Roadha Mihaaru
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ

ނޮވެމްބަރު 5 ގެ ކުރިން ބިމުގެ އިން ވަކިކޮށް، ރަޖިސްޓްރީ ހަވާލު ކުރާނަން: ރައީސް

28 ސެޕްޓެމްބަރ 2023

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ބިންވެރިޔާ" ގެ ދަށުން ގޯތި ދޭން ނިންމާފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ ހުރިހާ މަސައްކަތެއް އަންނަ ނޮވެމްބަރު ފަސް ވަނަ ދުވަހުގެ ކުރިން ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ބިންވެރިޔާ" ގެ ދަށުން ގޯތި ދޭން ނިންމާފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ ހުރިހާ މަސައްކަތެއް އަންނަ ނޮވެމްބަރު ފަސް ވަނަ ދުވަހުގެ ކުރިން ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް 40 އަހަރު ފަހުން އެކަށީގެންވާ ހައްލެއް ހޯދައި ދީފައިވަނީ މި ސަރުކާރުން ކަމަށެވެ.

އެ މަސައްކަތްތައް މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ފުއްދަމުންދާ ކަމަށާއި އަދި ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް މި ދައުރު ނިމުމުގެ ކުރިން ބިން ކަނޑައި ތަން ހަވާލު ކުރަައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ރޭ ވެސް މި ޔަގީން ކަން އަރުވަނީ މި ދައުރުގެ ތެރޭގައި ފަހެއް ނޮވެމްބަރަށް އަޅުގަނޑުމެން މިހާރު މި ދޫކޮށްފައި ހުރި ހުރިހާ ގޯތިތަކެއްގެ އިން ވަކިކޮށް ބިން ކަނޑައި އެ ބޭފުޅުންނަށް ރަޖިސްޓްރީ ހަވާލު ކުރާނަން." ރައީސް ވިދާޅުވި އެވެ.

ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ރައީސް ވަނީ އެ ގޯތިތައް އިމާރާތް ކުރުމަށް މާލީ އެހީތެރިކަން ދޭން ވައުދުވެވަޑައިގެންފަ އެވެ.

ރައީސް މިރޭ ވިދާޅުވި ގޮތުގައި އެ ގޯތިތައް އިމާރާތް ކުރެވޭނެ ގޮތް ހަދައި ދޭނީ ވެސް އެމްޑީޕީގެ ވެރިކަމެއްގަ އެވެ. އެގޮތުން ފަސޭހައިން ފައިސާ ހޯދައި ދިނުމާއި ލުއި ގޮތެއްގައި އަނބުރާ ދެއްކޭނެ ގޮތެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހައުސިން ބޭންކުގެ ތެރެއިން ފައިސާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދާ ދޭނަން." ރައީސް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު އެއީ 9003 ގޯތި ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. އެ މިނިސްޓްރީން މިހާރު ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ ފަރާތްތަކަށް ވެސް ގޯތި ދިނުމަށް ނިންމައިފަ އެވެ.