Roadha Mihaaru
ހަތިމަށް ރިފަރެންސް ދޭން ބުނީ ކުށް ތަކުރާރުވިޔަނުދޭން

އާޔަތް ނުލިޔެ ރިފަރެންސް ދޭން އެންގީ ކުށްތައް ތަކުރާރުނުވާނެ ގޮތް ހަދަން: މިނިސްޓްރީ

16 ޑިސެމްބަރ 2021

އިސްލާމާއި ގުރުއާން ފޮތުން އާޔަތްތައް އުނިކޮށް ގުރުއާން ހަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖައްސަން އެންގީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތަށް ހެދުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމާއި ގުރުއާން ފޮތުން އާޔަތްތައް އުނިކޮށް ގުރުއާން ހަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖައްސަން އެންގީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތަށް ހެދުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދަރިވަރުންގެ ފޮތްތަކުން އާޔަތްތައް އުނިކުރުމަށް އެދި އެ މިނިސްޓްރީން މިދިޔަ މަހުގެ 25 ގައި ނެޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) އަށް ފޮނުވި ސިޓީ އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެއާ އެކު، އެޑިއުކޭޝަން މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެ ސިޓީގައި އެދިފައިވަނީ ކަރިކިއުލަމް ރިވިޝަން މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހުކުރުމުގެ މަސައްކަތް ކުރާއިރު ގްރޭޑު 1-12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކޮށްދިނުމަށެވެ. އެ އާޔަތްތައް އުނިކޮށް އަލުން ލިޔުމުގެ ބަދަލުގައި ގުރުއާން އާޔަތުގެ ނަމްބަރު ލިޔެ، ހަތިމަށް ރިފަރެންސްދޭ ގޮތަށް ހަމަޖެއްސުމަށް އޭރު އެދިފައިވެ އެވެ.

ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކުށްހުރިކަންް ފާހަގަކުރެވޭތީ ގުރުއާންގެ އާޔަތްތައް ލިޔުމުގެ ބަދަލުގައި ހަތިމަށް ރިފަރެންސް ދޭ ގޮތަށް މަޝްވަރާކުރެވުނީ ދަރިވަރުން ގުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތުގައި ނޫންކަމަށެވެ.

އެގޮތަށް މަޝްވަރާކުރެވުނީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތް ހެދުމަށާއި އެ ފޮތްތައް ނައްތާލާއިރު ގުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު އަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ ކަމަށް ސިޓީގައި ވެ އެވެ.

"ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫންކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ހަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް އަމަލުނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީއަށް އަންގަވައިފަ އެވެ. އަދި ފަހުން ވާނީ ލިޔުމުން ކުރިން ފޮނުވި ސިޓީ ވެސް ބާތިލްކޮށްފަ އެވެ،" ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ އެ ތަނުން ނިންމާފައިވަނީ އިސްލާމާއި ގުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫޕް ރީޑިން ވަރުގަދަކުރުމަށެވެ. މި ފަހަރު ފޮތްތައް ޗާޕްކުރަން ފޮނުވާއިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރުކުރަން ވެސް އެ އިންސްޓިޓިއުޓަށް އަންގާފައިވެ އެވެ.

"މި ހަބަރާ ގުޅިގެން ބެލެނިވެރިންގެ ހިތުގައި އުފެދުނު ނުތަނަވަސްކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށް ކަމުގައި ދަންނަވަމެވެ،" ސިޓީގައި ބުންޏެވެ.

ގުރޭޑް 1 ގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު ފުރަތަމަ ހަފުތާގަ އެވެ. އޭގެ ފަހުން، ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރުމުން، ބައެއް އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވީ ގްރޭޑް 1 ގެ ކުދިންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ހުރުމުން އެކަން އިސްލާހުކޮށްގެން ކިޔަވައިދެމުން ގެންދާތާ ފަސް އަހަރު ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ އާ މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި މި ފޮތްތަކުގައި އޭރުއްސުރެ އެ ކުށް އޮތް ނަމަވެސް މިނިސްޓްރީގެ ސަމާލުކަމަށް އައީ މި ފަހުން ކަމަށެވެ.