Roadha Mihaaru
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި

ޓީޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުނުކުރަން ސަރުކާރުން ނިންމައިފި

29 ނޮވެމްބަރ 2021

އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުނުކުރަން ސަރުކާރުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުނުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ އެ ތަނާ އަނެއްކާ ވެސް ހަވާލު ކޮށްދިނުމަށް ރައީސް އޮފީހާއި އެމްޕީއެލްގައި އެދިފައިވީ ނަމަވެސް އެކަން ކޮށް ނުދެވޭނެ ކަމަށް ރައީސް އޮފީހުން މިހާރު އަންގާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އަދި އެއީ މާލޭ މީހުންގެ ލާބަ އާއި މަންފާއާ ދެކޮޅު ނިންމުމެއް ކަމަށް ސިފަކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް މުއިއްޒު ފާޑުވިދާޅުވި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި، ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެހެންވެ، ގާނޫނީ ގޮތުން އެއީ މިހާރު ކައުންސިލްގެ ތަނެއް ކަމަށް ވިޔަސް، އެ ތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ މަހަކު ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބޭ ތަނެއް އެއީ. އެމްޕީއެލް އަށް ހުރިހާ ފައިސާއެއް ލިބެނީ،" މުއިއްޒު ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަށް އެ ފައިސާ ލިބުނީމާ މާލޭގެ ކުނި މެނޭޖުކުރުން ވިޔަސް، މަގުތައް ސާފުކޮށް ބޭއްވުންކަމުގައި ވިޔަސް އެތައް ކަމަކަށް އެ ފައިސާ ބޭނުން ހިފޭނެ."

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ކަމަށް މުއިއްޒު ހުންނަވައިގެންނެވެ.

ޓީޓެޖީ ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށާއި ސިޓީއަކުން ވެސް އެކަމަށް އެދުނު ނަމަވެސް، ނިންމުން ނިންމެވީ ރައްޔިތުންނާ ދެކޮޅަށް ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ.