Roadha Mihaaru
އާޔަތްތައް ނުބައިކޮށް ހުންނަތާ 5 އަހަރު!

އާޔަތްތައް ނުބައިކޮށް ހުރުމުން އިސްލާހުކޮށްގެން ކިޔަވައިދޭތާ ފަސް އަހަރުވެއްޖެ

06 ސެޕްޓެމްބަރ 2021

ގްރޭޑް އެކެއްގެ ކުދިންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ހުރުމުން އެކަން އިސްލާހުކޮށްގެން ކިޔަވައިދެމުން ގެންދާތާ ފަސް އަހަރު ވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގްރޭޑް އެކެއްގެ ކުދިންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ހުރުމުން އެކަން އިސްލާހުކޮށްގެން ކިޔަވައިދެމުން ގެންދާތާ ފަސް އަހަރު ވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ގައުމީ އާ މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި މި ފޮތްތަކުގައި އޭރުއްސުރެ އެ ކުށް އޮތް ނަމަވެސް ސަމާލުކަމަށް އައީ މި ފަހުން ކަމަށެވެ.

ގުރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ހަފުތާގަ އެވެ. އޭގެ ފަހުން، ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރުމުން، ބައެއް އިލްމުވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ފޮތްތަކުން ކުށް ފެނުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް. ނަމަވެސް ގުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރަން. މި ކަމުގައި އިހުމާލެއް އޮތްތޯ އަޅުގަނޑުމެން ބަލާނަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ފޮތްތައް އެންމެ ފުރަތަމަ ޗާޕުކުރީ ވެސް ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި އިސްލާމިކް މިނިސްޓްރީ އަދި އިސްލާމިކް ޔުނިވާސިޓީން ވެސް ކުށް ހުރިތޯ ޗެކުކުރުމަށް ފަހު، ފޮތްތައް ފާސްކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެންއައިއީއާ ގުޅިގެން މި ކުށް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެހެންވެ، ކުދިންގެ އަތުން އެ ފޮތްތައް މިހާރު ނަގައި، ކުށް ހުރި ސަފުހާތައް ފޮތުން ނެގުމަށް ފަހު، އާޔަތްތައް އިސްލާހުކޮށް، އެ ސަފުހާ އަލުން ފޮތްތަކުގައި ތަތްކުރަން ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

އިހުމާލު އޮތް ނަމަ ފިޔަވަޅު އަޅާނެ

މިނިސްޓަރު ވިދާޅުވީ މިހާ ގިނަ ދުވަސްތަކެއް ވަންދެން ފޮތްތަކުގައި އެ ކުށް ޖެހިފައި ހުރި ނަމަވެސް، އެކަން އިސްލާހު ނުކުރެވި އޮތުމުން އެކަމުގައި ބައެއްގެ އިހުމާލު އޮތްތޯ ބަލައި، އެފަދަ ކަމެއް ފާހަގަ ކުރެއްވިއްޖެ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ހުރިހާ ގްރޭޑްތަކެއްގައި ގުރުއާނާއި އިސްލާމްގެ ފޮތްތަކުގައި އިތުރު ކުށްތައް ހުރިތޯ ބެލުމަށް އެންއައިއީގެ މުވައްޒަފުން ނުހިމެނޭ މިނިވަން ކޮމިޓީއަކުން ފޮތްތައް މުރާޖައާ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

"މި ކޮމިޓީން އިހުމާލުވި ބައެއް ތިބިތޯ ބަލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޕްރޫފް ރީޑިންގެ ކަންކަން ކުރިއަށް ވުރެ ހަރުދަނާ ކުރަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.