އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން މާލޭ ސިޓީ ކައުންސިލުން ދިއުމުން އެ ކުންފުނީގެ ވެރިން ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުނުކޮށް، އެތަން ހަވާލުކުރަން މިއަދު ދެކޮޅު ހަދައިފި އެވެ.
20 ޑިސެމްބަރ 2021
އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން މާލޭ ސިޓީ ކައުންސިލުން ދިއުމުން އެ ކުންފުނީގެ ވެރިން ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުނުކޮށް، އެތަން ހަވާލުކުރަން މިއަދު ދެކޮޅު ހަދައިފި އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ކައުންސިލްގެ އިތުރު ބައެއް މެމްބަރުންނާއި މުވައްޒަފުން ވަނީ މިއަދު ހެނދުނު ޓީޖެޓީއާ ހަވާލުވާން އެތަނަށް ގޮސްފަ އެވެ.
އެތަނުގައި ހުންނަވައި މީޑިއާއަށް ދެއްވި އިންޓަވިއުގައި ނަރީޝް ވިދާޅުވީ، ޓީޖެޓީ ހުސްކުރަން އެމްޕީއެލް އަށް ދީފައިވާ 90 ދުވަހުގެ މުއްދަތު މިދިޔަ ހަފުތާ އަށް ހަމަވުމުން، އާންމު އިއުލާނަކާ އެކު އިތުރު ހަފުތާއެއްގެ މުއްދަތު ދިނުމުން ވެސް އެތަން ހުސްކުރަން އެ ކުންފުނިން ދެކޮޅު ހަދައިފައިވާ ކަމަށެވެ. ކައުންސިލުން އެތަނާ ހަވާލުވާން މިއަދު ދިއުމުން ވެސް އެމްޕީއެލްގެ އިސްވެރިން ބައްދަލުކުރައްވަން ވަޑައިނުގެންނެވި ކަމަށް ވިދާޅުވި އެވެ.
ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން މިއަދު އެތަނަށް ގޮސް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ނަރީޝް ވިދާޅުވީ ގޮތުގައި، މާލޭގެ ނޯތު ހާބަރާއި ޓީޖެޓީ ކައުންސިލްއާ ހަވާލުކުރަން އެދި އެމްޕީއެލްއާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެ ކުންފުނިން ބޮޑަށް ފޯކަސްކުރަން ބޭނުންވަނީ މާލެ މައި ބަނދަރަށް ކަމަށާއި ދެން އޮތް ދެ ބަނދަރަކީ އެހާ މުހިންމު ތަނެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ޓީޖެޓީ އާއި ނޯތު ހާބަރާ ކައުންސިލުން ހަވާލުވާން އެމްޕީއެލުން އަމިއްލަ އަށް ވެސް އެދުނު ކަމަށް ނަރީޝް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ބޯޑުން ފަހުން ނިންމީ ސިޓީ ކައުންސިލުން އެތަން ބޭނުންވާ ނަމަ، ޕްލޭނިން މިނިސްޓްރީ އާއި ޓްރާސްޕޯޓް މިނިސްޓްރީއާ ގުޅިގެން އެކަން ކުރިއަށް ގެންދިއުމަށެވެ. އެކަމަކު މި މައްސަލައިގައި އެ ދެ މިނިސްޓްރީއާ މުއާމަލާތު ކުރަން ޖެހޭނެ ކަމަކަށް ކައުންސިލުން ގަބޫލެއް ނުކުރެ އެވެ.
"އެއީ މިތަން ހިންގަން [އެމްޕީއެލް] އަށް ދީފައިވާ މުއްދަތު ހަމަވެގެން ތިން އަހަރު ހިންގައްޖެ އޯލްރެޑީ. ތިން އަހަރު ފާއިތުވީއިރު، ނޯތު ހާބަރާއި ޓީޖެޓީގެ ރަޖިސްޓްރީ މި އިންނަނީ ސިޓީ ކައުންސިލްގައި. މިއީ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއް،" ނަރީޝް ވިދާޅުވި އެވެ.
ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން އެތަނަށް ދިއުމަށް ފަހު މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދެއްވި އިންޓަވިއު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"މާލޭ ރައްޔިތުންގެ ދެ ބިމެއް، މާލޭ ރައްޔިތުންނަށް އެންމެ ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ އަޅުގަނޑުމެން ބަލައި ގަންނާނެ ކަމަށް ނުވި،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން އެ ބަނދަރު ހިންގުމަށް، ކައުންސިލުން ދެކޮޅު ނަހަދާ ކަމަށާއި ބިމު ކުއްޔަށް ވާ ފައިސާ އެ ކުންފުނިން ކައުންސިލަށް ދައްކައިގެން ވިޔަސް އެ ބަނދަރު ހިންގުމަށް އެދިފައިވާ ކަމަށާއި އެކަމަކު އެކަމާ ވެސް ދެކޮޅު ހެދި ކަމަށް ވިދާޅުވި އެވެ.
ޓީޖެޓީ އާއި ނޯތު ހާބަރު ސިޓީ ކައުންސިލާ ހަވާލުކުރަން އެމްޕީއެލުން ދެކޮޅު ހަދައިފައި ވާތީ، އެތަންތަން އަތުލަން އަންނަ ހަފުތާގައި ކޯޓަށް މައްސަލަ ހުށަހަޅަން ކައުންސިލުން މިއަދު ވަނީ ނިންމައިފަ އެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން، އެ ގާނޫނުގެ ކުރިން ކުންފުންޏެއް ނުވަތަ އެހެން މީހެއްގެ ބެލުމުގެ ދަށުގައި އޮތް ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ބިމެއް ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދެވޭނީ ކޯޓު މެދުވެރިކޮށެވެ.
"މާލޭގެ ރައްޔިތުންނަށް އަގު ނުލިބޭ ގޮތަށް، މާލޭގެ އެއްވެސް ބިމެއް، އެއްވެސް ކުންފުންޏަކަށް މަންފާވާ ގޮތަށް، ބޭނުންކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" ނަރީޝް ވިދާޅުވި އެވެ.
މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ކައުންސިލުން ބުންޏަސް، ސަރުކާރާ އެކު އެމްޕީއެލް އިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ވެސް ވަނީ މި ބަނދަރު ކައުންސިލާ ހަވާލުނުކުރަން ނިންމައިފަ އެވެ.
ޓީޖެޓީއަށް އަގު ކަނޑައެޅީ އާމްދަނީ ބަލާފައި: މުއިއްޒު
ޓީޖެޓީގެ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް
މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވާން ހިނގައްޖެ
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
ޓީޖެޓީގެ މައްސަލަ ހައްލުކޮށްފިން: ޝާހިދު
ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް
ސިޓީ ކައުންސިލުން ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވަނީ
ބާޒާރުމަތީގައި ޕިކަޕްތައް ޕާކްކުރުން މަނާކޮށްފި
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