Roadha Mihaaru
ޗެލްސީ އާއި ލިވަޕޫލް އެއްވަރު، ސިޓީން ލީޑު ފުޅާކޮށްފި

ޗެލްސީ އާއި ލިވަޕޫލް އެއްވަރު، ސިޓީއަށް ތިން ޕޮއިންޓުގެ ލީޑެއް

20 ޑިސެމްބަރ 2021

މެންޗެސްޓާ (ޑިސެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުތައް އެއްވަރުވެ، މެންޗެސްޓާ ސިޓީން ރެލިގޭޝަނުގައި އޮތް ނިއުކާސަލް ބަލިކޮށް ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޑިސެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުތައް އެއްވަރުވެ، މެންޗެސްޓާ ސިޓީން ރެލިގޭޝަނުގައި އޮތް ނިއުކާސަލް ބަލިކޮށް ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މެންޗެސްޓާ ސިޓީން ވަނީ ރޭ ރަށުން ބޭރުގައި، ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީން ލީގުގައި ޖެހިޖެހިގެން މޮޅުވި އަށްވަނަ މެޗެވެ.

ރުބެން ޑިއާޒް އާއި ޔާއޯ ކަންސޭލޯގެ ގޯލުތަކުން ސިޓީން ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ ރިޔާދް މާރޭޒް އާއި ރަހީމް ސްޓާލިން އެވެ.

މާރޭޒްގެ ލަނޑަކީ އޭނާ ކުލަބަށް ޖަހައިދިން 50 ވަނަ ލަނޑެވެ. މި ލަނޑު އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ލައިންސްމަން ނިންމި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމައިފަ އެވެ.

މެންޗެސްޓާ ސިޓީ މި އަހަރުގެ ލީގުގައި ވަނީ 34 މެޗުން މޮޅުވެ، 1983 ވަނަ އަހަރު 33 މެޗުން މޮޅުވެގެން ލިވަޕޫލުން ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. މީގެ އިތުރުން، ސިޓީން ވަނީ ކަލަންޑަރު އަހަރެއްގައި ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން އެ ޓީމު މީގެ ކުރިން ހެދި ރެކޯޑް އާކޮށްފަ އެވެ. ސިޓީން ރޭ ޖެހި ހަތަރުވަނަ ލަނޑަކީ މި އަހަރު އެ ޓީމުން ލީގުގައި ޖެހި 106 ވަނަ ލަނޑެވެ. އަދި ސިޓީން ވަނީ ރަށުން ބޭރުގައި ކަލަންޑަރު އަހަރެއްގައި 18 ލީގު މެޗު ކާމިޔާބުކޮށް، މީގެ ކުރިން ޓޮޓެންހަމް ހަދާފައިވާ 61 އަހަރުވީ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ.

ޗެލްސީން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ. ޗެލްސީގެ ހަތް ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން މި މެޗް ފަސް ކޮށްދޭން ޕްރިމިއާ ލީގުގެ ބޯޑުގައި އެދުމުން، ބޯޑުން ވަނީ ޗެލްސީގެ އެދުމާ ދެކޮޅު ހަދައިފައި ކަމަށް ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފަ އެވެ.

ވުލްވްސްގެ ދަނޑުގައި ޗެލްސީން ކުޅުނުއިރު އެ ޓީމުގެ ބެންޗުގައި ތިބީ ދެ ގޯލްކީޕަރުންގެ އިތުރުން އެންމެ ތިން އައުޓްފީލްޑް ކުޅުންތެރިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްގެ ޑެނިއެލް ޕޮޑެންސް ލަނޑެއް ޖެހި ނަމަވެސް، އެ ގޯލް އޮފްސައިޑް ކަމަށް ވަނީ ނިންމައިފަ އެވެ.

އަނިޔާއިން ރަނގަޅުވެ، މި މެޗުގައި ޗެލްސީން ވަނީ ޓްރެވޯ ޗަލޮބާ އާއި އެންގޯލޯ ކާންޓޭ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަދި 11 މެޗަށް ފަހު މަޓެއޯ ކޮވަސިކް ވަނީ މި މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރުވައިފަ އެވެ.

ލިވަޕޫލް ރޭ ކުޅުނު މެޗު އެއްވަރުވީ ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް 2-2 އިންނެވެ. މިއީ ކޮވިޑުގެ ސަބަބުން ލީގުގައި ކުޅެން އޮތް ދެ މެޗު ފަސް ކޮށްފައި ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޓޮޓެންހަމް އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ މި ސީޒަނުގައި ލީގުގައި ކޭން ޖެހި ދެވަނަ ލަނޑެވެ.

ކޭން މި ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ، އެންޑީ ރޮބަޓްސަން އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިއިރު، އެއީ ސީދާ ރަތް ކާޑެއް ދައްކަން ޖެހޭ ފައުލެއް ކަމަށް ބުނެ ލިވަޕޫލް އިން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ.

ލިވަޕޫލުން ނަތީޖާ އެއްވަރު ކޮށްދިނީ 35 ވަނަ މިނިޓުގައި ރޮބާޓްސަން ނެގި ހުރަހަކުން ޑިއޯގޯ ޖޮޓާ އެވެ. ރޮބަޓްސަން ވަނީ މެޗުގެ 69 ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ވެސް ނަގައިދީފަ އެވެ. ނަމަވެސް 78 ވަނަ މިނިޓުގައި އެމަސަން ރޯޔަލް އަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ރޮބަޓްސަން އަށް ރަތް ކާޑު ދެއްކުމުގެ ހަތަރު މިނިޓު ކުރިން ސޮން ހެއުން މިން ވަނީ ލިވަޕޫލް ކީޕަރު އެލިސަން ބެކާ ކައިރިން ވެސް ނައްޓާފައި ބޯޅަ ގޯލުތެރަށް ފޮނުވާލައިގެން އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މި ނަތީޖާތަކާ އެކު މި ހަފްތާ ބަންދުގެ މެޗްތައް ކުޅެ ނިމިފައިވާއިރު، މެންޗެސްޓާ ސިޓީ އެއްވަނައިގައި އޮތީ 18 މެޗުން ހޯދި 44 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 41 ޕޮއިންޓް ލިބިފައި ވާއިރު ތިންވަނައިގައި އޮތް ޗެލްސީއަށް ލިބެނީ 38 ޕޮއިންޓެވެ.

ދެން ލީގުގައި މެޗުތައް އޮންނާނީ އަންނަ ހަފްތާގަ އެވެ. މި އަހަރު ނިމުމުގެ ކުރިން، އަންނަ ހަފްތާގައި ލީގުގައި ކޮންމެ ޓީމަކަށް ވެސް ދެ މެޗް ވަނީ ތާވަލްކޮށްފަ އެވެ.