Roadha Mihaaru
ސަދާގެ މަރު: ދެ ޑޮކްޓަރަކު ސަސްޕެންޑުކޮށްފި

ސަދާގެ މަރުގެ މައްސަލައިގައި ހިމެނޭ ދެ ޑޮކްޓަރަކު ސަސްޕެންޑުކޮށްފި

14 ޑިސެމްބަރ 2021

ފުވައްމުލަކު ހޮސްޕިޓަލުގައި، އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަށް ފަރުވާ ދިނުމުގައި އިހުމާލުވި ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުވައްމުލަކު ހޮސްޕިޓަލުގައި، އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަށް ފަރުވާ ދިނުމުގައި އިހުމާލުވި ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑްކޮށްފި އެވެ.

އެ ކުއްޖާގެ ބައްޕަ ސައުދުﷲ އަހުމަދަށް އެ ހޮސްޕިޓަލުން މިއަދު ފޮނުވި ސިޓީއެއްގައި ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު، ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން އެ މައްސަލަ މުރާޖައާ ކުރަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ވެ އެވެ. ނަމަވެސް އޭގެ ތަފުސީލެއް ދީފައެއް ނުވެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ސަދާ އަށް ފަރުވާ ދިން މެޑިކަލް އޮފިސަރަކު މި މަހުގެ އެއް ވަނަ ދުވަހު ވަޒީފާ އިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެއީ ސަސްޕެންޑުކުރި މީހުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރެއް ކަމެއް ޔަގީނެއް ނޫނެވެ.

އެ ކުއްޖާ ބަނޑުގައި ރިއްސައި، ވަރަށް ގަދަ އަށް ހޮޑުލާތީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ދިޔައީ ފުވައްމުލަކުގެ ފްލޫ ކުލިނިކަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، އެ ކުލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ހޮސްޕިޓަލަށް ފޮނުވައިލީ އެވެ.

ސަދާ މަރުވީ އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީ އަށް ހުށަހެޅީ އެވެ.

އެކަން ހިނގައިދިޔަ ގޮތުގެ ރިވިއު ހެދުމަށް ފަހު ،ހެލްތު މިނިސްޓްރީން 21 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓަރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒަމިން ކޮށްފައި ނުވުން ހިމެނެ އެވެ.

ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައި ވަނީ ކުއްޖާ ނުބަލާކަން މިނިސްޓްރީގެ ރިވިއު އިން އެނގެ އެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެ ކުއްޖާ އެގްޒަމިން ކުރި ކަމަށެވެ. އަދި ދޮގު މައުލޫމާތު ހުށަހަޅާފައިވެ އެވެ.