Roadha Mihaaru
ޖިސްމާނީ އުނދަގުލެއް ނެތް، ވޯލްޑްކަޕް ކުޅެން ބޭނުން

ޖިސްމާނީ އުނދަގުލެއް ނެތް، ވޯލްޑްކަޕް ކުޅެން ބޭނުން: އެރިކްސަން

05 ޖެނުއަރީ 2022

ކޯޕެންހޭގަން (ޖެނުއަރީ 5) - ޖިސްމާނީ އެއްވެސް އުނދަގުލެއް މިހާރު އޭނާ އަށް ކުރިމަތި ނުވާ ކަމަށާއި މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅެން އުންމީދު ކުރާކަމަށް، ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބުނެފި އެވެ.

ކޯޕެންހޭގަން (ޖެނުއަރީ 5) - ޖިސްމާނީ އެއްވެސް އުނދަގުލެއް މިހާރު އޭނާ އަށް ކުރިމަތި ނުވާ ކަމަށާއި މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅެން އުންމީދު ކުރާކަމަށް، ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބުނެފި އެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފިންލެންޑާ ދެކޮޅަށް، ޑެންމާކު ގައުމީ ޓީމުގައި ކުޅެމުން ދަނިކޮށް ފުރަތަމަ ހާފުގެ ފަހުކޮޅު ކުރިމަތިވި ހާޓް އެޓޭކުގެ ފަހުން އެއްވެސް މެޗެއް އެރިކްސަން ކުޅެފައެއް ނުވެ އެވެ. އޭނާ އަށް ހާޓް އެޓޭކު ޖެހުނު ފަހުން އެ މެޗު މެދުކަނޑާލާފައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ.

އިޓާލިއަން ލީގުގެ މެޑިކަލް އުސޫލުގެ ތެރެއިން އެ ލީގުގައި އެރިކްސަން އަށް އަލުން ކުޅުމުގެ ހުއްދައެއް ނުލިބެ އެވެ. އޭނާ އަށް އިޓަލީގައި ނުކުޅެވޭނެތީ، އިންޓަ މިލާން އިން ވަނީ މިދިޔަ މަހު އެރިކްސަންގެ ކޮންޓްރެކްޓް އޭނާގެ އެދުމުގެމަތިން އުވާލައިފަ އެވެ.

"ޖިސްމާނީ ގޮތުން އަހަންނަށް މިހާރު އެއްވެސް އުނދަގުލެއް ނުފޯރާ. އަހަރެން ގަބޫލު ކުރަނީ އަހަންނަށް އަލުން ކުޅެވޭނެކަމަށް. ގަތަރު ވޯލްޑް ކަޕްގައި ގައުމީ ޓީމަށް ކުޅުމަކީ ހުވަފެނެއް،" ޑެންމާކުގެ ޑިއާރް 1ޓީވީ ޗެނަލަށް ދިން އިންޓަވިއުގައި އެރިކްސަން ބުންޏެވެ.

އެރިކްސަން ކުރިން ކުޅުނު، ޑެންމާކްގެ ކްލަބް، އޮޑެންސޭ ބޯލްޑް ކްލަބުން މިދިޔަ މަހު ބުނެފައި ވަނީ އެ ކްލަބާ އެކު އެރިކްސަން ތަމްރީން ހަދަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ އެ ކްލަބަށް ސޮއިކުރުމުގެ ގޮތަކުން ނޫނެވެ. އެއީ ފިޓްނަސް އަށް އެނބުރި އައުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރޭނިންތަކެކެވެ.

އެރިކްސަންގެ އެޖެންޓް، މާޓިން ސްކޫޓްސް މިހާރު ދަނީ އޭނާ ކުޅޭނެ ކްލަބެއް ބަލަމުންނެވެ. އޭނާގެ އެޖެންޓް ބުނިގޮތުގައި ޕްރިމިއާ ލީގަށް ބަދަލުވުމަކީ އެރިކްސަން އުންމީދު ކުރާ ކަމެކެވެ.

"ޕްރިމިއާ ލީގަށް އަލުން ބަދަލުވުން ވާނީ އެނބުރި ގެއަށް އައުން ކަހަލަ ކަމަކަށް،" ސްކޫޓްސް ބުންޏެވެ.

އެކަމަކު އަދި މިހާތަނަށް އޭނާ ކުޅޭނެ އެއްވެސް ކްލަބެއް ހަމައެއް ނުޖެހެ އެވެ.