Roadha Mihaaru
ވެލެންސިއާއިން އާތީ ވަކިވެއްޖެ، ސީޒަނަށް ތައްޔާރެއްނޫން

ވެލެންސިއާ އިން އާތީ ވަކިވެއްޖެ، ސީޒަނަށް ޓީމު ތައްޔާރެއް ނޫން

14 ޑިސެމްބަރ 2021

ވެލެންސިއާގެ ކޯޗްކަމުގައި ހުރި މުހައްމަދު އާތިފް އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވެލެންސިއާގެ ކޯޗްކަމުގައި ހުރި މުހައްމަދު އާތިފް އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފި އެވެ.

ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މާދަމާ ރޭ ކުޅޭ، ޗެރިޓީ ޝީލްޑް މެޗުގެ ޕްރީ މެޗު ޕްރެސްގައި ވެލެންސިއާގެ އެސިސްޓެންޓް ކޯޗު، އާފިއު މުހައްމަދު ހަމީދު، ބުނީ އާތީ އިސްތިއުފާ ދިނީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ.

"ކޯޗުގެ އަމިއްލަ ނިންމުމެއް ޓީމުން ވަކިވުމަކީ،" އާފިއު ބުންޏެވެ.

އޭނާ ބުނީ ޗެރިޓީ ޝީލްޑް މެޗާއި ޕްރެޒިޑެންޓް ކަޕުގައި ޓީމުގެ ޓްރޭނިންތަކާއި މެޗުތަކުގެ ތައްޔާރީތައް ކުރިއަށް ގެންދާނީ ކޯޗިން ޓީމުގެ ބެލުމުގެ ދަށުން ކަމަށެވެ. ކޯޗިން ޓީމުގައި ހިމެނެނީ އޭނާގެ އިތުރުން އިސްމާއީލް އާސިފް (ކުޑަހީނާ) އާއި އިލްމާއު ހުސައިން (މައު) ކަމަށް އާފިއު ބުންޏެވެ.

މާދަމާ ރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށާއި ފުޓުބޯޅަ ސީޒަނަށް އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރުވެވިފައި ނުވާ ކަމަށް އާފިއު ބުންޏެވެ.

"ސީޒަން އޯޕަނިން މެޗަކަށް ތައްޔާރުވާން ޖެހޭ ވަރަކަށް ތައްޔާރެއް ނުވެވުނު،" އާފިއު ބުންޏެވެ.

ޓީމު ހަމަވެގެން މިހާތަނަށް އެ ޓީމަށް އެންމެ ޕްރެކްޓިހެއް ވެސް ކުރެެވިފައެއް ނުވެ އެވެ.

"ވަގުތު ނުލިބުނީމަ މެޗަށް ނުކުންނައިރު ދަތިތައް އެބަހުރި. އެހެންވީމަ އެއީ މައްސަލައެއް."

އެކަމަކު އޭނާ ބުނިގޮތުގައި ހުރި ގޮންޖެހުންތަކާ އެކު ވެސް މި ވަގުތަށް ވެވެން އޮތް އެންމެ ރަނގަޅަކަށް އެޓީމު ވަނީ ތައްޔާރުވެފަ އެވެ.

އޮކްޓޯބަރު މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އަނިޔާ ވެގެން ކުޅުމާ ދުރަށް ދާން ޖެހުނު، ވެލެންސިއާ އަދި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްގެ އަނިޔާ ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު މާދަމާ ރޭގެ މެޗުގައި އޭނާ ކުޅޭނެކަމުގެ ޔަގީން ކަމެއް އަދި ނެތެވެ. އާފިއު ބުނީ ފައިސަލް ބަލިވެ އުޅޭތީ އެންމެ ފަހުގެ ޕްރެކްޓިހަށް ހާޒިރު ނުވާ ކަމަށެވެ.

މިދިޔަ ސީޒަންގައި ވެލެންސިއާގެ ކެޕްޓަންކަން ކުރި އަލީ އަޝްފާގު (ދަގަނޑޭ) ވެސް މިހާރު ވަނީ އެ ޓީމުގެ ޕްރެކްޓިހަށް ނުކުންނަން ފަށައިފަ އެވެ. އަދި މިދިޔަ ސީޒަންގައި ޓީސީ އަށް ކުޅުނު ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕަސްލަސް ވަނީ ވެލެންސިއާ ގުޅިފަ އެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު މިޑްފީލްޑަރު އިސްމާއީލް އީސާ އާއި އީގަލްސް އަށް ކުޅުނު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ވެލެންސިއާ ގުޅިފަ އެވެ.