Roadha Mihaaru
ރެކޯޑަކާ އެކު ލެވަންޑޯސްކީ އަހަރު ނިންމާލައިފި

ރެކޯޑަކާ އެކު ލެވަންޑޯސްކީ އަހަރު ނިންމާލައިފި

18 ޑިސެމްބަރ 2021

މިއުނިކް (ޑިސެމްބަރު 18) - ޖަރުމަން ބުންޑެެސްލިގާގައި ބެޔާން މިއުނިކުން ރޭ ވުލްވެސްބާގް 4-0 އިން ބަލިކުރި މެޗުގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ލަނޑާ އެކު، ކަލަންޑަރު އަހަރެއްގައި ޖަރުމަން ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު ގާޑް މުލާ ހެދި ރެކޯޑް މުގުރާލައިފަ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއުނިކް (ޑިސެމްބަރު 18) - ޖަރުމަން ބުންޑެެސްލިގާގައި ބެޔާން މިއުނިކުން ރޭ ވުލްވެސްބާގް 4-0 އިން ބަލިކުރި މެޗުގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ލަނޑާ އެކު، ކަލަންޑަރު އަހަރެއްގައި ޖަރުމަން ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު ގާޑް މުލާ ހެދި ރެކޯޑް މުގުރާލައިފަ އެވެ.

ބެޔާނުން ރޭ ފަސޭހަކަމާ އެކު ވުލްވްސްބާގް ބަލިކުރިއިރު، މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ލެވަންޑޯސްކީ، 33، ޖެހި ލަނޑަކީ އޭނާ 2021 ވަނަ އަހަރު ބުންޑެސްލިގާ ގައި ޖެހި 43 ވަނަ ލަނޑެވެ. މި ސީޒަނުގައި ލީގުގައި 19 ގޯލު ޖަހައިފައިވާއިރު، މިދިޔަ ސީޒަނުގެ ފަހު ކޮޅު އޭނާ ވަނީ 24 ލަނޑު ލީގުގައި ހަމަކޮށްފަ އެވެ. ޖާޑް މުލާ ވަނީ 1972 ވަނަ އަހަރު ލީގުގައި 42 ލަނޑު ޖަހައިފަ އެވެ.

މީގެ އިތުރުން ވެސް މުލާ ވަނީ ރޭގެ ގޯލާ އެކު ކަލަންޑަރު އަހަރެއްގައި މިހާތަނަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހިކަމަށް ރެކޯޑް ކުރެވިފައިވާ ކްރިސްޓިއާނީ ރޮނާލްޑޯއާ އެއްވަރަށް 69 ލަނޑު ޖަހައިފަ އެވެ. ލެވަންޑޯސްކީ ވަނީ 2021 ވަނަ އަހަރު ބެޔާން މިއުނިކަށް 58 ލަނޑު އަދި ޕޮލެންޑް ގައުމީ ޓީމަށް 11 ލަނޑު ޖަހައިދީފަ އެވެ. ރޮނާލްޑޯ މި ރެކޯޑް ހެދީ 2013 ވަނަ އަހަރެވެ. އަހަރަކު އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ، 2012 ވަނަ އަހަރު 91 ލަނޑު ޖެހި ލިއޮނެލް މެސީ އަތުގަ އެވެ.

ލެވަންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި (2020/2021) ވެސް މުލާގެ 49 އަހަރުވީ ލީގު ރެކޯޑެއް މުގުރާލައިފަ އެވެ. ސީޒަނުގެ ފަހު މެޗުގައި މިދިޔަ މެއި މަހު އޭނާ ވަނީ ލީގު ފަހު މެޗުގައި އޯގްސްބާގާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނިޓުގައި ލަނޑު ޖަހައި، ލީގުގައި އެއް ސީޒަނެއްގައި 41 ލަނޑު ހަމަކޮށްފަ އެވެ. މީގެ ކުރިން މުލާ ވަނީ 1971/2072 ސީޒަނުގައި ލީގުގައި 40 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ލެވަންޑޯސްކީގް އިތުރުން ލަނޑުތައް ޖަހައިދިނީ ތޯމަސް މުލާ އާއި ޑަޔޫޓް އުޕަމެކާނޯ އަދި ލެރޯއި ސާނޭ އެވެ. މިއީ ތޯމަސް މުލާ، 32، ބުންޑެސްލިގާގައި ކުޅުނު 400 ވަނަ މެޗެވެ.

މި ނަތީޖާއާ އެކު ބެޔާނަށް ވަނީ 17 މެޗު ކުޅެގެން 43 ޕޮއިންޓާ އެކު އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް މިރޭ ހާތާ ބާލިންއާ ކުޅޭ މެޗު ކާމިޔާބު ކޮށްފި ނަމަ، ބެޔާންއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަޔަކަށް ކުޑަ ވާނެ އެވެ.

މިރޭ އާއި މާދަމާ ރޭގެ މެޗުތަކަށް ފަހު އާ އަހަރަށް ބުންޑެސްލިގާ މެދުކަނޑާލާއިރު، ދެން ލީގުގެ ކުޅުން އަލުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގަ އެވެ.