ނެތް ކަމަށް ޕާޓީ އަށް އަންގާފައިވާ ކަމަށެވެ.

"އެހެންކަމުން، ކޮތަރުކޮށި ޖަލްސާ މާދަމާރޭ ކާނިވަލަށް ބަދަލުކުރެވުނު ވާހަކަ ދަންނަވަން،" މެސެޖުގައިވެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން ހުރަސްއެޅީ ކަމަށް ބުންޏަސް އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގައި ސިޔާސީ ހަރަކާތްތައް ބާއްވަނީ އަބަދުވެސް ހުއްދަ ނަގައިގެން ކަމަށާއި އެ އުސޫލުން ހުއްދަ ނަގައިގެން ޖަލްސާ ވެސް ބޭއްވޭނެ ކަމަށެވެ. އެކަމަކު ހުޅުމާލެ އަކީ މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ތަނެއް ކަމަށް ބުނެ އެޗްޑީސީން ހުއްދަ ނަގަން ވަނީ އިންކާރު ކޮށްފަ އެވެ.

"މާލޭގައި ޖަލްސާ ބާއްްވަައިގެން ވެސް މީޑިއާތައް މެދުވެރިކޮށް، ހިޔާ ފްލެޓްތަކުގައި ދިރިއުޅުއްވާ ލޮބުވެތި ރައްޔިތުންނާ ރައީސް ޔާމީން މުހާތަބުކުރައްވާނެ. ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާނެ. އެކަމެއް ނުހުއްޓުވޭނެ، އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ހިޔާފްލެޓް ސަރަހައްދުގައި ޖަލްސާ ބޭއްވުން ހުއްޓުވާތީ ޕީޕީއެމްޕީއެންސީން މިއަދު ފުލުހުންނާ ވެސް ބައްދަލުކޮށްފައިވާނެ ކަމަށާއި އެތަނުގައި ޖަލްސާ ނުބޭއްވޭނެ ގާނޫނީ އެއްވެސް ސަަބަބެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށެވެ.

"ދެން ހަމަ މަސްލަހަތޭ، ނޫނީވިއްޔާ ތިމަންނަމެންނަށް އެޗްޑީސީން އަންގައިގެންނޭ މިކަހަލަ ވާހަކަތަކެއް ހަގީގަތު [ފުލުހުން] ދެއްކީ. އެއްވެސް ކަހަލަ ބުރަދަނެއް ހުރި ވާހަކައެއް ނުދައްކާ،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ކަމެއް ކުރަން އެޗްޑީސީން ހުއްދަ ހޯދަން ޖެހުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަަމަށާއި މާލޭގެ ކޮންމެ ތަނެއްގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ވެސް މާލޭ ސިޓީ ކައުންސިލަށް ދެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލޭ ސިޓީ ކައުންސިލުން ހުއްދަދިނީމާ ދެން އިތުރަށް ހުއްދަ ނަގަން ޖެހޭ އެހެން ތަނެއް ނުހުންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ ދޫދިނުމެއް ނޫން"

ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބޭއްވުން މަނާކުރަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރައްވާ އިރު އެހެން ތަނަކަށް ބަދަލުކުރުމަކީ ދޫނިނުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ދޫދިނުމެއް ނޫން ކަމަށެވެ. ނަމަވެސް ޕީޕީއެމްޕީއެންސީން އެއްވެސް އިރެއްގައި ފުލުހުންނާ ކުރިމަތިނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫން ނޫން އެއްގޮތަކަށް ވެސް ދޫދިނުމެއް ނޫން އެއީ. އަޅުގަނޑުމެން ޕީޕީއެމްޕީއެންސީއަކީ އެއްވެސް އިރެއްގައި ފުލުހުންނާ ކުރިމަތިލާނެ ބައެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ދެ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ރާއްޖޭގެ ސުލްހަމަސަލަސްކަން ދަމަހައްޓަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން ދިދަތައް ދަމަމުން ދަނިކޮށް، ފުލުހުން ރޭ ވަނީ އެކަން ހުއްޓުވައިފަ އެވެ. ފުލުހުން އިއްޔެ ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އުޅޭތީ، އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެޗްޑީސީން އިދާރާގައި އެދިފައިވާ ކަމަށެވެ.

އެޗްޑީސީން އެކަމަށް އެދިފައި ވަނީ ހުޅުމާލެ އަކީ އެ ކުންފުނީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާ ތަނަކަށްވެފައި، އެފަދަ ހަރަކާތްތައް އެތަނުގައި ބޭއްވޭނީ އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށްބުނެ އެވެ.