Roadha Mihaaru
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން

މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާއި ނައްތާލުން!

23 ސެޕްޓެމްބަރ 2024

އޮފީސް ކައިރީގައި ސައިކަލު ޕާކު ކޮށްލަން ދެތިން ކޮށި ވަށައި ހައެއްކަ ބުރު ޖަހައިގެން ވެސް ކިރިޔާ ގަވާއިދަށް ފެތޭ ވަރަށް ރީނދޫ ރޮނގު މަތިން ތަންކޮޅެއް ލިބޭނީ މަދު ފަހަރެއްގަ އެވެ. ޕާކު ކުރާނެ ޖާގައަކަށް ކަޅި އަޅައިގެން އެތައް ބަޔަކު ތިބޭއިރު އޮތް ހުސް ޖާގަ ވެސް ފުރިފަ އޮންނަނީ "އުމުރު ދުވަހަށް" ޕާކުކޮށްފައި ބާ ދަގަނޑަށް ވެފައި ހުރި ވެހިކަލްތަކާއި މަގުމަތިން ސްލޮޓު ރިޒާވް ކުރަން ބަހައްޓާފައި ހުންނަ ޕެލެޓުތަކާއި ލަކުޑިތަކެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އޮފީސް ކައިރީގައި ސައިކަލު ޕާކު ކޮށްލަން ދެތިން ކޮށި ވަށައި ހައެއްކަ ބުރު ޖަހައިގެން ވެސް ކިރިޔާ ގަވާއިދަށް ފެތޭ ވަރަށް ރީނދޫ ރޮނގު މަތިން ތަންކޮޅެއް ލިބޭނީ މަދު ފަހަރެއްގަ އެވެ. ޕާކު ކުރާނެ ޖާގައަކަށް ކަޅި އަޅައިގެން އެތައް ބަޔަކު ތިބޭއިރު އޮތް ހުސް ޖާގަ ވެސް ފުރިފަ އޮންނަނީ "އުމުރު ދުވަހަށް" ޕާކުކޮށްފައި ބާ ދަގަނޑަށް ވެފައި ހުރި ވެހިކަލްތަކާއި މަގުމަތިން ސްލޮޓު ރިޒާވް ކުރަން ބަހައްޓާފައި ހުންނަ ޕެލެޓުތަކާއި ލަކުޑިތަކެވެ.

ތަނަކަށް ދާން ވިޔަސް 10 މިނިޓުން ހިނގާފައި ދެވޭ ސަރަހައްދަކަށް ސައިކަލެއް ނޫނީ ކާރެއްގައި ގޮސް ރަނގަޅަށް ޕާކު ކޮށްލަން 30 ވަރަކަށް މިނިޓު އެބަ ނަގަ އެވެ. އެހެންވެ، ހިނގާފައި އުޅުން މާ ބުއްދިވެރިއޭ ހިތަށް އެރިޔަސް މާލެ އަށް ދިމާވެފައި މި އޮތް ޕާކިން މައްސަލަތަކުން ހިނގާފައި އުޅޭ މީހާ ވެސް ސަލާމަތެއް ނުވެ އެވެ.

ޕޭމަންޓުމަތިން ފައިބަން ޖާގައެއް ނުލިބޭ ވަރަށް ޕާކު ކޮށްފައި އޮންނަ އިރު ހިނގަން އޮތް ޕޭމަންޓަށް ވެސް އޮންނާނީ ކާރާއި ޕިކަޕާއި ލޮރީތައް އަރުވާލައިފަ އެވެ. ޕާކު ކުރަން ނުޖެހުނަސް ގެއަށް ވަންނަ ދޮރުމަތި ވެހިކަލްތަކުން ފުރާލައި ނުވަދެވޭ ވަރަށް ބަންދުވެފައި އޮންނާތީ ޕޭމަންޓަށް އަރާނެ ތަންކޮޅެއް ހޯދަން މަގުކޮޅަށް ހިނގަން ޖެހެ އެވެ.

