Roadha Mihaaru
އިންޓަ އިން ރަސްމީކޮށް އެރިކްސަން ދޫކޮށްލައިފި

އިންޓަ އިން ރަސްމީކޮށް އެރިކްސަން ދޫކޮށްލައިފި

18 ޑިސެމްބަރ 2021

މިލާން (ޑިސެމްބަރު 18) - އިންޓަ މިލާނަށް ކުޅެމުން އައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއާ ކުލަބާ ދެމެދު އޮތް ކޮންޓްރެކްޓް، ދެފަރާތުގެ އެއްބަސްވުމާ އެކު އުވާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (ޑިސެމްބަރު 18) - އިންޓަ މިލާނަށް ކުޅެމުން އައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއާ ކުލަބާ ދެމެދު އޮތް ކޮންޓްރެކްޓް، ދެފަރާތުގެ އެއްބަސްވުމާ އެކު އުވާލައިފި އެވެ.

މި އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން، 32، ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުމާ އެކު ވަނީ ދަނޑުމަތީގައި އަވަސް ފަރުވާ ދީ، ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ އޭނާގެ ހިތަށް އައިސީޑީއެއް ލައްވަން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

އިންޓަ އިން އެރިކްސަންގެ ކޮންޓްރެކްޓް އުވާލީ، އައިސީޑީއާ އެކު އިޓަލީގައި ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެން އެ ގައުމުގެ ގަވާއިދު ތަންނުދޭތީ އެވެ. މީގެ ކުރިން ވެސް އެރިކްސަން އަށް އައިސީޑީ ލައްވައިގެން އިޓަލީގައި ނުކުޅެވޭނެކަން ހާމަކޮށްފައި ވާއިރު، އިންޓަ އިން ކޮންޓްރެކްޓް އުވާލިކަން ރަސްމީކޮށް އިއުލާން ކުރީ ރޭ އެ ޓީމުން ނެރުނު ބަޔާނެއްގަ އެވެ.

"ކްރިސްޓިއަން (އެރިކްސަން) އަކީ އަހަރެމެން ސްކުޑެޓޯ (ސެރީ އާ) ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެއް. އޭނާ ވަނީ ދަނޑުމަތީގައި އޭނާގެ ވިޝަން އާއި ގޭމު ރީޑުކުރުމުގެ ހުނަރާ އެކު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން މުހިއްމު ގޯލުތަކެއް ވެސް ޖަހައިދީފައި،" އިންޓަގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އިންޓަގެ ކޮންމެ ސަޕޯޓަރަކު ވެސް އަދި ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ހުރީ ކްރިސްޓިއަންއާ އެކު. އިޓަލީގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އޭނާގެ ޓީމުގެ އެކުވެރިންނާ އެކު ޓްރެއިނިން ގްރައުންޑަށް އެނބުރި އައިސް އޭނާ ފެނުނީ ވަރަށް އުފަލުން. އެއީ އަހަރެމެން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ފަދަ އުފާވެރި މަންޒަރެއް."

އެރިކްސަން ވަނީ މިދިޔަ ސީޒަނުގެ ލީގުގައި ބާކިީ ހަތަރު މެޗު އޮއްވައި އިންޓަ އިން އެފްސީ ކްރޮޓޯން ބަލިކޮށް، ލީގު ޔަގީން ކުރި މެޗުގައި ލަނޑު ޖަހައިފަ އެވެ. އަދި ލީގުގެ ފަހު މެޗުގައި އޭނާ ވަނީ އުދިނޭޒީ ކޮޅަށް ރީތި ހިލޭ ޖެހުމެއް ވެސް ވައްދާލައިފަ އެވެ.

އެރިކްސަން ވަނީ އޮޕަރޭޝަނަށް ފަހު ރަނގަޅުވެ، އޭނާގެ ޒުވާން ދުވަސްވަރު ކުޅުނު ޑެންމާކުގެ އޮޑެންސް ބޯލްޑްކުލަބް (އޯބީ) އާ އެކު ފަރިތަކުރަން ފަށައިފަ އެވެ.

އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން، ކޮންޓްރެކްޓުގައި ބާކީ ހަ މަސް ދުވަސް އޮއްވައި އެރިކްސަން އިންޓަ އަށް ބަދަލުވީ ޖެނުއަރީ 2020 ގައި، 20 މިލިއަން ޕައުންޑަށެވެ. ހަތަރު އަހަރާއި ހަ މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އިންޓަގައި އެރިކްސަން ވަނީ އޭނާ ކުޅުނު ފުރަތަމަ ފުލް ސީޒަނުގައި، 11 އަހަރު ފަހުން އިންޓަ އަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދީފަ އެވެ.

އިޓާލިއަން ސެރީ އާގައި އެރިކްސަން އަށް ދެން ކުޅެވޭނީ އައިސީޑީ ނަގައިގެންނެވެ. އެރިކްސަން ޓޮޓެންހަމަށް ބަދަލުވުމުގެ ކުރިން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެން ފެށީ ނެދަލެންޑްސްގެ އަޔެކްސް އަށެވެ. ނެދަލެންޑްސް ލީގުގައި އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭއިރު، އެ ޓީމަށް ކުޅޭ ޑޭލީ ބްލިންޑް ވެސް ވަނީ 2020 ވަނަ އަހަރު އަޔެކްސް ކުޅުނު މެޗެއްގެ ތެރެއިން ހިތް ހުއްޓިގެން، އޮޕަރޭޝަން ކޮށްގެން އައިސީޑީ ލައްވައި ފަހުން ކުޅެން ފަށައިފަ އެވެ. އަދި މި އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.