Roadha Mihaaru
ލީބިޔާގެ ރިއާސީ އިންތިހާބު ވާނުވާ ނޭނގޭ ހާލަތަކަށް؟

ލީބިޔާގެ ރިއާސީ އިންތިހާބު ވާނުވާ ނޭނގޭ ހާލަތަކަށް؟

21 ޑިސެމްބަރ 2021

ލީބިޔާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން، އެ ގައުމުގެ ވާދަވެރި ސިޔާސީ އަދި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، އެންމެން ވެސް އެއްބަސްވީ ހަނގުރާމަ ހުއްޓާލައި އިންތިހާބެއް ބާއްވައިގެން ސަރުކާރެއް އެކުލަވައިލުމަށެވެ. އެ ގޮތުން ރިއާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވުމަށްޓަކައި، ގާނޫނުއަސާސީއެއް އެކުލަވާލައި، އިންތިހާބުތަކާ ބެހޭ ގާނޫނެއް ފާސްކޮށް، އެ ގާނޫނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން، އެ ގައުމުގެ ވާދަވެރި ސިޔާސީ އަދި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، އެންމެން ވެސް އެއްބަސްވީ ހަނގުރާމަ ހުއްޓާލައި އިންތިހާބެއް ބާއްވައިގެން ސަރުކާރެއް އެކުލަވައިލުމަށެވެ. އެ ގޮތުން ރިއާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވުމަށްޓަކައި، ގާނޫނުއަސާސީއެއް އެކުލަވާލައި، އިންތިހާބުތަކާ ބެހޭ ގާނޫނެއް ފާސްކޮށް، އެ ގާނޫނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށެވެ.

އެ ނިންމުމާ އެއްގޮތަށް ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، މިއަހަރުގެ ޑިސެމްބަރު 24 ގައި ރިއާސީ އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އެއާ ވިދިގެން އާންމު އިންތިހާބު ވެސް ބާއްވަންޖެހެ އެވެ.

ނަމަވެސް އެ ތާރީހާ އަރައި ހަމަކުރަން ތިން ދުވަހަށް ވެފައިވާ އިރު، ރިއާސީ އިންތިހާބުގެ އެއްވެސް ހިލަމެއް، އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މިހާތަނަކަށް ނުވެ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލުމާއި، އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރުން ފިޔަވައި، ރިއާސީ އިންތިހާބާ ބެހޭ ގޮތުން އެ ކޮމިޝަނުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެހެންކަމުން، ގާނޫނުގައި އެ ބުނާ ތާރީހުގައި ރިއާސީ އިންތިހާބު އޮންނާނެ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ލީބިޔާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުންނާއި އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި، އިންތިހާބު ބާއްވަން މިހާ ކުޑަތަންވެފައިވާ އިރު، އިންތިހާބާ ބެހޭ ކޮމިޝަން ނިދާފައި އޮތުމުން އެނގެނީ، އިންތިހާބު ފަސްކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމެވެ.

ލީބިޔާގެ އިންތިހާބުތައް ފަސްކުރާނެ ކަމަށް ބެލެވޭ އިރު، އޭގެ ސީދާ ސަބަބަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިންތިހާބު ބޭއްވުމާ މެދު ގޮތެއް ނުނިންމިގެން އުޅެނީ، އިންތިހާބަށް ބޭރު ގައުމުތަކުން ނުފޫޒު ފޯރުވާތީ އެވެ.

މިކަމުގައި އެންމެ ބޮޑު ސިޔާސީ އަރައިރުމެއް އުފެދެނީ، އިންތިހާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުންނާ މެދުގަ އެވެ. ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް، އިންތިހާބަށް ކުރިމަތިލެއްވުމާއެކު، އެމެރިކާ ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ގައްޒާފީގެ ވެރިކަމުގައި ލީބިޔާ ސިފައިން ހިންގި ލާއިންސާނީ އަމަލުތަކުގައި ސައިފުލް އިސްލާމް ބައިވެރިވެވަޑައިގެންފައިވާތީ، އޭނާއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް އެމެރިކާ ތުހުމަތު ކުރެ އެވެ.

