ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީން ހަގީގަތާ ކުރިމަތިލާންވެއްޖެ އެވެ. ޔާމީން ނޫން ކެންޑިޑޭޓެއް އަދި ޕްލޭން ބީއެއް ވެސް ނެތް ކަމަށް ދައްކައިގެން ތިބޭކަށް މިހާރަކު ވަގުތެއް ނެތެވެ. ފަސް އަހަރުގެ އާ ދައުރަކަށް، ރައީސަކު އިންތިހާބު ކުރަން، ވަގުތު ކުޑަތަންވެއްޖެ އެވެ.
01 އޯގަސްޓް 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީން ހަގީގަތާ ކުރިމަތިލާންވެއްޖެ އެވެ. ޔާމީން ނޫން ކެންޑިޑޭޓެއް އަދި ޕްލޭން ބީއެއް ވެސް ނެތް ކަމަށް ދައްކައިގެން ތިބޭކަށް މިހާރަކު ވަގުތެއް ނެތެވެ. ފަސް އަހަރުގެ އާ ދައުރަކަށް، ރައީސަކު އިންތިހާބު ކުރަން، ވަގުތު ކުޑަތަންވެއްޖެ އެވެ.
އެންމެ މީހަކަށް ވުރެ މުޅި ޕާޓީގެ ހައްގު ބޮޑެވެ. އެ ފިކުރަށް ތާއީދުކުރާ އެތައް ބައެއްގެ އުއްމީދާ ގުޅިފައިވާ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއަށް އިންތިހާބު ގެއްލިދާނެ ކަމުގެ މިސްރާބަކީ އެ ޕާޓީ ތެރެއިން ފެންނަން ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންވިޔަސް އިންތިހާބާ ކުރިމަތިލާއިރު ޕީޕީއެމް ފެންނަނީ އަމާޒެއް, ރޭވުންތެރިކަމެއް ނެތް ޕާޓީއެއްގެ ގޮތުގަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އިއްވި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ޖަލު ހުކުމާ ހެދި ޔާމީން އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް ވަނީ އުނިވެފަ އެވެ. އެ މަނިކުފާނުގެ 11 އަހަރުގެ މި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ވެސް ނުނިމޭނެކަން މިހާރު އޮތީ ކަށަވަރު ވެފަ އެވެ. މި ހާލަތުގައި, ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިޔަސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަލައި ކެންޑިޑެސީ ބަލައިނުގަތުމަކީ, ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގާތް ކަމެކެވެ.
ހުކުމް ތަންފީޒުކުރަން މާފުށި ޖަލަށް ގެންދިއުމަށް ޔާމީން ލޯންޗަށް އަރުވާފައި.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
ކުރިމަތީގައި މި ހާލަތު އޮތް ކަން އެނގި ތިބެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ލީޑަޝިޕް ފެންނަނީ ކުރިމަގާ މެދު ގޮތް ނިންމަން އުނދަގޫވެ, ހާސްކަން ކުރިމަތިވެފައިވާ ތަނެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ކަށަވަރުކުރަން ހަފުތާއަކަށް ވި އިރު ވެސް ކެމްޕޭނެއް ނުފެށި މުޅި ޕާޓީ ވަށައި އެނބުރެނީ އާއްމު މެމްބަރުންގެ ސުވާލުތަކެވެ.
