ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، ކާރިސާއެއް ފަދަ ނަތީޖާތަކަކާ ރަޝިޔާ ކުރިމަތިލާންޖެހޭނެ ކަމަށް އެމެރިކާ އިން އިންޒާރުކޮށްފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، ކާރިސާއެއް ފަދަ ނަތީޖާތަކަކާ ރަޝިޔާ ކުރިމަތިލާންޖެހޭނެ ކަމަށް އެމެރިކާ އިން އިންޒާރުކޮށްފި އެވެ.
އެމެރިކާ އިން މި މޭރުމުން މި އިންޒާރުކުރީ ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ އެއްކޮށްލެވިއްޖެ ނަމަ، ހުރިހާ ބާރެއް ބޭނުންކޮށްގެން ވެސް އެ ބިންތަކަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް މިދިޔަ ހޮނިހިދު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. ލަވްރޯވް އެހެން ވިދާޅުވި އިރު، ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއްގައި މިހާރު އަންނަނީ، ރަޝިޔާއާ އެއްކޮށްލުމާ ބެހޭ ގޮތުން، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަމުންނެވެ.
ރަޝިޔާ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން އެ ސަރަހައްދުތަކުގައި ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާތައް ސާފުވުމާއެކު، އެ ސަރަހައްދުތައް ރަޝިޔާގެ ބައެއް ކަމުގައި ކަނޑައެޅުމާ ބެހޭ ގޮތުން، ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނަގާނެ އެވެ. ޔޫކްރޭންގެ ދެކުނުގައި އޮންނަ ޒަޕަރޯޖިޔާ އާއި ޚެރްސޯންގެ އިތުރުން އިރުމަތީގެ ލުހާންސްކް އާއި ޑޮނެޓްސްކް، ރަޝިޔާގެ ބައެއްގެ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ފަހު، އެއިން ސަރަހައްދަކަށް ބަޔަކު ދޭ ކޮންމެ ހަމަލާއަކީ ވެސް، ރަޝިޔާއަށް ދޭ ހަމަލާއެއްގެ ގޮތުގައި ރަޝިޔާ ސަރުކާރުން ބަލާނެ އެވެ.
ސެޕްޓެމްބަރ 24، 2022: އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާގެ ފަރާތުން ތަގުރީރު ކުރެއްވުމަށް ފަހު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އިއްޔެ ވިދާޅުވީ، ރަޝިޔާ އިން ޔޫކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، އެމެރިކާ އިން ވަރަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި އެމެރިކާ އިން ދޭ ރައްދު ހަމަލާގެ ސަބަބުން، މުސީބާތެއް ފަދަ ނަތީޖާތަކެއް ރަޝިޔާ އަށް ކުރިމަތިވާނެ ކަމަށް ވެސް އޭނާ އިންޒާރު ކުރެއްވި އެވެ.
"ރަޝިޔާ އިން މި ރޮނގު ހުރަސްކޮށްފި ނަމަ، އޭގެ ސަބަބުން މުސީބާތެއް ފަދަ ނަތީޖާތަކެއް ރަޝިޔާއަށް ކުރިމަތިވާނެ. އެމެރިކާ އިން ވަރަށް ހަރުކަށިކޮށް ރައްދު ދޭނެ،" އެމެރިކާގެ ޓީވީ ޗެނަލް އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޖެކް ސުލީވާން ވިދާޅުވި އެވެ.
ޔޫކްރޭން މައްސަލައިގައި އެމެރިކާ އިން މިހާތަނަށް ނުދޭ ފަދަ ވަރުގަދަ އިންޒާރެއް ރަޝިޔާ އިން ދިން އިރު، މިދިޔަ ބުދަ ދުވަހު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، އެ ގައުމަށް ލިބިގެންވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެން ވިޔަސް، އެ ގައުމުގެ ސަރަހައްދު ހިމާޔަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ރަޝިޔާ ސިފައިން ހިފާފައިވާ ބިންތައް މިނިވަންކުރުމަށް ޔޫކްރޭން ސިފައިން މިހާރު ދެމުންދާ ރައްދު ހަމަލާތަކުގައި ވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އެދަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދީފައިވާ ޒަމާނީ ހަތިޔާރެވެ. އެހެންކަމުން، ޔޫކްރޭންގެ ބިންތަކެއް ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެ ބިންތައް މިނިވަންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ނޭޓޯ އާއި ރަޝިޔާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ފެށުމުގެ ނުރައްކާ މިހާރު ވަނީ ބޮޑުވެފަ އެވެ.
ނިއުކްލިއާ ހަނގުރާމައެއްގެ ބިރަކީ ހަގީގަތެއް: ލަވްރޯވް
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ނިއުކްލިއާ އިންޖީނުގެއަށް ރައްކާތެރި ސަރަހައްދެއް
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި
ދުނިޔެ މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީ