Roadha Mihaaru
މޮޅުވުމުގެ ރޭހުގައި މާޒިޔާ ކުރިއަށް

މޮޅުވުމުގެ ރޭހުގައި މާޒިޔާ ކުރިއަށް

25 ޑިސެމްބަރ 2021

ޕްރެޒިޑެންޓް ކަޕްގައި ކްލަބް އީގަލްސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މޮޅުވުމުގައި މާޒިޔާއިން ރޭސް ދަމަހައްޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްރެޒިޑެންޓް ކަޕްގައި ކްލަބް އީގަލްސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މޮޅުވުމުގައި މާޒިޔާއިން ރޭސް ދަމަހައްޓައިފި އެވެ.

މިރޭ އީގަލްސްއިން ޖެހި ލަނޑަކީ، މިސީޒަންގައި މިހާތަނަށް މާޒިޔާ ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މާޒިޔާއިން ވަނީ މިހާތަނަށް ނުވަ ލަނޑު ޖަަހައިފަ އެވެ.

އީގަލްސް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ބަލިވީ އެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޓީސީ އަތުން ބަލިވީ 1-0 ންނެވެ. މިރޭގެ މެޗުގައި މާޒިޔާގެ ލަނޑުތައް ޖެހީ، ހުސައިން ނިހާން (ނިހާޓް) އާއި ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.

ފުރަތަމަ ލަނޑު، ހަމްޕް ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ. އީގަލްސްގެ އޭރިއާ ބޭރުން ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ދޭން އުޅުނު ބޯޅަ ހަމްޕް އަށް ލިބުނީ އީގަލްސްގެ ކުޅުންތެރިޔެއްގެ ފައިޖެހިފައި ރީބައުންސް ވެގެން ގޮހެވެ. ހުސްކޮށް ހުރި ހަމްޕް އަށް ބޯޅަ ލިބުމުން އީގަލްސްގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހޯ ވަނީ ހަމްޕް އަށް ހުރަސް އެޅުމަށް ބޯޅަ އަށް އަރައިފަ އެވެ. އެކަމަކު ހަމްޕް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ މަތިމަތިން އޮއްސާލާފަ އެވެ.

ދެވަނަ ހާފުގައި ނިހާޓް ޖެހި ލަނޑަކީ، ހަމްޕްއާ ދެކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ލަނޑެކެވެ. އޭރިއާގެ އަރިމަތިން ހަމްޕް ނަގައިދިން ހުރަސް، ނިހާޓް ވަނީ އިތުބާރާއެކު ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. އީގަލްސްގެ ލަނޑު ޖެހީ އަލީ އަޒްވާން އަބްދުލް އަޒީޒު އެވެ.

މެޗަށް ފަހު އޮތް "ރަސްމީ" ޕްރެސް ކޮންފަރެންސަށް ދެ ޓީމުން ކުރެ އެއްވެސް ޓީމަކުން ހާޒިރު ނުވި އެވެ. "މިހާރު" ނޫސް ބައިވެރި ވާތީ ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރި ދެ ކްލަބުން ވަނީ، މެޗަށް ފަހު ދަނޑުމަތީގައި "އަމިއްލަ އަށް" ޕްރެސް ބާއްވައި، "މިހާރު" ނޫސް ބައިވެރިނުކޮށް މީޑިއާ އަށް މައުލޫމާތު ދީފަ އެވެ. އަދި އެފްއޭއެމްގެ އޮފިޝަލުން އެހީތެރިކަން ފޯރުކޮށް ދިން އިރު ޕްރެސްގައި ވަނީ "ރަސްމީ" ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ވެސް އަމަލު ކުރާ މަރުހަލާތައް ފުރިހަމަކޮށްފަ އެވެ. އެގޮތުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުން،، ނިހާޓް ލައްވައި ވެސް މީޑިއާގައި ވާހަކަ ދައްކާފައި ވެެއެވެ. ތަފާތަކީ ހަމައެކެނި ޕްރެސް ހޯލްގައި ކުރިއަށް ނުގެންދިއުމެވެ.