ޔާމީނަށް ވާދަނުކުރެވިއްޖެ ނަމަ ޕީޕީއެމުން އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ އެ ހާލަތުގައި އެ މަނިކުފާނުގެ ޗޮއިސްއަކީ ކޮބައި ހެއްޔެވެ؟ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ޔާމީނާއި ޕާޓީއަށް ވަފާތެރި ބޭފުޅުންގެ ތެރެއިން ވާދަކުރަން ޝައުގުވެރިވާ އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ފަދަ ބޭފުޅަކަށް ފުރުސަތު ދެއްވާނެ ހެއްޔެވެ؟ ނޫން ނަމަ ކުރިމަތިކުރުވާނީ އެމަނިކުފާނަށް ވާދަނުކުރެވުމުގެ އަގު މުޅި ޕާޓީން އަދާކުރަން ޖެހޭ ފަދަ ހާލަތެއް ހެއްޔެވެ؟ ޕާޓީގައި އޮތް އެމަނިކުފާނުގެ ބާރު ގެއްލިދާނެ ކަމުގެ ބިރަށް ބައިބައިވެ ރޫޅެން ދޫކޮށްލާނީ ހެއްޔެވެ؟
ޕީޕީއެމްގެ ލީޑަޝިޕް ބޭފުޅުން މުޒާހަރާއެއްގައި -- ފޮޓޯ | މިހާރު
މިއިން އެއްވެސް ސުވާލަކަށް އާއްމު މެމްބަރުންގެ ހިތަށް ތަސައްލީއެއް ލިބޭނެ ފަދަ ޖަވާބެއް ދެއްވަން ޕީޕީއެމާއި ޕީއެންސީގެ ކުރީގައި ސަފުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް އަދި ކެރިވަޑައެއް ނުގަންނަވަ އެވެ. ހުރިހާ ކަމެއް އޮތީ ޔާމީންއާ ހިސާބުގަ އެވެ.
އިދިކޮޅު މެމްބަރުންގެ ޝުއޫރުތަކަށް ބަލާއިރު އެއް ކަމެއް ޔަގީނެވެ; ޔާމީނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި އެއްވެސް ކެންޑިޑޭޓަކު ނުދެއްކުން ނުވަތަ އިންތިހާބުގައި ވާދަނުކުރުމަކީ 40،000 އެއްހާ މެމްބަރުން ތިބި ތިބި ޕީޕީއެމާއި ޕީއެންސީގެ އާއްމު މެމްބަރުން ބޭނުންވާ ގޮތެއް ނޫނެވެ. ޔާމީން މިނިވަންކުރަން ގޮވާލައި ހިތްވަރާ އެކު މަގުމަތީގައި ފަސް އަހަރު އެ މީހުން ހޭދަކުރީ ޕީޕީއެމްގެ ވެރިކަމެއް ހޯދުމަށެވެ. މާޔޫސްކަމާއި ނާއުއްމީދާ އެކު ވެސް ހިތްވަރު އެލުވާނުލައި ޔާމީނާއި ޕާޓީގެ ހައްގުގައި މަސައްކަތްތަކެއްކޮށްފި އެވެ. ފަހު ވަގުތާ ހަމައަށް ކުރަން ވެސް އެ ތިބީ ސާބިތުކަމުގަ އެވެ.
ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމުން މުޒާހަރާކުރަނީ.-- ފޮޓޯ: ޕީޕީއެމް
މި މެމްބަރުން އެކަންޏެއް ނޫނެވެ. ސިޔާސީ ގޮތުން ޕީޕީއެމަށް އެންމެ އުނދަގޫ ކަންކަން ކުރިމަތިވިއިރު މެމްބަރުން ގޮވައިގެން ޕާޓީގެ އެކަތިގަނޑަކަށް ހަދައި ހިންގުމުގައި ތިއްބެވި ޕީޕީއެމްގެ ލީޑަޝިޕް ވެސް އެ މަނިކުފާނަށް އިހްލާސްތެރި އެވެ. ފަހު ވަގުތާ ހަމައަށް ވެސް އެ ތިއްބެވީ އަމިއްލަ އެދުން އިސްނުކުރައްވާނެ ކަމުގެ ޔަގީންކަން ޔާމީނަށް އަރުވަމުން ވަފާތެރިކަމުގަ އެވެ.
މިހާ ހިސާބުން ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވާ ގޮތަށް މުޅި ޕާޓީ އާއި ގައުމުގެ ހައްގުގައި އެ މަނިކުފާނު ގޮތް ނިންމެވުމުގެ ވަގުތު މިއޮތީ ޖެހިފަ އެވެ. ޔާމީންގެ ވެރިކަމުގައި އޭރު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވެސް މި ހާލަތު މެދުވެރިވި އެވެ. ގޮތް ދޫކޮށް އެ ޕާޓީން ކެންޑިޑޭޓަކު ދެއްކީ އާއްމު މެމްބަރުންގެ މަސްލަހަތު ބޮޑުކަމުންނެވެ.
ޕީޕީއެމާއި ޕީއެންސީގެ ޖަލްސާތަކުގައި ޔާމީން ވާހަކަ ދައްކަވަމުން ކުރީ ގޮނޑިބަރިއަށް އިޝާރާތް ކުރައްވައި ޒުވާން ލީޑަރުންނަށް ވަރަށް ތައުރީފް ކުރައްވަ އެވެ. ރައީސްކަން ކުރެއްވޭ ވަރުގެ ގާބިލް ބޭފުޅުން ޕާޓީގައި ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެ އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި ޕީޕީއެމްގެ ސެނެޓުގެ މެމްބަރުންތަކެއް ވިދާޅުވީ ޔާމީނަށް ވާދަނުކުރެވިއްޖެ ނަމަ އެހެން ޕާޓީއެއްގެ ފަހަތަށް އަރައި އެ ޕާޓީގެ ކެންޑިޑޭޓަކު ރައީސްކަމަށް ގެންނަން ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ބޭނުން ނުވާނެ ކަމަށެވެ. ޕީޕީއެމުގައި ތިއްބެވި ޒުވާން, ތައުލީމީ, ގާބިލް, ވިސްނުން ތޫނު ބޭފުޅުންގެ ތެރެއިން އެކަކު ނުކުންނަވައި ޕާޓީއަށް އިންތިހާބު ކާމިޔާބުކޮށްދިނުން އެ މީހުންނަށް މާ މުހިއްމު ކަމަށް ވިދާޅުވި އެވެ.
"މައްސަލައަކަށް މިވަނީ އެ މަންޒަރު ޕާޓީ ތެރެއިން ނުފެނުން, މިނިވަންކަމާ އެކު އެންމެ ކުޑަމިނުން އެ ހިޔާލުފާޅުކުރަން ވެސް ޖާގަ ނުލިބުން," އެއް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ މި ހާލަތާ ގުޅޭ ވާހަކަ ރައީސް ޔާމީނާ ދައްކަވަން ސެނެޓުގެ ބައެއް މެމްބަރުން ވަރަށް ހިތްވަރު ކުރެއްވި އެވެ. މާދުރުން ފަށައިގެން ނަމަވެސް އެ ވާހަކައާ ހިސާބަށް ދާން ތައްޔާރުވެ ބޭއްވި ބައްދަލުވުންތަކުގައި ވެސް ކުރިއެރުމެއް ނުލިބުނެވެ.
އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޕީޕީއެމަށް މި އިންތިހާބު ކާމިޔާބުވުން އެމަނިކުފާނަށް މާ މުހިއްމެއް ނޫން ކަން އަމަލުކުރައްވާ ގޮތުން ވިދާޅުވެވެން އެބައޮތެވެ. ވެރިކަމުގެ ބާރުވެރިކަމުގައި ހުންނަވައި ވާދަކުރައްވައި 2018 ގެއްލުނު އިރު، މި އިންތިހާބު ކާމިޔާބުކުރުމަށް ވުރެން މައުސޫމްކަން ސާބިތުވުން މާ މުހިއްމު ކަމަށް އެއް ބޭފުޅަކު ވިދާޅުވި އެވެ.
"ވާދަނުކުރެވިއްޖެ ހާލަތެއްގައި ވެސް ޕީޕީއެމް އޮންނާނެ އެމަނިކުފާނުގެ ބާރުވެރިކަމުގެ ދަށުގައި. އޭރަށް ނިމުނީ. އެ ބާރު ގެއްލޭކަށް ރައީސް ޔާމީން ބޭނުން ނުވާ ކަން އެނގެނީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރެވޭނެ ގާބިލް ބޭފުޅުން ތިއްބަވަނިކޮށް އެ ފުރުސަތު ނުދެއްވުން," އޭނާ ވިދާޅުވި އެވެ.
"ޕާޓީއަށް ވެރިކަން ހޯދައިދޭން ހަރަދެއް ވެސް ނުކުރައްވާނެ. ކެންޑިޑޭޓަކު ދައްކާ ނަމަ ވެސް ދައްކަވާނީ އެމަނިކުފާނުގެ ބާރުވެރިކަން އޮންނަ ގޮތަށް މާދުރުގައި ތިއްބެވި ބޭފުޅުން ކަމަށް މިހާރު ބެލެވެނީ."
