Roadha Mihaaru
އިޓަލީ، ޖަރުމަން އަދި އިންގްލެންޑް އެއްގުރޫޕަކަށް

ޔޫއެފާ ނޭޝަންސް ލީގު: އިޓަލީ، ޖަރުމަން އަދި އިންގްލެންޑް އެއްގުރޫޕަކަށް

17 ޑިސެމްބަރ 2021

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 17) - އަންނަ އަހަރު ފަށާ ޔޫއެފާ ނޭޝަންސް ލީގު ސީޒަނުގައި، އެންމެ ފަހުގެ ތިންވަނަ އިޓަލީ އާއި ޖަރުމަން އަދި އިންގްލެންޑް އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 17) - އަންނަ އަހަރު ފަށާ ޔޫއެފާ ނޭޝަންސް ލީގު ސީޒަނުގައި، އެންމެ ފަހުގެ ތިންވަނަ އިޓަލީ އާއި ޖަރުމަން އަދި އިންގްލެންޑް އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ޔޫއެފާ ހެޑްކްއާޓާސްގައި ރޭ ބޭއްވި 2022-2023 ނޭޝަންސް ލީގު ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ޑިވިޝަން އޭގެ ގުރޫޕް ތިނެއްގައި އިޓަލީ އާއި ޖަރުމަން އަދި އިންގްލެންޑުގެ އިތުރުން ދެން ހިމެނުނީ ހަންގޭރީ އެވެ. ހަންގޭރީ ޑިވިޝަން އޭ އަށް ޕްރޮމޯޓްވީ ނޭޝަންސް ލީގުގެ މިދިޔަ ސީޒަނުގައި ޑިވިޝަން ބީގައި ރަޝިއާ އާއި ސާބިއާ އަދި ތުރުކީ ފަހަތަށް ޖައްސާލައި، ވާދަކުރި ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު އިންގްލެންޑުން ހަންގޭރީގެ ދަނޑުގައި އެ ޓީމު ބަލި ކުރި މެޗުގައި ހަންގޭރީ ސަޕޯޓަރުން ވަނީ އިންގްލެންޑުގެ ރަހީމް ސްޓާލިން އާއި ޖޫޑް ބެލިންހަމަށް ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. އަދި ހަންގޭރީ ވަނީ 140،000 ޔޫރޯ އިން ޖޫރިމަނާކޮށް، އަމިއްލަ ދަނޑުގައި ކުޅޭ ދެ މެޗަށް ސަޕޯޓަރުން ވެއްދުން ވެސް މަނާކޮށްފަ އެވެ.

ހަންގޭރީ އަކީ މި އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް "ގުރޫޕް އޮފް ޑެތު" ނުވަތަ މަރުގެ ގުރޫޕުގައި ހިމެނުނު ޓީމެކެވެ. ފްރާންސް އާއި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކުރިއިރު، ބަލިވީ ޕޯޗުގަލް އަތުންނެވެ.

އިންގްލެންޑުން ވަނީ މި އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ގައި 2-0 އިން ޖަރުމަން ބަލިކޮށްފަ އެވެ. މުބާރާތުގެ ފައިނަލުގައި އިޓަލީ އަތުން އިންގްލެންޑް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ

ޔޫރޯ މުބާރާތުގެ ފައިނަލް މެޗަށް ފަހު އިންގްލެންޑު ސަޕޯޓަރުންނާއި އިޓަލީ ސަޕޯޓަރުން ދެމެދު ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގައި ދިޔައިރު، ނޭޝަންސް ލީގުގައި އިންގްލެންޑުން އެންމެ ފުރަތަމަ ކުޅޭ މެޗަށް ވެސް ސަޕޯޓަރުން ނުވައްދާނެ އެވެ.

އެންމެ ފަހުގެ ނޭޝަންސް ލީގު ޗެމްޕިއަން ފްރާންސް ހިމެނުނީ ޑެންމާކާއި ކްރޮއޭޝިއާ އަދި އޮސްޓްރިއާ އާއެކު ގުރޫޕް އެކެއްގަ އެވެ.

ފްރާންސްއާ އެކު އެންމެ ފަހުގެ ނޭޝަންސް ލީގު ފައިނަލް ކުޅުނު ސްޕެއިން ހިމެނެނީ ޕޯޗުގަލް އާއި ސްވިޒަލެންޑް އަދި ޗެކް ރިޕަބްލިކާ އެއް ގުރޫޕެއްގަ އެވެ. ނޭޝަންސް ލީގު އެންމެ ފުރަތަމަ ސީޒަނުގައި؛ 2019/2018 ގެ ޗެމްޕިއަން ޕޯޗުގަލް އެންމެ ފަހު ސީޒަނުގައި ކެޓީ ގުރޫޕް ސްޓޭޖުގައި ފްރާންސް އަތުން ބަލިވެގެންނެވެ.

ފީފާ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ހިމެނޭ ގުރޫޕް ހަތަރެއްގައި އެ ޓީމުގެ އިތުރުން ދެން ހިމެނެނީ ނެދަލެންޑްސް އާއި ޕޮލެންޑް އަދި ވޭލްސް އެވެ. ވޭލްސް ވަނީ އެންމެ ފަހުން ބޭއްވި ނޭޝަންސް ލީގުގެ ޑިވިޝަން ބީގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ގުރޫޕުގެ އެއްވަނަ ހޯދައިފަ އެވެ.

ނޭޝަންސް ލީގުގައި ޖުމްލަ ހަތަރު ޑިވިޝަނެއް ކުޅޭއިރު، ލީގުގެ ފައިނަލްސް އަށް (ނޮކައުޓް ބުރަށް) ހޮވޭނީ ޑިވިޝަން އޭގެ ހަތަރު ގުރޫޕުގެ އެއްވަނައަށް ދާ ޓީމުތަކެވެ. ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް 2022 ވަނަ އަހަރު ކުޅޭއިރު، ފައިންލްސްގެ މެޗްތައް ކުރިއަށް ގެންދާނީ ޖޫން، 2023 ގަ އެވެ.