Roadha Mihaaru
"ގަންގޫބާއީ ކަތިއަވާޅީ" ބާލިން ފިލްމު ފެސްޓިވަލަށް

ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ބާލިން ފިލްމު ފެސްޓިވަލަށް

17 ޑިސެމްބަރ 2021

އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" އަންނަ އަހަރުގެ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ޕްރީމިއާ ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" އަންނަ އަހަރުގެ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ޕްރީމިއާ ކުރަން ނިންމައިފި އެވެ.

ޖަރުމަންގެ އެ ފެސްޓިވަލް ތާވަލު ކޮށްފައި ވަނީ ފެބްރުއަރީ 10-22 އަށެވެ.

އާލިއާ ބަޓް ޓައިޓްލް ރޯލު ކުޅެފައިވާ "ގަންގޫބާއީ" އިންޑިއާގެ ސިނަމާތަކުގައި އަޅުވާ ގޮތަށް ހަމަޖެހިފައި އޮތީ ފެބްރުއަރީ މަހުގެ 18 ގަ އެވެ. މި ފިލްމު އަންނަ އަހަރުގެ 72 ވަނަ ބީއައިއެފްއެފްގައި ޕްރީމިއާކުރަން ނިންމި އިރު، އާލިއާގެ އެހެން ފިލްމެއް ވެސް އެ ފެސްޓިވަލްގައި ކުރިން ޕްރީމިއާކުރި އެވެ. އެއީ އިންޑިއާ އިން އޮސްކާ އެވޯޑަށް ވެސް ފޮނުވި 2019 ގެ "ގަލީ ބޯއި" އެވެ.

"ގަންގޫބާއީ" އަކީ މުމްބާއީގައި 1960 ގެ އަހަރުތަކުގައި އުޅުނު މާފިއާ ކްއީންއެއް ކަމަށްވާ ގަންގޫބާއީގެ ވާހަކަ ކިޔައިދޭ ކްރައިމް ބައޮގްރަފިކަލް ޑްރާމާއެކެވެ. ބަންސާލީއާ އެކު އާލިއާ މަސައްކަތްކުރި ފުރަތަމަ ފިލްމުގެ ބަތަލަކީ ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިޖޭ ރާޒް، ސީމާ ޕަހްވާ، އިންދިރާ ތިވާރީ އަދި ވަރުން ކަޕޫރް ހިމެނެ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަންގޫބާއީ" ގެ ހާއްސަ ފެނިލުންތަކުން އަޖޭ ދޭވްގަނާއި އިމްރާން ހާޝިމީ އަދި ހުމާ ގްރޭޝީ ވެސް ފެންނާނެ އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ޕަދުމާވަތު" އެވެ.