މި ވާހަކަތައް އޭނާ ގުޅުވީ ރަނިން މޭޓަކަށް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހަމަޖެއްސެވުމާ އެވެ. ޔާމީންގެ ފުރަތަމަ ނައިބަކަށް ހަމަޖެއްސެވި ޖަމީލް ދައުރުގެ މެދުތެރެއިން މަގާމުން ވަކިކުރީ ސިޔާސީ ބާރުވެރިކަން ހޯދަން ޕާޓީތެރެއިން ދިޔަ ހަނގުރާމައެއްގެ ތެރޭގައި ޔާމީނަށް އެމަނިކުފާނަށް އިތުބާރު ނުކުރެއްވިގެންނެވެ.
އަނެއްކާވެސް ޖަމީލް ދެއްކެވުމަކީ ޕީޕީއެމް ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ރުހިވަޑައިގެންނެވި ކަމެއް ނޫނެވެ.
ކުރިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި ގޮތުގައި ޕީޕީއެމަށް ވަމުންދާ ގޮތާ މެދު ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ޕީޕީއެމުން ކެންޑިޑޭޓަކު ޔާމީން ނުދައްކަވާނެ ކަން ޔަގީނާ ގާތަށް ހިސާބު ޖެހުމުން އަމާޒު މިހާރު ހިފާފައި ހުރީ ކޮންމެވެސް ގޮތަކުން ނަމަވެސް ޕާޓީގެ ލީޑަޝިޕަށް ގޮތް ނިންމުމުގެ ބާރު ހޯދުމަށެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރަން އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިދިކޮޅުގެ ކޯލިޝަންގެ އިސްވެރިންނާއި ބައިވެރިވަނީ... ފޮޓޯ: ޕީޕީއެމް
މާނައަކީ ޔާމީން ދެކެ ޖެހިލުންވާތީ, ސިއްރިއްޔާތުގައި ލީޑަޝިޕުން ގެންގުޅުނު ޕްލޭން ބީ ތަންފީޒުކުރުމެވެ. ޔާމީނަށް ވާދަނުކުރެވޭނެ ކަން ކަށަވަރުވުމާ އެކު ދެން ހުށަހަޅާނީ ސެނެޓް ބާއްވައިގެން ސެނެޓުން ގޮތް ނިންމަން ކަން "މިހާރު"އަށް ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.
މި ހިސާބުން ޕާޓީ ތެރޭގައި އޮތް ބައިބައިވުން ރީއްޗަށް ފެންނާނެ އެވެ. ފެކްޝަންތައް ވަރަށް ސާފުކޮށް ފާޅުވާނެ އެވެ. ކެންޑިޑޭޓަކު ނުދައްކައި މިހާލަތު ކުރިމަތިކުރުމަކީ ޕީޕީއެމް އެތައް މެމްބަރުންނެއްގެ ކުރިމަގު އެންމެ މީހެއްގެ ހައްގަށްޓަކައި ގުރުބާންކޮށްލުން ކަމަށް ސެނެޓުގެ ބައެއް މެމްބަރުން ވިދާޅުވެ އެވެ.
ޔާމީނަށް ވުރެން މުޅި ޕާޓީގެ ހައްގު ބޮޑު އިރު ޕާޓީ ތެރެއިން ފެންނަން ޖެހެނީ އެ މިސްރާބެވެ. ޔާމީނަށް ވާދަނުކުރެވޭކަން ކަށަވަރުވާ ހާލަތުގައި ވެސް ކެންޑިޑޭޓަކު ނުދައްކައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ރޫޅެން ދޫކޮށްލުމަކީ އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވުމެވެ.
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޔާމީން ނޫން ޕްލޭނެއްގެ ވާހަކަ ދެއްކުމުން ހޫނުވެއްޖެ!
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ހޯޕް ކޮންފަރެންސް: ޔާމީން ނޫނީ ބޭނުމެއް ނޫން
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
ޔާމީން ދެން ނުހިފެހެއްޓޭނެ، 2023 ނޫން ގޮތެއް ނެތް
ޔާމީނަށް ރިޔާސީ ޓިކެޓް ދޭން އިދިކޮޅު ފާސްކޮށްފި