Roadha Mihaaru
މާލެއިން ބިން ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް

މާލެއިން ބިން ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް ހިންގާނަން: ރައީސް

07 މާޗް 2021

މާލޭގައި އޮތް ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރާ މަޝްރޫއެއް ސަރުކާރުން ހިންގާނެ ކަމަށް ރައީސްް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި އޮތް ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރާ މަޝްރޫއެއް ސަރުކާރުން ހިންގާނެ ކަމަށް ރައީސްް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

،ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަން އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ވާޗުއަލް ޖަލްސާތަކުގެ ސިލްސިލާގެ ތެރެއިން މާލޭގެ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިިދާޅުވީ އެ މަޝްރޫއުގެ ތަފްސީލުތައް މިއަހަރު މެދުތެރޭގައި ހާމަކުރެވޭނެ ކަމަށެވެ. މާލެއިން ބިން ދޫކޮށްލާ ފަރާތްތަަކަށް ގޯތި ދޫކުރާ މަޝްރޫއެއްގެ ވާހަކަ އެމަނިކުފާނު ދެއްކެވީ ކުރިން ހިންގި އެ ފަދަ މަޝްރޫއެއްގެ މީހުންނަށް ތަނެއް ނުލިބުނު މައްސަލައިގެ ސުވާލުތައް ކެންޑިޑޭޓުން ކުރެއްވުމުންނެވެ.

"ވެށިފަހި މާލެ" ޕްރޮގްރާމްގެ ނަމުގައި އެ މަޝްރޫއު ފެށްޓެވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މިރޭ ބައެއް ކެންޑިޑޭޓުން ވިދާޅުވީ ބިންްކޮޅު ދޫކޮށްލަން އޭރު އެއްބަސްވި ބައެއް މީހުންނަށް އަދި އެއްވެސް ގޮތެއް ފެނިފައި ނުވާ ކަމަށެވެ.

"އަދި އިތުރު މަޝްރޫއެއް ހިންގުމަށް އަޅުގަނޑުމެން ވިސްނާފައި އެބަ އޮތް. އެ [ތަފްސީލް] އެހިސާބަށް ދިޔައިމާ އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން. ގޯތި ވެސް އޭގެ ތެރޭގައި ދޫކުރެވިގެންދާނެ މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅިފަޅުން 700 އަކަފޫޓުގެ 12،000 ގޯތި ދޫކުރާ ވާހަކަ ކުރިިން ވެސް ހާމަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ރައީސް މިރޭ އެ ވިދާޅުވިި މަޝްރޫއުގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ބޯހިޔާވަހިކަަމުގެ ދަތިކަމެވެ. އެ ދައްޗަަށް ހައްލެއް ހޯދަން ސަރުކާރުން ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުން އަންނަ ކަމަށްް ވިދާޅުވެ، ރައީސް ތަފާސްހިސާބުތަކެއް ވެސް މިރޭ ދެެއްވި އެވެ. އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މާލެ ސަރަހައްދުގައި 13،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެކި ހިސާބުތަކަށް ގެންގޮސްފައި އެބަހުއްޓެވެ. އަދި އޭގެ ތެރެއަށް ފަހުން އިތުރުވާނެ 2000 ހައުސިން ޔުނިޓާ އެކު 15،000 ހަައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ރާވާފައި އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވީ ވައުދާ އެއްގޮތަށް ގްރޭޓާ މާލެ އޭރިއާއަށް، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިހިންގޭ މަޝްރޫއުތަކުގެ ރަނގަޅު ނަތީޖާއެއް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސްގެ އަރިހުގައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ބައިވެރިވެވަޑައިގެންނެވި އެވެ. މިނިސްޓަރުންނާއި ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށެވެ.