Roadha Mihaaru
އިންތިހާބުގައި ގޯހެއް ހިނގި ކަމަކަށް ނެތް: ފުއާދު

ރިޔާސީ އިންތިހާބުގައި ގާނޫނާ ހިލާފު ކަމެއް ހިނގި ކަމެއް ފެންނާކަށް ނެތް: ފުއާދު

12 ޑިސެމްބަރ 2021

އިލެކްޝަންސް ކޮމިޝަނުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިނގި ކަމަކަށް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަނުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިނގި ކަމަކަށް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ އިންތިހާބު އޮޅުވައިލި ކަމަށް ތިން އަހަރު ފަހުން އަނެއްކާވެސް ތުހުމަތުތަކެއް ފެންމަތި ކުރުމުން، އެ ކޮމިޝަނުން ވަނީ އިންތިހާބާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ބަލާފައި ކަމަށެވެ. އެއިން އެއްވެސް ލިއުމެއްގައި ގޯހެއް ނުވަތަ އޮންނަ އުސޫލުން ބޭރުން ކަމެއް ހިނގި ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބާ ގުޅޭ ރިޕޯޓު ކަަމަށް ބުނެ އާއްމުކޮށްފައިވާ ވާހަކަތައް ހިމެނޭ ރިޕޯޓެއް ވެސް ކޮމިޝަނަށް ހުށަހަޅައިފައެއް ނެތެވެ.

ހުރިހާ ކަމެއް ވެސް ހިނގާފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އަޅުގަނޑުމެންގެ ކޮމިޝަންގައި ހުރި ލިޔެކިޔުންތަކުން ދައްކަނީ: ފުއާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި ރިޔާސީ އިންތިހާބުގައި އޮޅުވައިލުމާއި މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުތައް އެ މަނިކުފާނު މި ފަހުން ކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގަ އެވެ. ސަރުކާރުގައި މިހާރު ތިބި ކޯލިޝަން ޕާޓީތަކަށް ފަހިވާ ގޮތަށް އިންތިހާބު ކުރިއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރައްވައި، ކޮމިޝަނުގައި އޭރު ހުންނެވި ރައީސް އަހުމަދު ޝަރީފަކީ "ޚާއިނެއް" ކަމަށް ޔާމީން އެ ރޭ ވިދާޅުވި އެވެ.

މި ތުހުމަތަށް ފަހު، އިންތިހާބާ ގުޅިގެން ފުލުހުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ހުރި ކަމަށް ބުނާ ވާހަކަތަކެއް ވަނީ އާއްމުކޮށްފަ އެވެ.

އިންތިހާބުގައި ސެކިއުރިޓީ ފީޗާސް ނެތް ވޯޓު ކަރުދާސްތައް ހުރި ކަމަށާއި އެކަކު ތަކުރާރުކޮށް، ވޯޓުލުމުގެ އިތުރަށް ބައެއް ވޯޓު ފޮށިތައް ބަލަހައްޓަން މަސްތުގެ ހާލަތުގައި ތިބި ބަޔަކު ބޭތިއްބި ކަމަށް އެ ރިޕޯޓުގައި ބުނާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

ޝަރީފް ދިން ބަޔާން ވެސް އޭގައި ހިމެނޭ ކަމަށް ބުނަމުން އަންނަ އިރު، އޭގެ ސައްހަ ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

މި ބަޔާނާ ގުޅުވައި ޕީޕީއެމުން މިއަދު ވަނީ އަވަސް އިންތިހާބަކަށް ގޮވާލައިފަ އެވެ. އިންތިހާބު އޮޅުވާލާފައި ވަނީ ފުލުހުން ވެސް ގުޅިގެން ކަމަށް އެ ޕާޓީން ތުހުމަތު ކުރި އެވެ.

އީސީގެ ރައީސް ފުއާދު ވިދާޅުވި ގޮތުގައި 2018ގެ ރިޔާސީ އިންތިހާބާ ގުޅިގެން އޭރު ފުލުހުންގެ މުއައްސަސާ އިން ހެދި އިންތިހާބުގައި ގާނޫނާ ހިލާފު ކަންކަން ހުރި ކަމަށް ބުނާ ރިޕޯޓެއް އެ ކޮމިޝަނަށް ލިބިފައެއް ނުވެ އެވެ.

"ހުރިހާ ކަމެއް ވެސް ހިނގާފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އަޅުގަނޑުމެންގެ ކޮމިޝަންގައި ހުރި ލިޔެކިޔުންތަކުން ދައްކަނީ،" އިންތިހާބު ބޭއްވި އިރު ރާއްޖެ އިން ބޭރުގައި ހުންނެވި ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި ގާނޫނާ ހިލާފު ކަމެއް ހިނގި ކަމަކަށް ފުލުހުން ވެސް އިލެކްޝަންސް ކޮމިޝަނަށް އޭރު ވެސް އަދި ފަހުން ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

ގާނޫނީ ނިޒާމުގެ ތެރެއިން އިންތިހާބުގެ ކަންކަން ތަރުތީބުކޮށްފައި އޮންނަނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮފިޝަލުންނާއި މީޑިއާ އަދި އޮބްޒާވަރުންނަށް ވެސް ފުރުސަތު ދީގެން ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވާ އިރު އެގޮތަށް ގޯހެއް ހެދުމުގެ ޖާގައެއް ނޯންނަކަން ވެސް ފުއާދު ފާހަގަކުރެއްވި އެވެ. ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުން ވެސް ހިމެނޭ ގޮތުން ވަރަށް ފަރުވާކުޑަކޮށްލައިފި ނަމަ ގޯހެއް ހެދުމުގެ ފުރުސަތު އޮވެދާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

ތަކުރާރުކުރާ ވާހަކަތަކުގައި ހަގީގަތެއް ނެތް: ޝަރީފް

ފުލުހުންގެ ރިޕޯޓެއް ކަމަށް ބުނެ އާއްމުކުރާ ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވީ އޭނާގެ ތަހުގީގު ބަޔާން ކަމަށް ބުނާއިރު އެއްވެސް ތަހުގީގަކަށް ބަޔާނެއް ނުދެއްވާ ކަމަށެވެ. އެކަމަކު ވޯޓު ކަރުދާސް ނައްތާލި ގޮތާ ގުޅޭ ގޮތުން 2018ގައި އޭރުގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަދި އިންތިހާބުގެ އޮޕަރޭޝަންތަކުގެ ކޮމާންޑަރަކަށް ހުންނެވި ހަމްދޫން ރަޝީދު ސުވާލު ކުރެއްވުމުން ކަން ހިނގި ގޮތް ކިޔައި ދެއްވި ކަމަށެވެ. އޭރު ވެސް އޭނާ ވިދާޅުވެފައި އޮންނާނީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށާއި އިންތިހާބު ކުރިއަށް ދިޔައީ މިނިވަންކަމާ އެކުގައި ކަމަށް ކަން ޝަރީފް ވިދާޅުވި އެވެ.

އިންތިހާބުގެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރެއްވި ހަމްދޫން ޕޮލިސް ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އިންތިހާބަށް ފަހު އޮކްޓޯބަރު، 1، 2018 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ބްރީފިންގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ބްރީފިންގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބު އޮޅުވާލި ކަމަށް ތަކުރާރުކުރަނީ ތޯތޯ ވާހަކަތަކެކެވެ. އިންތިހާބުގެ އެއްވެސް ކަމެއްގައި އޮޅުވާލުމެއް ނޯންނާނެ ކަމަށާއި އިންތިހާބު ކުރިއަށް ގެންދިޔައީ މިނިވަންކޮށް، ދެފުށްފެންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ހަމްދޫން އޭރު ސުވާލުކުރީމާ އަޅުގަނޑު ދެންނެވިން ގާނޫނީ އިމުގެ ތެރެއިންނޭ ހުރިހާ ކަމެއް ހިނގީ. އެ ބުނާ ރިޕޯޓެއްގައި އާއްމުކުރީ އަޅުގަނޑު ދިން އެ މައުލޫމާތު،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އޭނާ އަށް އަމާޒުކޮށްގެން އިންތިހާބުގެ ވާހަކަ އަލުން ފަށައިގެން އުޅެނީ އެ ވާހަކަތަކުން އޭނާ އަށް ގެއްލުންދީ، ޕީޕީއެމަށް ފައިދާ ހޯދުމަށެވެ.

ރިޔާސީ އިންތިހާބު ނިމުމާ އެކު ވެސް ޕީޕީއެމުން އިންތިހާބު އޮޅުވާލި ކަމުގެ ތުހުމަތު ކުރި އެވެ. އެ ޕާޓީން މިއަދު ވެސް ބުނީ ރިޕޯޓް ލީކުވިތާ 24 ގަޑިއިރު ވީއިރު ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނުމަކީ އެއީ ހަގީގީ ރިޕޯޓެއް ކަން ހާމަވާ ކަމެއް ކަމަށެވެ. މިއަދާ ހަމަޔަށް އައިއިރު އިންތިހާބު އޮޅުވާލި ކަމަށް ސާބިތުވާ ރިޕޯޓް ފުލުހުންގެ ތެރޭގައި ސިއްރުކޮށްފައި އޮތުމުން އެކަމުގައި ފުލުހުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ބުނެވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"[ފުލުހުންގެ ނުފޫޒެއް] ނެތް ނަމަ އެ ދުވަސްވަރު އެ ހާލަތުގައި މިކަން ހާމަ ކުރައްވާނެ ކަމާބެހޭ ފަރާތްތަކަށް މިކަން ހުށަހަޅަން ވާނެ. ނުގެންގޮސް މިއަދާ ހަމަޔަށް އައިއިރު ސިއްރުކޮށްފައި އޮތުމަކީ ފުލުހުންގެ އިހުމާލު އޮތްކަން ހާމަވެގެން ދާ ކަމެއް،" ޕީޕީއެމްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި އެވެ.

އިންތިހާބާ މެދު ސުވާލު އުފައްދައި ޕީޕީއެމުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ކޯޓުން ނިންމީ އިންތިހާބު ބާތިލްކުރާނެ ތަނެއް ނެތް ކަމުގަ އެވެ.