Roadha Mihaaru
މޮޅު ކޯޗެއްގެ ހުނަރުތައް ޖެރާޑުގެ އެބަހުރި: ކްލޮޕް

މޮޅު ކޯޗެއްގެ ހުންނަންވާނެ ހުރިހާ ހުނަރެއް ޖެރާޑުގެ އެބަހުރި: ކްލޮޕް

11 ޑިސެމްބަރ 2021

މާސީސައިޑް (ޑިސެމްބަރު 11) - ޕްރިމިއާ ލީގު ކުލަބް އެސްޓަން ވިލާއާ ދާދި ފަހުން ހަވާލުވި ލިވަޕޫލްގެ ލެޖެންޑް އަދި ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑުގެ ކިބައިގައި މޮޅު ކޯޗަކަށް ވާން ބޭނުންވާ ހުރިހާ ހުނަރެއް އެބަހުރި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސީސައިޑް (ޑިސެމްބަރު 11) - ޕްރިމިއާ ލީގު ކުލަބް އެސްޓަން ވިލާއާ ދާދި ފަހުން ހަވާލުވި ލިވަޕޫލްގެ ލެޖެންޑް އަދި ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑުގެ ކިބައިގައި މޮޅު ކޯޗަކަށް ވާން ބޭނުންވާ ހުރިހާ ހުނަރެއް އެބަހުރި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

"ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކު އައުޓްސްޓޭންޑިން މެނޭޖަރަކަށް ވުމަކީ ފަސޭހަ ކަމެއް ނޫން. ނަމަވެސް އެއީ ކުރެވޭނެ ކަމެއް. އެކަމަށް ބޭނުންވާ ހުރިހާ ހުނަރުތަކެއް ސްޓީވެން [ޖެރާޑް] ގެ ކިބައިގައި ހުރި ހެން ހީވަނީ އަދި އަހަރެން އޭނާއަށްޓަކައި ވަރަށް އުފާވޭ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގައި 17 ސީޒަން ހޭދަކުރުމަށް ފަހު، 2015 ގައި ޓީމުން ވަކިވި ފަހުން ފުރަތަމަ ފަހަރަށް މިއަދު އެންފީލްޑަށް ޖެރާޑް އެނބުރި އަންނަނީ އޭނާ މިހާރު ހަވާލުވެ ހުރި އެސްޓަން ވިލާ ގޮވައިގެނެވެ. ޖެރާޑާ އެކު ލީގުގައި އެސްޓަން ވިލާ ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން، ތިން މެޗުން ވަނީ މޮޅު ވެފަ އެވެ.

ޖެރާޑް ވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލާ އެކު 500 އަށް ވުރެ ގިނަ މެޗު ކުޅެ، 120 ލަނޑު ޖަހައިފަ އެވެ.

ވިލާއާ ހަވާލުވުމުގެ ކުރިން، މިއަހަރު ކުރީކޮޅު ޖެރާޑް ވަނީ ލިވަޕޫލްގެ ކޯޗުކަން ކުރުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށް ބުނެފަ އެވެ. މިއާ ގުޅިގެން މިއަދުގެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ކްލޮޕްއާ ކުރެވުނު ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ، ރަނގަޅު ވަގުތުގައި އޭނާއަށް އެކަން ވެސް ހާސިލް ކުރެވޭނެ ކަމަށެވެ.

"އަހަންނަށް ވަރަށް ޔަގީން. ހަމައެކަނި ސުވާލަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތަކީ ކޮބައިތޯ؟ ޗެލްސީގައި ފްރޭންކް [ލަމްޕާޑް] އާއެކު އަހަރެމެންނަށް ފެނުނީ އެ މަންޒަރު. އޭނާ [ޖެރާޑް] އަސްލު ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ނަމަވެސް މެނޭޖަރެއްގެ ނަޒަރުން އަދި ވަރަށް ޒުވާން. މެނޭޖަރުގެ ވަޒީފާ ނަގަން އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟. އޭނާއަށް އެކަން ނުކުރެވޭތީއެއް ނޫން، ކިހާ ދުވަހެއް ވަންދެން ތޯ އެކަން ކުރަން ބޭނުންވަނީ؟" ލިވަޕޫލާއެކު ކޮންޓްރެކްޓުގައި ތިން އަހަރު އޮތް ކޯޗު ކްލޮޕް ބުންޏެވެ.

މީގެ އިތުރުން ކްލޮޕް ބުނީ، މެޗުގައި އެސްޓަން ވިލާ ގޯލެއް ޖަހައިގެން ޖެރާޑް އެކަމާ އުފާފާޅު ކުރުމަކީ ވެސް އެއީ މައްސަލައެއް ނޫން ކަމަށާއި، ޖެރާޑް އެންފީލްޑަށް އަންނާނީ ލިވަޕޫލާ ދެކޮޅަށް ކުޅެ މެޗުން މޮޅުވާން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އޭނާ [ޖެރާޑް] ބޭނުން ވާނެ މެޗުން މޮޅުވާން. އަހަރެން ހަނދާން އެބަހުރި [ބޮރޫޝިއާ] ޑޯޓްމަންޑާއެކު އަހަރެންގެ ކުރީގެ ކުލަބް މެއިންޒްއާ ދެކޮޅަށް ކުޅުނު މެޗެއް. ޑޯޓްމަންޑް ލަނޑު ޖެހުމުން އަހަރެން ހަނދާން ނެތުނު ކުރީގައި މެއިންޒްގައި ކުރި މަސައްކަތް. ވަރަށް ސެލެބެރޭޓް ކުރިން އެ ގޯލު. އޭނާ [ޖެރާޑް] އަށް ވެސް އެހެން ސެލެބްރޭޓް ކުރެވޭނެ. އެއީ އެއްވެސް މައްސަލައެއް ނޫން،" ޖެރާޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.

ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު ޖެރާޑް ބުނީ، ކްލޮޕް އާއެކު އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި، އޭނާގެ ނަސޭހަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިނގިރޭސި ކްލަބް އެމްކޭ ޑޮންސް ގެ ކޯޗުކަން ޖެރާޑް 2016 ވަނަ އަހަރު ހުށަހެޅުމުން، ކްލޮޕް ވަނީ އެއަށް ނޫނެކޭ ބުނެ، ލިވަޕޫލުގެ 18 އަހަރުން ދަށުގެ ޓީމުގެ މެނޭޖަރުގެ މަގާމާ ހަވާލުވާން ޖެރާޑަށް ލަފާ ދީފަ އެވެ. ސްކޮޓްލެންޑުގެ ރޭންޖާސްއާ އޭނާ ހަވާލުވީ ލިވަޕޫލުގެ ޒުވާން ޓީމާ އެކު މަސައްކަތް ކޮށްފަ އެވެ.

"ކޯޗިންގައި އަމިއްލަ ދަތުރު ފަށައި، ކެމެރާތަކާ ދުރުގައި ތަފާތު ޓެކްޓިކްސް އާއި ފޯމޭޝަންތައް އެކްސްޕެރިމެންޓްކޮށް، އައިޑެންޓިޓީއެއް އުފައްދަން ބޭނުންވާ ކޮންމެ އެހީއެއް ދޭނެ ކަމަށް ކްލޮޕް ބުނި،" ޖެރާޑް ބުންޏެވެ.

"ކުޅުންތެރިއެއް ގޮތުގައި ދިގު ކެރިއަރަކަށް ފަހު، ކޯޗިން ދާއިރާއިން ކުރިޔަށް ދިއުމުގެ އުއްމީދުގައި ނުކުންނަ ކުޅުންތެރިޔަކަށް ކްލޮޕް ދިން ރަނުގެ ނަސޭހަތެއް އެއީ."

މެޗާ ގުޅޭ ގޮތުން ޖެރާޑް ބުނީ، މިރޭ ނުކުންނާނީ އޭނާ ކުޑައިރުއްސުރެން އެންމެ ސަޕޯޓް ކުރާ ކުލަބާ ދެކޮޅަށް ނަމަވެސް، ހަމައެކަނި ފޯކަސް ހުރީ، މެޗުން ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެސްޓަން ވިލާ ކުޅޭ މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރެވެ.