Roadha Mihaaru
ތައްޔާރީތަކުގައި ވެސް މާޒިޔާއާ ވާދަކުރެވޭނެ ޓީމެއް ނެތް

ތައްޔާރީތަކުގައި ވެސް މާޒިޔާއާ ވާދަކުރެވޭނެ ޓީމެއް ނެތް

15 ޑިސެމްބަރ 2021

މިރޭ ފަށާ ފުޓްބޯޅަ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވީ، މާޒިޔާ އެވެ. މިދިޔަ މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުގެ ޒިންމާއިން ކުޅުންތެރިން ދޫވުމުން އެ ކްލަބުން ވަނީ ނ. އޮތޮޅަށް ދަތުރުކޮށް، ޕްރީ ސީޒަން ޓްރޭނިން ޓުއާއެއް ކުރިއަށް ގެންގޮސްފަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިރޭ ފަށާ ފުޓްބޯޅަ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވީ، މާޒިޔާ އެވެ. މިދިޔަ މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުގެ ޒިންމާއިން ކުޅުންތެރިން ދޫވުމުން އެ ކްލަބުން ވަނީ ނ. އޮތޮޅަށް ދަތުރުކޮށް، ޕްރީ ސީޒަން ޓްރޭނިން ޓުއާއެއް ކުރިއަށް ގެންގޮސްފަ އެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނިގޮތުގައި ވާދަވެރި ޕްރީ ސީޒަން މެޗެއް ނުލިބުން ފިޔަވައި، ނ. އަތޮޅުގެ ޓްރޭނިންތައް ދިޔައީ ރަނގަޅަށެވެ. މާޒިޔާއަށް ޕްރީ ސީޒަން ވާދަވެރި މެޗެއް ލިބުނީ މާލެ އައިސް ކުޅުނު މެޗުތަކުންނެވެ.

ފުޓުބޯޅަ ސީޒަން މިރޭ 9 ޖަހާއިރު ފަށާނީ މާޒިއާ އާއި ވެލެންސިއާ ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗުންނެވެ.

ގިނަ ޓީމުތައް ސީޒަނަށް އެންމެ ރަނގަޅަކަށް ތައްޔާރެއް ނުވެ އެވެ. މާޒިޔާއާ ދަނޑުމަތިން ވެސް އަދި ދަނޑު ބޭރުން، ކްލަބް ހިންގުމުގަޔާއި މެނޭޖް ކުރުމުގައި ވެސް ވާދަކުރެވޭނެ ކްލަބެއް ނެތެވެ. ގިނަ ޓީމުތަކަށް އަދިވެސް ކުޅުންތެރިން ހަމަނުވެ އެވެ. ބައެއް ޓީމުތަކުގައި ކުރިން ސުރެ ދޭން ޖެހިފައި ހުރި މުސާރައަށް ހައްލުތަކެއް ހޯދިފައި ނެތުމުން، ޕްރެކްޓިސް ފެށިފައެއް ނުވެ އެވެ.

ފުޓްބޯޅައިގައި ހަރަކާތްތެރިވާ ތަޖުރިބާކާރު އޮފިޝަލަކު ބުނިގޮތުގައި މާޒިޔާއިން ކިތަންމެ ރަނގަޅަށް ތައްޔާރު ވިޔަސް، އެހެން ކްލަބުތަކުން އެވަރަށް ތައްޔާރު ނުވުމަކީ މާޒިޔާ އަށް ވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ.

މާޒިޔާއިން، ނ. އަތޮޅަށް ކުރި ކެމްޕްގެ ތެރެއިން --- ފައިލް ފޮޓޯ: މާޒިޔާ

މާޒިޔާއިން، ނ. އަތޮޅަށް ކުރި ކެމްޕްގެ ތެރެއިން --- ފައިލް ފޮޓޯ: މާޒިޔާ

"މީގެ އަސަރު އެންމެ ބޮޑަށް ފެންނާނީ އޭއެފްސީ ކަޕްގައި،" އޭނާ ބުންޏެވެ.

އޮފިޝަލް ބުނިގޮތުގައި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނަޅައި ދިއުމަށް، މާޒިޔާއިން ކޮންމެ އަހަރަކު ވެސް ބޮޑެތި ހަރަދުތަކެއްކޮށް ވަރުގަދަ އަށް ތައްޔާރުވާއިރު ވެސް އެކަން ހާސިލު ނުވެ އޮތީ ޑޮމެސްޓިކް ސީޒަންގައި މާޒިޔާއާ ވާދަކުރެވޭނެ ގިނަ ކްލަބުތަކެއް ނެތުމުންނެވެ.

"ނިއު ރޭޑިއަންޓުން 2005 ގައި އޭއެފްސީ ކަޕް ސެމީ ފައިނަލަށް ދަތުރު ކުރިއިރު ޑޮމެސްޓިކް ސީޒަންގައި އެ ކްލަބާ ވާދަކުރާނެ ވަރުގަދަ ކްލަބުތަކެއް އޮތް. ވެލެންސިއާ ވަރުގަދަ، ވިކްޓަރީ ވަރުގަދަ. އައިއެފްސީ ވަރުގަދަ. ޑޮމެސްޓިކް ސީޒަންގައި ވެސް ވަރުގަދައަށް ވާދަކުރާނެ ކްލަބުތަކެއް އޮތް،" އޭނާ ބުންޏެވެ.

"ހަމަ އެހެންމެ 2013 ގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އިރު ވެސް. މާޒިޔާ ވަރުގަދަ. އީގަލްސް ވެސް ބޮޑު ހަރަދެއްކޮށް ވަރުގަދަކުރި. އަނެއްކާ އެއީ ވެލެންސިއާ ވަރުގަދަ ކުރި އަހަރެއް. އެކަމަކު މިހާރު އޭއެފްސީ ކަޕްގައި މަޒިޔާ ގުރޫޕް ސްޓޭޖު ފަހަނަޅައި ނުދެވިގެން އުޅޭ ސަބަބަކަށް ވެދާނެ ޑޮމެސްޓިކް ސީޒަންގައި ވާދަވެރި ކަމެއް ނެތުން."

އެހެން ކްލަބްތައް ތައްޔާރު ނުވުމަކީ ޖުމުލަކޮށް މުޅި ފުޓްބޯޅަ އަށް ކިހާވަރެއްގެ އަސަރެއް ކުރާނެ ކަމެއްތޯ، އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސްގައި ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބު ދޭކަށް ކޯޗު މޯހަން ބޭނުމެއް ނުވި އެވެ.

މާޒިޔާގެ ކޯޗް މޯހަން: އޭނާ ބުނީ އެހެން ކްލަބްތަކާ ބެހޭގޮތުން ވާހަކަ ދެއްކެން ނެތް ކަމަށް --- ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ކޯޗް މޯހަން: އޭނާ ބުނީ އެހެން ކްލަބްތަކާ ބެހޭގޮތުން ވާހަކަ ދެއްކެން ނެތް ކަމަށް --- ފޮޓޯ: އެފްއޭއެމް

"ތިކަމަކަށް މި ވަގުތު އަޅުގަނޑަކަށް އެއްޗެއް ނުބުނެވޭނެ. އިތުރު ކްލަބަކާ ބެހޭގޮތުން ވާހަކައެއް ދެއްކޭކަށް ނެތް. އަޅުގަނޑަށް އަޅުގަނޑުގެ ޓީމާ ބެހޭ، މާޒިޔާއާ ބެހޭ ވާހަކައެއް ވެއްޖެއްޔާ ދެއްކިދާނެ."

ވެލެންސިއާގެ ކޯޗު އާފިއު މުހައްމަދު ހަމީދު ބުނިގޮތުގައި ވެލެންސިއާ އަށް އެންމެ އެކަށީގެންވާ ގޮތަކަށް މެޗަށް ތައްޔާރެއް ނުވެވުނެވެ. މޯހަން ބުނީ އިދިކޮޅު ޓީމު ތައްޔާރު ނުވުމަކީ އެޑްވާންޓޭޖާއި ޑިސް އެޑްވާންޓޭޖް ވެސް އޮންނާނެ ކަމެއް ކަމަށެވެ.

"ތައްޔާރުވާ ޓީމަކުން މާބޮޑަށް މޮޅުވާން ބޭނުންވުމުގެ ޕްރެޝާ އިންނާނެ. ތައްޔާރު ނުވެ އަންނަ ޓީމަކަށް އެ ޕްރެޝާ އެހާ ބޮޑެއް ނުވާނެ. ހަމަޖެހިލައިގެން އަރައި ކޮންމެ ގޭމެއް ބޭނުން ގޮތަކަށް ކުޅެލިޔަސް އެއީ މާބޮޑު ޝަކުވާ އަކަށް ވެގެނެއް ނުދާނެ. އަބަދުވެސް އިންނާނެ ބުނެވެން ތިމަންނަމެން ރަނގަޅަށް ތައްޔާރެއް ނުވަމޭ. ޕްރެކްޓިހެއް ނުކުރެވޭ އެވަރަކަށް. އެކަންތައްތައް ހުންނާނީ،" މޯހަން ބުންޏެވެ.