އެ މައްސަލައިގައި ސައިފުލް އިސްލާމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ.ގެ ކޯޓުންނާއި އެމެރިކާ ސަރުކާރުން ނިންމާފައިވާ އިރު، އެފަދަ ބޭފުޅަކު ލީބިޔާގެ ވެރިކަމަށް ވަޑައިގަތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާގެ ކޮންމެ ވިސްނުމަކާ ދެކޮޅު ހެދުމުގެ ސިޔާސަތުގެ ދަށުން، މިމައްސަލައިގައި ވެސް ރަޝިޔާގެ ހިޔާލު މުޅިން ތަފާތެވެ. ރަޝިޔާއިން ބުނާ ގޮތުގައި، އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ސައިފަށް ވެސް އޮންނާނެ އެވެ.

ސައިފާ މެދު ކުރެވޭ ތުހުމަތުތަކުގެ މައްސަލައިގައި ކޯޓަށް ގޮސްގެން ގޮތެއް ނިންމުމުގެ ކުރިން، ކެންޑިޑޭޓުންގެ ލިސްޓުން، ސައިފްގެ ނަން އުނިކުރުމުގެ މައްސަލައިގައި ވެސް، ރަޝިޔާ އިން ވަނީ ލީބިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ލީބިޔާގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތާ ބެހޭ ގޮތުން އެމެރިކާ އިން ގޮތް ކިޔާތީ، އެކަމަށް ވެސް ރަޝިޔާ އިން ފާޑު ކިޔަ އެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވި ގޮތުގައި ލީބިޔާގެ ކަންތައް ކުރަންވީ ގޮތް ލީބިޔާ ރައްޔިތުންނަށް ދޫކޮށްލުން މާ ރަނގަޅު ވާނެ އެވެ. އަދި އެކަމުގެ ތެރެއަށް ވިލާތުގެ ގައުމުތަކާއި އެމެރިކާ ވަންނަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކާ ބޭނުންވަނީ ލީބިޔާގެ އިންތިހާބުގައި ސައިފުލް އިސްލާމް ބައިވެރި ނުކުރަން. ރަޝިޔާ ބޭނުންވަނީ ސައިފް ބައިވެރި ކުރަން. ލީބިޔާގެ އިންތިހާބަށް ބޭރުގެ ގައުމުތަކުން މިހާރު ނުފޫޒު ފޯރުވަމުން އެދަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށް،" ލީބިޔާގެ އެންމެ މަތީ މަޖިލިސްގެ ރައީސް ޚާލިދު އަލް މިޝްރީ ވިދާޅުވި އެވެ.

މިހާރު ކަނޑައަޅާފައި އޮތް ތާރީޚުގައި އިންތިހާބު ނުބޭއްވިއްޖެ ނަމަ، އަނެއްކާ ވެސް ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. ލީބިޔާގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ފަރާތުން، ސަބްހާ ޕްރޮވިންސްގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް އިއްޔެ ފޮނުވި ފުލުހުންތަކެއް ދަތުރުކުރި ކާރެއް، އިރުމަތީ ސަރަހައްދަށް ވެރިވެގަނެގެން ތިބި، ކުރީގެ ޖެނެރަލް ހަލީފާ ހަފްތަރަށް ވަފާތެރި ހަނގުރާމަވެރިން ވަނީ ހިފަހައްޓައިފަ އެވެ.

މިއިން އެނގެނީ ޑިސެމްބަރު 24 ގައި ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު، ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ގާބިލްކަން ލީބިޔާ ސަރުކާރުގައި ނެތް ކަމެވެ. މިއީ ވެސް، މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ އިންތިހާބު ފަސްކުރަން ޖެހިދާނެ ސަބަބެކެވެ.