އާންމުން މި ހުރިހާ ތަކުލީފެއް އުފުލަން ޖެހުނަސް ސައިކަލާއި ކާރު އެތެރެކޮށް، އެ އިން ވިޔަފާރި ކުރާ މީހުންނަށް އޮންނަނީ ލިމިޓެއް ނެތި ވެހިކަލް އެތެރެ ކުރަން ދޫކޮށްލާފައި އެވެ. އަނެއްކޮޅުން ޓޯކޮށް ވެހިކަލްތައް އުކައި ނައްތާލަނީ އެވެ.

ގަޑިބުރު ކައިރީ ހުންނަ ޑީބްލޫ މެރިން ފިހާރަ ވަށައިގެން ސައިކަލްތައް ޕާކްކޮއްފަ، ގަވައިދާ ހިލާފަަށް މިހެން ޕާކްކުރުމުގެ ސަބަބުން އާންމުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގަޑިބުރު ކައިރީ ހުންނަ ޑީބްލޫ މެރިން ފިހާރަ ވަށައިގެން ސައިކަލްތައް ޕާކްކޮއްފަ، ގަވައިދާ ހިލާފަަށް މިހެން ޕާކްކުރުމުގެ ސަބަބުން އާންމުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓޯޔާޑެއް ހިނގާ އުސޫލުން މާލޭގައި މި އޮންނަނީ ފުރި ބަންޑުންވާ ވަރަށް ވެހިކަލް ޖަމާކުރުމާއި ނައްތާލުމެވެ. ވެހިކަލަށް ދައްކަން ޖެހޭ ޕޭމަންޓުތަކާއި އަހަރީ ފީ އާއި ރޯޑުވާދިނަސް އާއި އިންޝުއަރެންސްގެ އިތުރުން ޖޫރިމަނާތަކާއި ސްޓިކާތަކަށް ފައިސާ ދައްކާ ދައްކާ މީހާ ހަފުސް ވިޔަސް އެކަމަށް ނިމުމެއް ނެތެވެ.

މިހެން އެތައް އަހަރެއްވެ، އެތައް ސަރުކާރެއް ނިމިދިޔަ އިރު މުޅި މައްސަލައިގެ ހައްލުގައި އަދިވެސް އޮތީ އަތް ނުލައި "ޕާކު" ކޮށްފަ އެވެ. ޕާކް ކުރާނެ ޒަމާނީ "ސިސްޓަމްތައް" ގެނެސް ރާވައިގެން އެ އަށް ބަލަހައްޓައިގެން ތިބޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކަމަކަށް އޮތީ އެ "ސިސްޓަމްތައް" ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ގެންދިއުމެވެ. ދެން އޮތީ ޕާކިން އަށް ވަގުތީ ބިންތައް ދޫކުރުމެވެ. ދާއިމީ ހައްލެއް އެއްވެސް ބަޔަކަށް ހޯދައެއް ނުދެވުނެވެ.

ތަފާސްހިސާބުން: ނުރައްކާތެރި ސިގްނަލެއް!

މާލެ އަށް ދިމާވެފައިވާ އެހެން ހުރިހާ މައްސަލަތަކެކޭ އެއްގޮތަށް ޕާކިން މައްސަލަ ވެސް ފެށޭ ހިސާބަކީ ތޮއްޖެހޭ ވަރަށް މީހުން މާލެ އަށް ބަދަލުވާން މަޖުބޫރު ކުރުވާފައި އޮތުމެވެ. މަލެ އަންނަން ޖެހޭ ސަބަބު ކަނޑުވާ ނުލައި މައްސަލަ ހައްލު ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނަމުން ދިޔަ ނަމަވެސް ސިޔާސީ މީހުން ދެއްކީ މާލެ-ހުޅުމާލެ ގުޅުވާލައި ބްރިޖާއެކު، މާލެ ސަރަހައްދު ތަނަވަސްވެ، ޕާކިން ފަދަ ބޮޑެތި މައްސަލަތައް ވެސް ހައްލުވެގެން ދާނެ މަންޒަރެކެވެ.

ނަމަވެސް މިއަދު ތަފާސްހިސާބުތަކަށް ބަލާއިރު ދައްކަނީ އެހެން މަންޒަރެކެވެ. މި މައްސަލަތައް ދުވަހަކަށް ވުރެ ދުވަހެއް ގޯސްވެ، ބޮއްސުންލައިގެން ދާތަނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހޯދާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗު މަހާ ހަމައަށް މާލެ ސަރަހައްދަށް އެކަނިވެސް 96,357 ސައިކަލު ރަޖިސްޓަރީ ކޮށްފައި އެބަ އޮތެވެ. އަދި 6،470 ކާރާއި 6،457 ހަތަރުފުރޮޅުލީ އެހެން އުޅަނދު މާލޭގައި ދުއްވަން ރަޖިސްޓަރީ ކޮށްފައި އެބައޮތެވެ. އެއީ މާލެ ސަރަހައްދަށް އެކަނި ޖުމްލަ 109,284 އުޅަނދެވެ.

އެންމެ ފަހުން ހެދި ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުން މާލެ ސަރަހައްދުގައި އުޅޭ ދިވެހިންގެ އަދަދަކީ 161,108 އެވެ. އެ މަގުން ބަލާނަމަ ކުޑަކުދިންނާއި މުސްކުޅިން ވެސް ހިމަނައިގެން ކޮންމެ 1.4 މީހަކަށް ވެހިކަލެއް މާލޭގައި ގެންގުޅެ އެވެ. މާލޭގެ ބޮޑުމިނަށް އެކަނި ބަލާ ނަމަ ކޮންމެ އަކަ ކިލޯމީޓަރަކަށް 13,160 ވެހިކަލް އެބައޮތެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި މީގެ ތެރެއިން 36,925 ސައިކަލާއި 3،199 ކާރު ރަޖިސްޓަރީ ކުރީ މިދިޔަ ފަސް އަހަރުގެ ތެރޭގަ އެވެ. ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް މާހިރުން ލަފާ ކޮށްފައިވާ އިރު، މި ހިސާބުތަކަށް އަންދާޒާއެއް ހަދާލާ ނަމަ މާލެ ސަރަހައްދަށް ވެހިކަލް ލިމިޓު ނުކޮށްފި ނަމަ ކުރިއަށް އޮތް 10 އަހަރު މާލެ ސަރަހައްދުގައި އެކަނި 200,000 އަށް ވުރެ ގިނަ ވެހިކަލް އޮންނާނެ އެވެ.

އެ ހުރިހާ ވެހިކަލެއް އޮންނަން ޖެހޭނީ މިހާރެކޭ އެއްގޮތަށް ޕާކު ކުރާނެ ޖާގައެއް ނެތި މަގުމަތީގައި އަޅައިފަ އެވެ. ކޮންކްރީޓު ޖަންގައްޔެއް ހެން އޮތް މި މާލެ ވެހިކަލް ޖަންކްޔާޑަކަށް ވާނެ އެވެ. މަގުމަތި ފުރެންދެން ރޮނގު ކުރަހައި ޕާކިންތަކެއް އުފެއްދިޔަސް އަދި ކިތަންމެ ވަރަކަށް ވެހިކަލް ޓޯކޮށް، ސްޓިކާ ޖެހިޔަސް އެ މައްސަލައެއް ހައްލެއް ނުވާނެ އެވެ.

ގަވާއިދާ ހިލާފަށް ޕާކްކޮއްފައި ހުރި ސައިކަލްތަކެއް ކައިރިން މީހަކު ޕޭމަންޓަށް އަރަން މަސައްކަތްކުރަނީ،-- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ގަވާއިދާ ހިލާފަށް ޕާކްކޮއްފައި ހުރި ސައިކަލްތަކެއް ކައިރިން މީހަކު ޕޭމަންޓަށް އަރަން މަސައްކަތްކުރަނީ،-- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

މި ހިސާބުތަކަކީ އަދި އެހެން ޒޯނުތަކަށް ރަޖިސްޓަރީ ކޮށްގެންނާއި އެއް ލައިސެންސް ޕްލޭޓެއް އެތައް ވެހިކަލެއްގައި ހަރުކޮށްގެންނާއި ކޮރަޕްޝަނުން ވަގު ޑޮމެއިން އާއި ފޭކު ރަޖިސްޓްރޭޝަންތަކެއް ހައްދައިގެން މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ނުހިމަނަ އެވެ.

