Roadha Mihaaru
ޕާކިންގެ ގުރުއަތުލުން އަނެއްކާވެސް ފަސްކޮށްފި

އިދާރީ ގޮތުން ނިންމަން ޖެހޭ ކަމަކާ ހެދި، ޕާކިން ސްލޮޓްތަކުގެ ގުރުއަތުލުން އަނެއްކާވެސް ފަސްކޮށްފި

21 ޑިސެމްބަރ 2021

މާލެ އިން ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓްތަކުގެ ގުރުއަތުލުމުގައި އިދާރީ ގޮތުން ނިންމަން ޖެހޭ ކަންތައްތަކެއް ހުރުމުން، އެ ގުރުއަތުލުން މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް ފަސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އިން ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓްތަކުގެ ގުރުއަތުލުމުގައި އިދާރީ ގޮތުން ނިންމަން ޖެހޭ ކަންތައްތަކެއް ހުރުމުން، އެ ގުރުއަތުލުން މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް ފަސްކޮށްފި އެވެ.

ޕާކިން ސްލޮޓްތައް ދޭނެ ފަރާތްތައް ކަނޑައަޅާފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިގެން އަލުން ގުރުއަތުލުން ބާއްވަން ނިންމާފައި އޮތީ މިއަދެވެ. އެކަމަކު، މާލެ ސިޓީ ކައުންސިލުން ފަހުން ބުނީ ގުރުއަތުލުން އަންނަ މަހުގެ ފަސްވަނަ ދުވަހަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

ކުރީގެ ގުރުއަތުލުން ކެންސަލްކޮށް، އަލުން ގުރުއަތަކަށް ދާން އޭސީސީން އެންގީ ކައުންސިލުން އެކަން ކުރިއަށް ގެންދިޔަ ގޮތާ މެދު ކައުންސިލްގެ ބައެއް މެމްބަރުން ސުވާލު އުފައްދައި ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު އެވެ.

ގުރުއަތުލުން ދެން ވެސް އޮންނާނީ، މި ސްލޮޓްތަކަށް ކުރިން ވެސް ކުރިމަތިލީ މީހުންނާ އެކު އެވެ.

ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަކަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ވަނީ ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވިއިރު 969 މިހާކު ޕާކިން ސްލޮޓަށް ކުރިމަތިލި އެވެ. މާލޭގެ 10 ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރަނީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ބޭއްވި ގުރުއަތުލުމުގައި، ސްލޮޓްތަކަށް ކުރިމަތިލި އެންމެންނަށް ސްލިޕް ނަމްބަރެއް ދީފައިވެ އެވެ. ގުރުއަތު ނެގީ އެ ސްލިޕް ނަމްބަރެވެ. މައްސަލަ ޖެހުނީ ސްލޮޓު ލިބުނު މީހުންގެ ލިސްޓު އާންމުކުރި އިރު ބައެއް މީހުންނަށް އެއް ސްލޮޓަށް ވުރެ ގިނައިން ލިބިފައި ހުރުމުންނެވެ.

މީޑިއާގެ ކުރިމަތީގައި ނެގި ގުރުއަތުލުމުގައި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެފައިވެ އެވެ.