Roadha Mihaaru
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު

ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު

12 އޯގަސްޓް 2021

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ކުޅަދާނަ އެކަކު ނަގާ ނަމަ އެ މީހަކީ ސަންޖޭ ލީލާ ބަންސާލީ އެވެ. އޭނާ އަކީ ބޮލީވުޑްގެ ކޮންމެ ތަރިއެއްގެ ހުވަފެނީ ޑައިރެކްޓަރެކެވެ. ބަންސާލީއާ އެކު މަސައްކަތްކުރަން ލިބޭ ކޮންމެ މީހަކީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާ މީހެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ކުޅަދާނަ އެކަކު ނަގާ ނަމަ އެ މީހަކީ ސަންޖޭ ލީލާ ބަންސާލީ އެވެ. އޭނާ އަކީ ބޮލީވުޑްގެ ކޮންމެ ތަރިއެއްގެ ހުވަފެނީ ޑައިރެކްޓަރެކެވެ. ބަންސާލީއާ އެކު މަސައްކަތްކުރަން ލިބޭ ކޮންމެ މީހަކީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާ މީހެކެވެ.

ސަބަބުތައް ބައިވަރެވެ. އޭނާ އަކީ ސްކްރީނަށް ޖާދޫ ގެންނަ ޑައިރެކްޓަރެކެވެ. ޅެން ބަހުރުވަ އާއި ހިޔާލީ ހިތްގައިމުގެ ދުނިޔޭގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭ ޑައިރެކްޓަރެކެވެ.

މިހާތަނަށް ބަންސާލީ ގެނެސްދިން ކޮންމެ ފިލްމަކީ އާންމުންގެ ލޯބި ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ. ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ އަކީ އަބަދު ވެސް 100 ޕަސެންޓް ދޭ މީހެކެވެ. ފިލްމަކަށް ފިލްމެއް ހެދުމަކީ ބަންސާލީ ގެންގުޅޭ އުސޫލެއް ނޫނެވެ. އަބަދު ވެސް އޭނާ އަކީ ވަރަށް ބޮޑަށް ތައްޔާރުވެގެން ފިލްމު ހަދާ މީހެކެވެ.

އޭނާގެ ފިލްމީ ކެރިއަރަށް ހޯމަ ދުވަހު 25 އަހަރު ފުރުމުން އެކި ފަންނާނުން ފާޅުކުރި ޝުއޫރުތަކުން އޭނާގެ ހާއްސަކަން ހާމަވެ އެވެ.

އޭނާ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އަންހެނުން، މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ އިތުރުން މަނިޝާ ކޮއިރަލާ އާއި އަޖޭ ދޭވްގަން ފަދަ ތަރިން ވަނީ ބަންސާލީއާ އެކި މަސައްކަތްކުރުމުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

އިންޑިއާގެ އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރެގައި ހިމެނޭ ބަންސާލީގެ ފުރަތަމަ ޑައިރެކްޝަނަކީ ސަލްމާން ޚާނާއި މަނީޝާ އަދި ނާނާ ޕަޓޭކަރާ އެކު ގެނެސްދިން 1996 ގެ "ޚާމޯޝީ: ދަ މިއުޒިކަލް" އެވެ. މިއާ އަސަރު ގަދަ މިއުޒިކަލްއެކެވެ.

ބޮކްސް އޮފީހުގައި މާ ކާމިޔާބު ފިލްމަކަށް ނުވިޔަސް، ކްރިޓިކުން މި ފިލްމު ދަރަޖަކޮށްފައި ވަނީ ހިންދީ ސިނަމާގެ އެންމެ މޮޅު އެއް މިއުޒިކަލްގެ ގޮތުގަ އެެވެ.

ބަންސާލީގެ ފެށުމުން މާ ބޮޑު ޖާދޫއެއް ބޮކްސް އޮފީހުގައި ނުދެއްކުނަސް "ޚާމޯޝީ" އަށް ތިން އަހަރު ފަހުން ގެނެސްދިން 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ އޭނާގެ ޖާދުގައި ބެލުންތެރިން ވަރަށް ބޮޑަށް ޖެއްސުވި ފިލްމެކެވެ. މިއީ ސަލްމާނާއި އައިޝްވާރިއާ ރާއީގެ އިތުރުން އަޖޭ މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ. ވަރަށް ވެސް ކާމިޔާބު މި ފިލްމަކީ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ބަންސާލީ މިހާތަނަށް ގެނެސްދިން އެންމެ ރީތި ލޯބީގެ ފިލްމެވެ. މީގެ ލަވަތައް ވެސް އެހާ މަޝްހޫރުވި އެވެ.

"ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ބަންސާލީ އަށް ފިލްމުފެއާގެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ލިބުނު ފިލްމެކެވެ.

މި ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު އޭނާ ގެނެސްދިން ތިން ވަނަ ފިލްމަކީ ވެސް އައިޝްވާރިއާ ހިމެނޭ ފިލްމެކެވެ. އެއީ 2002 ގެ "ދޭވްދާސް" އެވެ. މީގެ ތަރިންގެ ތެރެގައި ޝާހްރުކް ޚާނާއި މަދޫރީ ޑިކްސިޓްގެ އިތުރުން ޖެކީ ޝްރޮފް ހިމެނެ އެވެ. "ދޭވްދާސް" އަކީ އިންޑިއާ އިން އޮސްކާ ވެސް ފޮނުވައިގެން އެންމެ މޮޅު ބޭރު ފިލްމު ކެޓަގަރީ އަށް ނޮމިނޭޓް ވެސް ފިލްމެކެވެ. މި ފިލްމަކީ ފަސް ނެޝަނަލް އެވޯޑްގެ އިތުރުން ފިލްމުފެއާގެ 11 އެވޯޑް ވެސް ހޯދި ފިލްމެކެވެ. އޭގެ ތެރޭގައި ބަންސާލި އަށް ލިބުނު މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހިމެނެ އެވެ.

އޭނާ ފަހުން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2005 ގެ "ބްލެކް" އާއި 2007 ގެ "ސާވަރިޔާ" ގެ އިތުރުން 2010 ގެ "ގުޒާރިޝް" ހިމެނެ އެވެ. އަމީތާބް ބައްޗަނާއި ރާނީ މުކަރްޖީ މައިގަނޑު ރޯލުތައް ކުޅުނު "ބްލެކް" އަކީ ބަންސާލީ މިހާތަނަށް ގެނެސްދިން އެންމެ ތަފާތު ފިލްމެވެ. މިއީ އިވުމާއި ފެނުމާއި ވާހަކަ ދެއްކުމުން ވެސް މަހުރޫމުވެފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދިން އެއްޗެކެވެ. "ބްލެކް" ގެނެސްދީފައި އޮތީ އާންމުކޮށް އިންޑިއާގެ ފިލްމުތައް ގެނެސްދީފައި ހުންނަ ގޮތާ ވަރަށް ތަތާފުކޮށް، ހުޅަނގުގެ ސްޓައިލަށެވެ. މީގެ ގިނަ ޑައިލޮގްތައް ހުރީ އިނގިރޭސި ބަހުންނެވެ.

ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރް ބޮލީވުޑަށް ނެރުނު "ސާވަރިޔާ" އަކީ ބަންސާލީގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުހީބު އެންމެ ދަށްކޮށް ލިބުނު ފިލްމެވެ. "ބްލެކް" އާ އެއްގޮތަށް މިއީ ވެސް ވަރަށް ތަފާތު ސްޓައިލަކަށް ގެނެސްދިން ފިިލްމެކެވެ.

އައިޝްވާރިއާ އާއި ރިތިކް ރޯޝަން ލީޑް ރޯލު ކުޅުނު "ގުޒާރިޝް" އަކީ ވެސް ވަރަށް ތަފާތު ފިލްމެކެވެ. މިއީ ޖާދޫގަރެއްގެ ޖާދުލެއް ފެއިލްވެ، އޭނާ ތަންމަތިވުމުގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. އަނެއްކާ ވެސް ވަރަށް ތަފާތު ސްޓައިލަކަށް ގެނެސްދިން ފިލްމެކެވެ.

ބަންސާލީ އެންމެ ފަހުން ގެނެސްދިން ފިލްމުތަކަކީ 2013 ގެ "ގޯލިޔޯން ކީ ރާސްލީލާ: ރާމް-ލީލާ" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" އާއި 2018 ގެ "ޕަދުމާވަތު" އެވެ. ދީޕިކާ އާއި ރަންވީރު ކުޅުނު މި ތިން ފިލްމުގެ ތެރެއިން "ރާމް-ލީލާ" އަކީ "ރޯމިއޯ އެންޑް ޖޫލިއަޓް" އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. އަނެއް ދެ ފިލްމަކީ އިންޑިއާގެ ރަސްކަމުގެ ދައުރުތަކެއްގެ ވާހަކަ ކިޔައިދިން ޕީރިއަޑް ފިލްމުތަކެވެ.

މި ތިން ފިލްމާ އެކު ބަންސާލީ އަކީ މިހާރު ކުޅަދާނަ މިއުޒިކް ޑައިރެކްޓަރެއް ވެސް މެ އެވެ. ތިން ފިލްމުތަކުގެ ލަވަތަކުގެ މިއުޒިކް ހެދީ އޭނަ އެވެ.

ބަންސާލީ މިހާރު އަންނަނީ "ގަންގޫބާއީ ކަތިއަވާޅީ" ގެނެސްދޭން ތައްޔާރުވަމުންނެވެ. އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ މުމްބާއީގައި 1960 ގެ އަހަރުތަކުގައި އުޅުނު މާފިއާ ކްއީންއެއް ކަމަށްވާ ގަންގޫބާއީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ.

ޔަގީނުން "ގަންގޫބާއީ ކަތިއަވާޅީ" އަކީ ބަންސާލީީގެ ޖާދޫގައި އަނެއްކާ ވެސް ބެލުންތެރިން ޖައްސުވާނެ ފިލްމަކަށް ވާނެ އެވެ.

މި ފިލްމަށް ފަހު އޭނާ ދެން ގެނެސްދޭން އޮތީ ވަރަށް ކުރިން ހިންދީ ސިނަމާ ގެނެސްދީފައި އޮތް "ބައިޖޫ ބަވްރާ" ގެ އާ ވާޝަނެކެވެ. ބަންސާލީގެ "ދޭވްދާސް" ވެސް ހަމަ އެ ނަމުގައި ކުރިން ގެނެސްދީފައި އޮތް ފިލްމެއްގެ ވާހަކައަކަށް ބިނާކޮށް ހެދި ފިލްމެކެވެ.

"ބައިޖޫ ބަވްރާ" އަކީ މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ. އެހެންވެ މިއީ ބަންސާލީގެ ޅެންވަރިކަމުގެ ފާޑުވެރިކަމާއި ހިޔާލީ ޗާލު ދުނިޔޭގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެ ފިލްމެކެވެ.

ފިލްމީ މަސައްކަތް ހުއްޓައިލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ބަންސާލީ ހުރީ ދުނިޔޭގައި ހުރި ހުރިހާ ދުވަހަކު އޭނާގެ ފިލްމުތަކުން ބެލުންތެރިން ހިތް އުފާކޮށްދޭށެވެ. ބަންސާލީ، 58، އާ ނުލައި ހަގީގަތުގައި ވެސް ހިންދީ ސިނަމާ ފުރިހަމައެއް ނުވާނެ އެވެ.