Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"

ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސްވީ"

04 އޮކްޓޯބަރ 2021

ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް، އުމުރުން ފަސް އަހަރުގެ ސަދާ އިއްޔެ މަރުވި ސަބަބެއް ކަމަށް އާއިލާ އިން ތުހުމަތުކުރަނީ ޖެހި އިންޖެކްޝަނެކެވެ. ބަނޑުގައި ރިއްސައި ހޮޑުލައި އުޅޭތާ ދެތިން ދުވަސް ފަހުން ކުއްޖާ ކުއްލި ގޮތަކަށް މަރުވީ އާއިލާ އިން ބުނާ ގޮތުން އިންޖެކްޝަން ޖެހިތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް، އުމުރުން ފަސް އަހަރުގެ ސަދާ އިއްޔެ މަރުވި ސަބަބެއް ކަމަށް އާއިލާ އިން ތުހުމަތުކުރަނީ ޖެހި އިންޖެކްޝަނެކެވެ. ބަނޑުގައި ރިއްސައި ހޮޑުލައި އުޅޭތާ ދެތިން ދުވަސް ފަހުން ކުއްޖާ ކުއްލި ގޮތަކަށް މަރުވީ އާއިލާ އިން ބުނާ ގޮތުން އިންޖެކްޝަން ޖެހިތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

"އެ އިންޖެކްޝަން ޖެހިތާ ފަސް މިނެޓް ތެރޭގައި ދަރިފުޅު ޚަބަރު ހުސްވެއްޖެ،" ކުއްޖާގެ ބައްޕަ ސައުދުﷲ އަހްމަދު އަސަރާ އެކު ކިޔައިދިނެވެ.

ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ ސައުދުﷲ "މިހާރު" އަށް މިރޭ ވިދާޅުވީ ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދަ އަށް ހޮޑުލާތީ މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު އެންމެ ފުރަތަމަ ދިޔައީ އެ ސިޓީގައި ހުންނަ ފްލޫ ކުލިނިކަށް ކަމަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި ފްލޫ ކުލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ހޮސްޕިޓަލަށް ފޮނުވައިލި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން ދެއްކުމުން ދިން ބޭސް ބޭނުންކޮށް، އެ ބޭހުން ރަނގަޅުވޭތޯ ހޮނިހިރު ދުވަހާ ހަމަޔަށް ބެލުމަށް ފަހު ސަދާގެ ހާލަތު ރަނގަޅު ނުވުމުން، އިއްޔެ ހެނދުނު އަލުން ޑޮކްޓަރަށް ދެއްކީ އެވެ. އިންޖެކްޝަން ޖެހީ ޑޮކްޓަރު އަލުން ސަދާ ބެލުމަށް ފަހު ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

"އިންޖެކްޝަން ޖެހީ އެ މަންޖެގެ ދުވަސް ދިޔައީ،" ސައުދުﷲ ވިދާޅުވި އެވެ.

"ޖެހީ ކޮން ކަހަލަ އިންޖެކްޝަނެއް ކަމެއް ވެސް ހޮސްޕިޓަލުން ސާފެއް ނުކޮށްދޭ."

އޭނާ ވިދާޅުވީ ދަރިފުޅުގެ ބޭސް ސިޓީ ވެސް އަތަކަށް ނުލިބޭ ކަމަށެވެ. އަދި ލިބުނު ހޮސްޕިޓަލްގެ ލިޔުންތަކުގައި ވެސް އިންޖެކްޝަންގެ މައުލޫމާތެއް އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.

ސައުދުﷲ އަހުމަދު އޭނާގެ ދަރިފުޅު ސަދާއާ އެކު.

ސައުދުﷲ އަހުމަދު އޭނާގެ ދަރިފުޅު ސަދާއާ އެކު.

ސަދާގެ މަރު ސާބިތުކުރީ އިއްޔެ އިރުއޮއްސި 7:08 ގަ އެވެ. މިއަދު ފަތިސް ނަމާދަށް ފަހުގައި ސަދާ ވަނީ ވަޅުލައިފަ އެވެ.

ސައުދުﷲ ތުހުމަތު ކުރެއްވި ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމުގައި ފަރުވާ ކުޑަކުރުމަކީ މިހާރު ހައްދުފަހަނައަޅައިފަ އޮތް ކަމެކެވެ. ދަރިފުޅަށް އިންސާފު ބޭނުންވާ ކަމަށާއި މި ކަމުގައި ހޮސްޕިޓަލް ޖަވާބުދާރީ ކުރުވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ މިއަދު ހަވީރު ވަނީ އާއިލާއާ އެކު ފުވައްމުލަކު ހޮސްޕިޓަލު ދޮށަށް އެއްވެ، އިހުތިޖާޖު ވެސް ކުރައްވައިފަ އެވެ.

"ހޮސްޕިޓަލުގެ އިހުމާލު އިންތިހާ އަށް ބޮޑު. އެހެންވެ އަޅުގަނޑުމެން މި ނުކުތީ އަޅުގަނޑުގެ ދަރިފުޅަށް ހޯދައިދެވޭނެ އިންސާފަކީ މި ރަށުގެ ރައްޔިތުންނަށް ވެސް ހޯދައިދެވޭނެ އިންސާފެއް ކަމަށް ދެކޭތީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ކަމުގައި އެންމެ ފަހު މިނެޓާ ޖެހެންދެން ހުންނާނަން."

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދިރާރު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި ސަދާ މަރުވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލުގެ އެއްވެސް ކަމެއް އުޅޭ ނަމަ އެކަން ބަލާނެ ކަމަށާއި ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ވެސް އެކަމާ ގުޅޭ ގޮތުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އާއިލާގެ ތުހުމަތުތަކާ ބެހޭ ގޮތުން ހޮސްޕިޓަލްގެ ބަހެއް ހޯދަން މިއަދު ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ.