Roadha Mihaaru
ފުވައްމުލަކުގެ އަންހެނުންގެ ޑޮކްޓަރުގެ މައްސަލަ ބޮޑު

ފުވައްމުލަކުގެ އަންހެނުންގެ ޑޮކްޓަރާ ދެކޮޅަށް ކައުންސިލުން ތެދުވެއްޖެ

16 ޖުލައި 2021

ޏ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ މިސްރުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މާބަނޑުމީހުންނަށާއި ކުދިންގެ ފުރާނަ އަށް ގެއްލުންވާ ފަދަ ކަންކަން ފެންމަތިވެ، އެކަމުގެ ޝަކުވާ އިތުރުވުމުން ފުވައްމުލަކު ސިޓީ ކައުންސިލުން އެ މައްސަަލައިގައި ތެދުވެއްޖެ އެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ މިސްރުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މާބަނޑުމީހުންނަށާއި ކުދިންގެ ފުރާނަ އަށް ގެއްލުންވާ ފަދަ ކަންކަން ފެންމަތިވެ، އެކަމުގެ ޝަކުވާ އިތުރުވުމުން ފުވައްމުލަކު ސިޓީ ކައުންސިލުން އެ މައްސަަލައިގައި ތެދުވެއްޖެ އެވެ.

އެ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާވާ ކަމުގެ ޝަކުވާ ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސް، ހައްލެއް ހޯދަން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މިދިޔަ ދުވަސްތަކުގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތައް ތަކުރާރު ވެދާނެ ކަމަށްޓަކައި ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްގައި އެދުނީ ވަގުތުން އެ ޑޮކްޓަރު މަސައްކަތުން އެކަހެރި ކުރުމަށެވެ. އަދި އޭނާގެ ބަދަލުގައި އެހެން ޑޮކްޓަރަކު ހަމަޖައްސައި ދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

"އަދި މިކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރާއި ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ ފަރާތުން ލިބިފައިވާކަން މި ފުރުސަތުގައި ދަންނަވަމެވެ،" މިދިޔަ މާޗު މަހުން ފެށިގެން ޏ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ އަންހެން ޑޮކްޓަރާ ގުޅޭ ގޮތުން ބަޔާނުގައި ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޏ. އަތޮޅު ހޮސްޕިޓަލްގައި ހެދި ސިޒޭރިއަންތަކުގެ ތެރެއިން ތިން އޮޕަރޭޝަނެއްގައި މައްސަލަތަކެއް ނުކުމެ، މާލެ އަށް އެ މީހުން ފޮނުވަން ޖެހިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލްގެ މެނޭޖުމަންޓާއެކު ބޭއްވި ބައްދަލުވުމުން އެނގުނު ކަމަށެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މިދިޔަ ދެ މަހެއްހާ ދުވަހު ކުރިމަތިވެފައިވާ ހާދިސާތަކަށް ބަލާއިރު، އެއީ މައިމީހާ އާއި ދަރިފުޅުގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަންކަމަށް ވާތީ ނުހަނު ކަންބޮޑުވާ ކަމެކެވެ.

"އަދި މިފަދަ ކަންތައްތައް ތަކުރާރުވުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދާނެ ފަދަ ކަންތައްތައް ކަމަށް ވާތީ، މި ކަންތައްތަކަށް މި ސިޓީގެ ރައްޔިތުންނަށް ހައްލު ހޯދައިދޭން ކުރަންޖެހޭ ހުރިހާ ކަމެއް މި ކައުންސިލުން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި ހަމައެއާއެކު، މި ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ސިއްހީ ހިދުމަތް އޭގެ އެންމެ މަތީ ދަރަޖަ އަށް ފޯރުކޮށްދިނުމަށް ވެސް ކައުންސިލުން މަސައްކަތް ކުރަމުންދާނެ ކަމުގައި ދަންނަވަމެވެ،" ފުވައްމުލަކު ސިޓީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.