Roadha Mihaaru
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމައިފި

ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފި

01 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ނިންމައިފި އެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅުނު އަދަބު މާފު ކުރިތާ ތިން އަހަރުވެފައިވުން ހިމެނެ އެވެ.

ނަމަވެސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުގައި އޮތް ނަމަވެސް އެ މަރުހަލާ އަދިވެސް ނުނިމެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިިދކޮޅު ޕީޕީއެމުން ނުކުންނަވަން ނިންމެވި ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައި ނުގަންނަން ނިންމާފައިވާ ކަން އީސީ އިން މީޑިއާ އަށް ކަށަވަރު ކޮށްދިނެވެ.

ޔާމީންގެ ފޯމު އީސީ އަށް ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

އެހެންވެ، އީސީ އިން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމި ނަމަވެސް އެ މަނިކުފާނުގެ ރަނިންމޭޓް ކަމަށް ޔާމީން ކަނޑައަޅުއްވާފައިވާ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ޕީޕީއެމް އޮތީ ތައްޔާރަށެވެ.

ކެންޑިޑެސީއާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ ހަތް ދުވަސް ތެެރޭގައި ވަކި ގޮތެއް އެ ކޯޓުން ނިންމަން ޖެހެ އެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވާހަކަ ދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު

ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވާހަކަ ދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އީސީން ހުޅުވާލާފައިވާ މުއްދަތު އަންނަ ހަފުތާގެ ހޯމަ ދުވަހަށް ހަމަވާނެ އެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމާފައިވާ އިރު އެ މަނިކުފާނު ހިންގަވާ ދެވަނަ ޕާޓީ، ޕީއެންސީ އިން އަންނަނީ އެހެން ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާ ކުރަމުންނެވެ. އަދި އެ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމަވާނީ ވެސް ޔާމީން ކަމަށް އެ ޕާޓީގެ ލީޑާޝިޕުން ވަނީ ނިންމާފަ އެވެ.