Roadha Mihaaru
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު

ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު

18 ޑިސެމްބަރ 2021

ބޮލީވުޑްގެ މަތިން ވަރަށް ހަނދާންވާ ކަމަށާއި އިންޑިއާގައި ތިބި އެކުވެރިން ވެސް ވަރަށް މިސްވާ ކަމަށް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފައިވާ ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަތިން ވަރަށް ހަނދާންވާ ކަމަށާއި އިންޑިއާގައި ތިބި އެކުވެރިން ވެސް ވަރަށް މިސްވާ ކަމަށް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފައިވާ ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން ބުނެފި އެވެ.

މިދިޔަ މަހު 40 އަހަރު ފުރުނު އެކްޓަރު އިންޑިއާގެ މަޝްހޫރު ކްރިޓިކް އަނޫޕަމާ ޗޯޕްޅާގެ ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ބުނީ އިންޑިއާ އަށް ނުދެވޭ ގޮތަށް މިހާރު އޮތުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށާއި އިންޑިއާ އިން ލިބުނު އެކުވެރިންގެ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

"މިހާރު ބައްދަލުވާނެ ގޮތެއް ނެތި އަދި އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ވެސް ނެތި ދުރުގައި ތިބެން ޖެހުނަސް އިންޑިއާގެ އެކުވެރިންނާ އޮތް ގުޅުމަކަށް އެއްވެސް ބުރުލެއް ނާރާ. އެ މީހުންނާ އަބަދުވެސް ކޮންމެވެސް ގޮތަކުން ގުޅުން ބޭއްވޭ." ޕާކިސްތާންގެ އެންމެ ރީތި އަދި އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަވާދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މުމްބާއީ އަކީ ވަރަށް ގަޔާވާ ތަނެކެވެ. އަދި އެތަނުގައި ކުރިން ހޭދަކުރެވުނު ދުވަސްތަކާއި މަސައްކަތުގެ ހަނދާންތައް ވަރަށް ތާޒާކޮށް ހަނދާނުގައި ހަރުލާފައިވާ ކަމަށް ބުންޏެވެ.

"މުމްބާއީ އަކީ ވަރަށް ހެޕެނިން ތަނެއް. އެހާމެ ރީތި ސިޓީއެއް. އަހަރެން އަދިވެސް އެންމެ ބޮޑަށް އެކްސްޕްލޯކޮށްލަން ބޭނުންވާ އެއް ސިޓީ އަކީ ވެސް އެއީ." އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒާ ބެހޭ ގޮތުން ފަވާދު ބުންޏެވެ.

ބޮލީވުޑުން ގިނަ ހުށަހެޅުންތަކެއް ލިބި، ކުރިއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަވާދަށް ފަހިވެފައި އޮތްވާ ޕާކިސްތާންގެ ފަންނާނުން އިންޑިއާ އިން ބޮއިކޮޓްކުރީ 2016 ގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު ބަދަލުކުރެވުނު ޕުލްވާމާ ހަމަލާއާ ގުޅިގެންނެވެ.

އެ ހާދިސާގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ، ލޭ ކޭކި ޕާކިސްތާނާ ދެކޮޅު އެތައް ކެމްޕޭނެއް ފެށި އެވެ. އެ ހާދިސާއާ ގުޅިގެން އިންޑިއާ ރަތަށް އަރައި ޕާކިސްތާނުގެ ފަންނާނުންނަށް ދެން އިންޑިއާ އިން އެއްވެސް ފުރުސަތެއް ނުދޭން ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ވެސް ކުރި އެވެ. އެއާ ގުޅިގެން ބޮލީވުޑަށް ޖެހުނީ ޕާކިސްތާނުގެ ފަންނާނުންނާ ދުރަށް ދާށެވެ.

މި މައްސަލަގަނޑު ދިމާވީ ފަވާދު ރޯލެއް ކުޅުނު ކަރަން ޖޯހަރްގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" ވެސް ރިލީޒް ކުރަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި އެކަމާ ހެދި ކަރަން އަށް ކުރިމަތިވި ޕްރެޝަރުތަކާ ހެދި ފިލްމު ރިލީޒްކުރަން ޖެހުނީ ފަވާދު ކުޅުނު ރޯލުން ބޮޑު ބައެއް އުނިކުރުމަށް ފަހު އެވެ. "އޭ ދިލް ހެ މުޝްކިލް" އަކީ ފަވާދާއި ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ އަދި އައިޝްވާރިއާ ރާއީ މުހިއްމު ރޯލުތައް ކުޅުނު ފިލްމެކެވެ.

ފަވާދުގެ ފުރަތަމަ ހިންދީ ފިލްމަކީ ސޯނަމް ކަޕޫރްގެ 2014 ގެ "ހޫބްސޫރަތު" އެވެ. އޭގެ ފަހުން އޭނާ ކަރަންގެ ދަރުމާގެ 2016 ގެ "ކަޕޫރް އެންޑް ސަންސް" ވެސް ކުޅުނެވެ. އިންޑިއާ އިން ޕާކިސްތާނުގެ ފަންނާނުންނަށް ފުރުސަތު ދިނުން ހުއްޓާލަން މަޖުބޫރުވި އިރު، ކެޓްރީނާ ކައިފާ އެކު "ރާތު ބާކީ" ކިޔާ ފިލްމެއް ވެސް ފަވާދު ކުޅެން ވެސް ހަމަޖެހިފައި އޮތެވެ. އަދި ދީޕިކާ ޕަދްކޯނާ އެކީ ފިލްމެއް ކުޅެން ވެސް ވާހަކަ ދެކެވިފައި އޮތެވެ.