Roadha Mihaaru
ބަންސާލީ އަށް "ދޭވްދާސް" ގެ އުފާވެރި ހަނދާންތަކެއް

ބާލިން ފެސްޓިވަލަށް އަލުން ދާތީ ބަންސާލީ އަށް "ދޭވްދާސް" ގެ އުފާވެރި ހަނދާންތަކެއް

20 ޑިސެމްބަރ 2021

އަންނަ އަހަރު ބާއްވާ 72 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއައި) ގައި އާ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ޕްރީމިއާ ކުރަން ފުރުސަތު ލިބުމުން އާ ވަނީ މީގެ ކުރިން އެ ފެސްޓިވަލްގައި "ދޭވްދާސް" ޕްރީމިއާކުރިހަނދާންތައް ކަމަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ބާއްވާ 72 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއައި) ގައި އާ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ޕްރީމިއާ ކުރަން ފުރުސަތު ލިބުމުން އާ ވަނީ މީގެ ކުރިން އެ ފެސްޓިވަލްގައި "ދޭވްދާސް" ޕްރީމިއާކުރިހަނދާންތައް ކަމަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެވެ.

މީގެ 19 ވަނަ އަހަރު ކުރިން 2002 ވަނަ އަހަރު ރިލީޒްކުރި އެ ފިލްމަކީ ޝާހްރުކް ޚާނާއި އައިޝްވާރިއާ ރާއީގެ އިތުރުން މަދޫރީ ޑިކްސިޓް ކުޅުނު ފިލްމެކެވެ. ބީއައިއެފްއެފްގައި "ދޭވްދާސް" ޕްރީމިއާކުރުމުގެ އިތުރަށް އެ ފިލްމަކީ ކާންސް ފިލްމު ފިލްމު ފެސްޓިވަލާއި އޮސްކާގެ ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް ފޮނުވި ފިލްމެކެވެ.

އާލިއާ ބަޓް ޓައިޓްލް ރޯލު ކުޅެފައިވާ "ގަންގޫބާއީ" ޖަރުމަނުގައި ބާއްވާ ބީއައިއެފްއެފްގައި ޕްރީމިއާ ކުރާތީ ލިބިފައިވާ އުފަލުގެ ވާހަކަ ބޮލީވުޑް ހަންގާމާ އަށް ކިޔައިދެމުން ބަންސާލީ ބުނީ މި ވަރުގެ އުފަލެއް "ދޭވްދާސް" ފަހުން ނުލިބޭ ކަމަށެވެ.

"ވަރަށް ވެސް އުފާވެރި ހިތްގައިމު އިހުސާސްތަކެއް ހުރީ. އެންމެ އުފާވާ ކަމަކީ ފިލްމު ޕްރީމިއާ ކުރަން ލިބުނީ އެ ފެސްޓިވަލްގެ ބާލިނޭލް ސްޕެޝަލް ގާލާ ސެކްޝަނުގައި ކަމަށްވާތީ. އަހަންނަށް ވަރަށް ޔަގީން ފިލްމަަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބޭނެކަން." އޭނާ ބުންޏެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު އެއް ޑައިރެކްޓަރު ކަމަށްވާ ބަންސާލީ ބުނި ގޮތުގައި ކްރައިމް ބައޮގްރަފިކަލް ޑްރާމާއެއްގެ ގޮތުގައި ހަދާފައިވާ "ގަންގޫބާއީ" އަކީ އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

"މިއީ އިންޑިއާގެ އޯޑިއަންސަށް ހާއްސަ ފިލްމެއް ނޫން. މީގެ ޕްލޮޓަށް ބަލައިފި ނަމަ މިއީ އިންޓަނޭޝަނަލް އެޕީލްހުރި ފިލްމެއް، މިކަހަލަ ފިިލްމުތައް އެބަޖެހޭ ގިނަގިނައިން އިންޓަނޭޝަނަލް ޕްލެޓްފޯމްތަކަށް ގެންދަން." އޭނާ ބުންޏެވެ.

"އަހަރެން ހިތަށް އަރާ ކީއްވެބާއޭ އަހަރެމެންގެ [އިންޑިއާގެ] މެއިން ސްޓްރީމް ފިލްމުތައް ބާލިން ފެސްޓިވަލް ކަހަލަ ފެސްޓިވަލްތަކުގައި ގިނަގިނައިން ބައިވެރި ނުކުރަނީ؟"

ބަންސާލީ ބުނި ގޮތުގައި އޭނަގެ ފިލްމުތައް އަބަދު ވެސް އެ ކަހަލަ ޕްލެޓްފޯމްތަކަށް ގެންދާނެ އެވެ. އަދި މީގެ ސަބަބުން ފައިދާވާނީ އިންޑިއާގެ މުޅި ސިނަމާ އަށް ކަމަށް ބުންޏެވެ.

ދެހާސް އަށާރައިގެ "ޕަދުމާވަތު" އަށް ފަހު ބަންސާލީ ޑައިރެކްޓްކުރި "ގަންގޫބާއީ" ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ 18 ގަ އެވެ. އެ ފިލްމު ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ބީއައިއެފްއެފް އަކީ ފެބްރުއަރީ މަހުގެ 10-22 އަށް ކުރިއަށް ދާނެ ފެސްޓިވަލެކެވެ.