ދައުލަތުން ބޮޑު ދަރަންޏެއް ނުއުފުލައި، ބޯހިޔާވެހިކަން ކަށަވަރު ކުރެވޭނެ ގޮތަކީ މާލޭގެ މީހުންނަށް ގޯތި ދީގެން ކަމަށާއި އެކަން ހާސިލު ވަންދެން މަސައްކަތްޕުޅު ހުއްޓާ ނުލައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
21 ޑިސެމްބަރ 2021
ދައުލަތުން ބޮޑު ދަރަންޏެއް ނުއުފުލައި، ބޯހިޔާވެހިކަން ކަށަވަރު ކުރެވޭނެ ގޮތަކީ މާލޭގެ މީހުންނަށް ގޯތި ދީގެން ކަމަށާއި އެކަން ހާސިލު ވަންދެން މަސައްކަތްޕުޅު ހުއްޓާ ނުލައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ އެމްޑީޕީ މެންބަރުންނާއެކު، ސަޕްޓަން ޕާކުގައި ނަޝީދު ބޭއްވި ބައްދަލުވުމުގައި، މާލޭގެ މީހުންނަށް ގޯތި ދިނުމާ ގުޅޭ ގޮތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލޭގެ ހިއްކި ބިމުގައި ކަޑަ ޖަހައި، ގޯތި ދިނުމުން 15-10 އަހަރުގެ ތެރޭގައި އެ ތަންތަން ހަދައި ނިންމި ކަމަށާއި ހުޅުމާލެ އިން ވެސް ފުރަތަމަ ދޫކުރި ބިންތައް ދެ އަހަރުގެ ތެރޭގައި ނިންމި ކަމަށެވެ.
އޭގެ ސަބަބުން ދައުލަތަށް ބުރައެއް އުފުލާކަށް ނުޖެހޭ ކަމަށާއި މިހާރު ވެސް މީހުންނަށް ގޯތި ދީފި ނަމަ އެ ތަންތަން ހަދައި، ދައުލަތަށް އޮންނަ ބުރަ ކުޑަ ވާނެ ގޮތަށް އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހުޅުމާލޭގެ ބިން ކަނޑާފައި ދެވިއްޖެ ނަމަ އެ މީހުން އެ ތަން އަރާސްތު ކުރާނެ. އެ މީހުން އެ ތަނުން އާމްދަނީ ހޯދައިގެން އެ އާމްދަނީ ޓެކްސްގެ ގޮތުގައި ފޯރުކޮށްދޭނެ. އޭގެން އަޅުގަނޑުމެންނަށް ލޯނު ދެއްކޭނެ،" އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން މާލެ ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ
ގޯތި ދިނުމުގެ ބަދަލުގައި، ސަރުކާރެއް އިންތިހާބުވާ ފަސް އަހަރުގެ ތެރޭގައި ފްލެޓު އިމާރާތްކޮށް، އެ ތަންތަނަށް މީހުން އާބާދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަން މިދިޔަ 15 އަހަރުގެ ތެރޭގައި ސާފުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު އިމާރާތްކުރަން ފެށި ބައެއް ފްލެޓްތައް މީހުންނާ ހަވާލުކުރީ ނަޝީދުގެ ސަރުކާރުންނެވެ. ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރި ފްލެޓްތައް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުންނެވެ. އަދި ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޫކުރީ މި ސަރުކާރުންނެވެ.
ނަޝީދު ވިދާޅުވީ، ފްލެޓަކަށް މީހުން ވެއްދުމަށް 7-10 އަހަރުގެ މުއްދަތެއް ނަގާ ކަމަށާއި އެކަމަށް އިންތިހާ އަށް ފައިސާ ވެސް ހަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި ފްލެޓަށް ވަންނަ ގިނަ މީހުންނަށް އެ ފައިސާ ދައުލަތަށް ނުދެއްކޭ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު ހުޅުމާލޭގެ ދަރަންޏަކީ 1.2 ބިލިއަން ޑޮލަރު. އެ ފައިސާ ދައުލަތުން އަނބުރާ ދައްކަން ޖެހޭނެ. މިދަނީ ދައްކަމުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދަރަނި ނަގައިގެން ހުޅުމާލޭގައި 7،000 ފްލެޓު [ހިޔާ މަޝްރޫއު] އިމާރާތްކުރި ނަމަވެސް އެ ތަނުން ލިބޭ ކުލީގެ ފައިސާ އިން އެ ދަރަނި އަނބުރައި ނުދެއްކޭނެ އެވެ. އަދި ހުޅުމާލެ އިން އިތުރު ބިން ހިއްކައިގެން ވެސް އެ ފައިސާ އަނބުރާ ނުދެއްކޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޗައިނާ ލޯނަކީ ބިޒްނަސް ޕްލޭން ދެކޮޅު ނުޖެހޭ ގޮތަށް، އަގު ބޮޑުވާ ގޮތަށް އުފެއްދިފައި ހުރި ދަރަނި. އެ ހަރު މުދަލުން ދަރަނި އަދާ ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
މާލޭގެ މީހުންނަށް ގޯތި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުންޏަސް އެކަން ނުވާ ކަމުގެ ޝަކުވާ އެމްޑީޕީގެ މެންބަރުން ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމާ ދެބަހެއް ނުވާ ކަމަށާއި ނަމަވެސް އެ ވާހަކަ ދެއްކުމާއި އެ މަސައްކަތް ކުރުން ހުއްޓާ ނުލާނެ ކަމަށް ވިދާޅުވި އެވެ.
ގޯތި ދިނުމާ ބެހޭ ގޮތުން އާޒިމްގެ ހުށަހެޅުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ނަޝީދު ވިދާޅުވީ އެ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމާ މެދު އެ މަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެެވެ.
މާލެއިން ބިން ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު
މީހުން މަދުވީ އުއްމީދުތަކުގައި ކުލަ ނުޖެހުމުން: ނަޝީދު
ރަަށްރަށް އަޅައިކިޔުމުގެ ބަހުސުން ވާނީ ގެއްލުން: ނަޝީދު
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
"ގޭގެ ކުލި ކޮންޓްރޯލްކޮށް، ކުލި ދައްކަން އެހީވާނަން"
"ސަރުކާރުން އުޅެނީ ކޮމަންޑުއަށް ޖެއްސި ހާލު ޖައްސަން"
ބޯހިޔާވަހިކަމުގެ މައްސަލަ އަހަރަކުން ހައްލުވާނެ: ނަޝީދު
ގިރާވަރު ފަޅު މިއަހަރު މެދުތެރޭ ހިއްކާ ނިމޭނެ: ރައީސް
"ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީ ދޭން ޖެހޭ"