އެ އަދަދުތައް އެނގޭ މީހެއް މުއައްސަސާއެއް އަދި އިދާރާއެއް ވެސް ނެތެވެ.

"މައްސަލަ ހައްލު ކުރަން ދުވަސް ނަގާނެ"

ޓޯ ކުރާ ވެހިކަލްތައް ހާއްސަ އަދި ވަގުތީ ޕާކިން ޒޯނެއް ހަދަން ހުޅުމާލެ 1 އިން ބިމެއް ހުސްކުރަން މި މަހުގެ ކުރީކޮޅު ބޭއްވި އިވެންޓެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި އެތައް ބައެއްގެ އިހުމާލުން މިހާ ބޮޑަށް ގޯސްވެފައިވާ ޕާކިން މައްސަލަ އަށެއްކަ މަސް ތެރޭގައި 100 ޕަސެންޓު ހައްލުވާނެ ކަމަށް އެއްވެސް ބަޔަކު އުންމީދު ކޮށްގެން ނުވާނެ އެވެ.

ކޮންމެ ގައުމެއްގައި ވެސް އުޅަނދުތަކުގެ ކެރީން ކެޕޭސިޓީއެއް އޮތް އިރު، އަކަފޫޓަކަށް ޖެހޭ ނިސްބަތަށް ބަލާ ނަމަ ދުނިޔޭގައި ވެސް އެންމެ ގިނަ އަދަދަކަށް ވެހިކަލް އޮތް ސިޓީއަކީ މާލެ ކަމަށް އަމީން ވިދާޅުވި އެވެ.

"މި ހިސާބަށް އައީ ގާނޫނުގައި ވަރަށް ރަނގަޅަށް ވަކި ގޮތަކަށް ކަނޑައަޅާފައި އޮއްވައި ގިނަ ބަޔަކު އިހުމާލުވެގެން،" އަމީން ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފުރަތަމަ ކުރި ކަމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން "ކަޓެއް" ދީގެން ވެހިކަލް ރަޖިސްޓަރީ ކުރި ކުރުން ހުއްޓުވުމެވެ. އަމީން ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތަކާ އެކީ މާލެ ސަރަހައްދަށް ވެހިކަލް އިމްޕޯޓު ކުރުން ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް ކަސްޓަމްސްގެ ރިޕޯޓުތަކުން ވެސް ދައްކަ އެވެ.

އެއާ ވިދިގެން ދެން ކުރަމުން އަންނަ މަސައްކަތަކީ މާލެ ސަރަހައްދުގައި އުޅަނދުތައް ޓޯ ކުރުމާއި ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ވެހިކަލްތައް ވެސް ނެގުމެވެ. އެ މަސައްކަތް ރޮކެޓު ސްޕީޑުގައި ކުރަމުން އެބަދެ އެވެ.

އަމީން ވިދާޅުވީ، މާލޭގައި ސްކޫލްތަކާއި މިސްކިތްތައް ކައިރީ އަދި މަގުތަކުގެ ކަންކަން މައްޗަށް ވާ ގޮތަށް ހުރި އުޅަނދުތައް ނެގުމާއި ގާނޫނު ތަންފީޒު ކުރުން ހަރުކަށި ކުރުމުން މި މައްސަލަ މިހާރު ވެސް ވަރަށް ބޮޑަށް ހައްލުވާ ތަން ފެންނަ ކަމަށެވެ. އެކަމަކު އަސްލު ހައްލު އަންނާނެ މަސައްކަތް އޮތީ ފާޑަކަށް ބުރަކި ޖެހިފަ އެވެ.

އޭގެ ނުރުހުން ބައެއް ފަރާތްތަކުން ފާޅުކުރި ނަމަވެސް ގިނަ ބަޔަކަށް ފައިދާވާން އޮތީ މިހާ ވަރަށް ވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ހުޅުމާލެ އިން ޕާކިން އަށް ހާއްސަކުރާ ބިމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ހުޅުމާލެ އިން ޕާކިން އަށް ހާއްސަކުރާ ބިމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ޕާކިން ހައްލުކުރަން ކުރެވޭނެ ކަންކަން ގިނަ!

ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި، މާލެ އަށް މިވަގުތު އެންމެ މުހިންމީ ވެހިކަލް ލިމިޓު ކުރުމާއި ޕާކުކުރާނެ ޖާގަ އިތުރު ކުރުމެވެ. ވެހިކަލް ލިމިޓު ކުރުމުގެ ސަބަބުން މާލެ ސަރަހައްދަށް އިތުރަށް ވެހިކަލްތައް ޖަމާވުން ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ އެވެ. އެއާ އެކީ، ޕާކު ކުރާނެ ޖާގަތައް އުފެއްދުމުން މިހާރު މަގުތަކުގައި އަޅާފައިވާ ކާރާއި ސައިކަލުތައް ވެސް ޕާކު ކުރާނެ ތަނެއް ލިބި މަގުމަތި ތަނަވަސްވާނެ އެވެ.

އެކަން ކުރަން ނިންމައި މި ސަރުކާރުން ވަނީ ޕާކިން އިމާރާތްތަކެއް އަޅަން އެޗްޑީސީގެ ތެރެއިން މަސައްކަތެއް ފަށައިފަ އެވެ. ނަމަވެސް މާލޭގައި ވެސް ވާޓިކަލް ޕާކިން ހައްލުތައް ގެނެވޭނެ އެތައް ސަރަހައްދެއް އޮތް އިރު، ބޮޑެތި ޕާކިން އިމާރާތްތައް ހަދަން އެތައް ޖާގައެއް އުފެއްދޭނެ ގޮތްތައް ވެސް އެބަހުއްޓެވެ. އޭގެ އެއް ގޮތަކީ އިންޑަސްޓްރިއަލް ވިލެޖުގެ އަސްލު ޕްލޭންގެ ދަށުން މާލޭގެ ބޮޑެތި ފުއްގުދަންތަކާއި ގަރާޖުތަކާއި ވެއާ ހައުސްތައް އެ ސަރަހައްދަށް ބަދަލުކޮށް، އެ ތަންތަނުގައި ޕާކިން އިމާރާތްތައް އެޅުމެވެ.

ޕަބްލިކް ޕާކިން އިމާރާތްތައް ހެދުމަށް އިމާރާތުގެ މެއިންޓަނެންސް އާއި ސެކިއުރިޓީ އަށް ކޮންމެ ކާރަކާއި ސައިކަލަކުން ކުޑަ ފީއެއް ނެގުމަކީ ވެސް އެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި ކުރަން އެހެން ގައުމުތަކުން އަމަލު ކުރާ ގޮތެކެވެ. ނަމަވެސް ޕާކިން ބިލްޑިންގް އެޅުމަށް ފަހު، އަނެއްކާވެސް އެތަންތަނަށް ދާއިމަށް ރަޖިސްޓާ ކުރެވޭ ގޮތަށް ސްލޮޓު ވިއްކަން ހުޅުވާލައިފި ނަމަ މިހާރު ރަޖިސްޓަރީ ނުވެ ހުރި ކާރުތަކުގެ ބަދަލުގައި އެ ތަންތަނަށް އަލަށް އެތެރެ ކުރާ އިތުރު ކާރުތަކެއް ރަޖިސްޓަރީކޮށް، މައްސަލަ އިތުރަށް ގޯސްވާނެ އެވެ.

ވެހިކަލްތައް ލިމިޓު ކުރުމާއި ވެހިކަލް އެތެރެކުރަން ނަގާ ޓެކްސް އިންތިހާ އަށް ބޮޑު ކުރުމުން އެތަކެތީގެ އަގުތައް ވެސް ބާޒާރުގައި ވަރަށް ބޮޑަށް އުފުލިގެން ދާނެ އެވެ. އެއާއެކީ ޕަބްލިކް ޓްރާންސްޕޯޓު އަގު ހެޔޮކޮށް އިތުރަށް ފުޅާކުރުމުން އެ މައްސަލަ ވަރަށް ބޮޑަށް ހައްލު ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ޕާކިން ޒޯނެއް: ތިން މަސް ތެރޭ ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ ވަނީ މަފުކޮށްދީފައި - ފޮޓޯ: މިހާރު

ޕާކިން ޒޯނެއް: ތިން މަސް ތެރޭ ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ ވަނީ މަފުކޮށްދީފައި - ފޮޓޯ: މިހާރު

އެނގިފައިވާ ގޮތުގައި ވެހިކަލް ލިމިޓު ކުރުމުގެ މަސައްކަތް ވެސް ކުރުމަށް ނިންމައި އެކަން އޮތީ މާލެ ސިޓީ ކައުންސިލާ ހަމައިގަ އެވެ. އެ މަސައްކަތް ނިންމަން އެކި ތާރީހުތަކެއް ދިން ނަމަވެސް މިހާތަނަށް އެކަން އޮތީ ނުވެފަ އެވެ. އެކަން ވާނެ ތާރީހެއް އަދި އެ މަސައްކަތް ކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ އަށް ޓޯޓަލް ސޮލިއުޝަނެއް ގެންނަން އެތައް ކަމެއް ބަދަލު ކުރަން ޖެހޭނެ އެވެ. ނަމަވެސް އޭގެ ކުރިން މިހާރު ލިޔެވި ތަންފީޒު ނުކުރެވި ހުރި ކަންކަން ކުރުން އަވަސް ކުރަން ސަރުކާރުން ޖެހެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ބިލްޑިންގް ކޯޑާ އެއްގޮތަށް އިމާރާތް ކުރާއިރު، ޕާކު ކުރާނެ ޖާގަ ވެސް ހަދަން މަޖުބޫރު ކުރުވުމެވެ.

މާލެ ސަރަހައްދުގައި 10-15 ބުރިއަށް ތަންތަން ނަގާއިރު، ކޮންމެ ފްލޯއަކުން އެތައް އާއިލާއެއްގެ ތެރެއިން އެތައް ވެހިކަލެއް އެބަ އާދެ އެވެ. އެ ހުރިހާ އުޅަނދެއް އޮންނާނީ އިމާރާތުގެ ބުޑަށް ޕާކު ކޮށްފަ އެވެ. މި މައްސަލަ ހައްލުވާނީ އެކަން ވެސް ބަދަލުކޮށްގެން ހަރުދަނާ ގާނޫނުތައް ހަދައި ހަރުކަށިކޮށް އެކަންކަން ތަންފީޒު ކޮށްގެންނެވެ.

މިފަދަ ފިޔަވަޅުތަކާއެކީ ގައުމީ ތަރައްގީގެ ޕްލޭންގައި ލާމަރުކަޒީ ނިޒާމް ފުރިހަމަ އަށް ތަންފީޒު ކުރެވޭނެ ގޮތްގޮތް ހިމަނައިގެން ނޫނީ މާލެ އިން ނޭވާ ލެވޭނެ ޖާގައެއް ވެސް ނުލިބޭނެ އެވެ. ވެހިކަލްތައް ކިތަންމެ ވަރަކަށް ޓޯ ކުރިޔަސް މަގުތައް ދާނީ ފުރެމުންނެވެ. ޕާކިން މައްސަލަަތައް ހައްލު ކުރަން ދުރުރާސްތާގެ ޕްލޭނެއް ހަދައި އެ އަށް އަަމަލު ކުރަން ޖެހެ އެވެ.