Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

28 ފެބުރުއަރީ 2021

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމު "ބަދާއީ ދޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމު "ބަދާއީ ދޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމަކީ 2019 ގައި އަމިތު ޝަރުމާ ގެނެސްދިން "ބަދާއީ ހޯ" ގެ ސީކްއެލްއެކެވެ. އެކަމަކު މި ފަހަރު މުޅިން ތަފާތު ޑައިރެކްޓަރަކާއި ކާސްޓަކާ އެކު ފިލްމު ގެނެސްދޭ އިރު "ބަދާއީ ދޯ" އަކީ ފުލުހަކާއި ޓީޗަރެއްގެ ގުޅުމުގެ ވާހަކަ ވަރަށް ތަފާތު ގޮތަކަށް ކިޔައިދޭނެ ފިލްމެކެވެ.

ރާޖްކުމާރު ރާއޯ ފުލުހެއްގެ ރޯލު އަދި ބޫމީ ޕިޑްނޭކަރް ޓީޗަރެއްގެ ރޯލުން ފެންނާނެ ފިލްމުގެ ޑައިރެކްޓަރަކީ ހާޝްވަރުދަން ކުލްކަރްނީ އެވެ.

އަޔޫޝްމަން ކްރާނާ އާއި ސާނިއާ މަލްއުތުރާ އާއި ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ ލީޑް ރޯލު ކުޅުނު "ބަދާއީ ހޯ" އަކީ އަމިތު ޝަރުމާ ހެދި ފިލްމެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަޖޭ ދޭވްގަނާ އެކު އޮކްޓޯބަރުގައި ގެނެސްދޭ "މައިދާން" އެވެ.

"ބަދާއީ ދޯ" ގެ ޝޫޓިން ނިންމައިލި އިރު، އަންނަ މަހުގެ 11 ގައި ރާޖްގެ ހޮރޯ-ކޮމެޑީ "ރޫހީ" ސިނަމާތަކަށް އަންނާނެ އެވެ. އޭނާ މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ހަމް ދޯ ހަމާރޭ ދޯ" ވެސް ހިމެނެ އެވެ.

"ބަދާއީ ދޯ" އަކީ ރާޖާއި ބޫމީގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ.

"ގަންގޫބާއީ" ގެ ޝޫޓިން އަޖޭ ފަށައިފި

އަންނަ ޖުލައި މަހުގެ 30 ގައި ރިލީޒްކުރަން ތާވަލުކޮށް މިދިޔަ ހަފުތާގައ ޓީޒާ ވެސް ދައްކައިލި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވާޅީ" ގައި އަޖޭ ދޭވްގަން ކުޅޭ ކެމިއޯގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފި އެވެ.

މި ފިލްމުގައި އަޖޭ ފެންނާނީ ކަރީމް ލާލާ ކިޔާ ކެރެކްޓާއަކުންނެވެ. އަޖޭ އަކީ ބަންސާލީގެ 1999 ގެ ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރެކެވެ. "ގަންގޫބާއީ" ގެ ހާއްސަ ފެނިލުމަކުން އަޖޭ ފެނުނަސް އޭނާގެ ކެރެކްޓާ އަކީ ފިލްމުގެ ވަރަށް މުހިއްމު ހިސާބަކުން އަންނާނެ ފިލްމުގެ ވާހަކައިގެ ވަރަށް މުހިއްމު ބައެކެވެ.

އާލިއާ ބަޓް ޓައިޓްލް ރޯލުން ފެންނާނެ ފިލްމުގެ ކާސްޓްގައި ޝަންތަނޫ މަހޭޝްވަރީ އާއި ވިޖޭ ރާޒާއި ސީމާ ޕަހްވާ ވެސް ހިމެނެ އެވެ.

މި އަހަރު ރިލީޒްކުރާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަކީ ވެސް އަޖޭ އާއި އާލިއާގެ ރޯލުތަކެއް ފެންނާނެ ފިލްމެކެވެ.

"ރޫހީ" ގެ ލަވަތަކެއް

އަންނަ މަހުގެ 11 ގައި ރިލީޒްކުރާ ހޮރޯ ކޮމެޑީ "ރޫހީ" ގެ ދެ ލަވައެއް ދައްކާލައިފި އެވެ.

ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރާއި ވަރުން ޝަރުމާ ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން ދައްކައިލި ދެ ލަވަ އަކީ "ޕަންގަޓް" އާއި "ކިސްތޯ" އެވެ.

ލީޑް ތިން ތަރިންގެ ނެށުންތަކެއް ފެނިގެންދާ ލަވަ "ޕަންގަޓް" އަކީ ސަޗިން-ޖިގަރްގެ މިއުޒިކަށް އެ ދެ މީހުންގެ އަޑާ އެކު އަސީސް ކޯރް އާއި ދިވްޔާ ކުމާރު ކިޔާފައިވާ ލަވައެކެވެ.

ރާޖް އާއި ޖާންވީ ފެނިގެންދާ "ކިސްތޯ" އަކީ ސަޗިން-ޖިގަރްގެ މިއުޒިކާއި އެ މީހުންގެ އަޑާ އެކު ޖިބިން ނޯޓިޔަލް ކިޔާފައިވާ ލޯބީގެ މަޑިމައިތިރި ލަވައެކެވެ.

"ޓައިމް ޓު ޑާންސް" ގެ ޓްރެއިލާ އާންމުކޮށްފި

ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޓައިމް ޓު ޑާންސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 12 ގައި ރިލީޒްކުރާ މި ފިލްމަކީ ނެށުންތަކެއްގެ ތެރެއިން ލޯބީގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް ސްޓޭންލީ ޑި ކޯސްޓާ ޑައިރެކްޓްކޮށްފައިވާ "ޓައިމް ޓު ޑާންސް" ގެ ބަތަލަކީ ސޫރަޖް ޕަންޗޯލީ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސާގިބް ސަލީމާއި ވަލޫޝާ ޑި ސޫޒާ އަދި ރާޖްޕަލް ޔާދަވް ހިމެނެ އެވެ.

"ޓައިމް ޓު ޑާންސް" އަކީ ރެމޯ ޑި ސޫޒާ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އީޒަބެލްގެ އަލަތު ފިލްމު ރިލީޒްކުރާ އިރު، އޭނާގެ އަތުގައި މިހާރު ވެސް އިތުރު ދެ ފިލްމެއް އެބައޮތެވެ. އެއީ "ކުވާތާ" އާއި "ސަސްވަގަތަމް ޚުޝާމަދީދު" އެވެ.