Roadha Mihaaru
ޔޫވީ އާއި ގްރާންޑޭ މެޗު ހަމަހަމަ

ޔޫވީ އާއި ގްރާންޑޭ މެޗު ހަމަހަމަ

25 ޑިސެމްބަރ 2021

ފުރަތަމަ ޑިވިޝަނަށް އާ ކުޅުންތެރިންތަކެއް ގޮވައިގެން، މިފަހަރުގެ ސީޒަނާ ކުރިމަތިލި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން، ތާޖުރިބާކާރު ކުޅުންތެރިން ހިމެނޭ ޔުނައިޓެޑް ވިކްޓަރީއާ ކުޅެ 1-1 އިން އެއްވަރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުރަތަމަ ޑިވިޝަނަށް އާ ކުޅުންތެރިންތަކެއް ގޮވައިގެން، މިފަހަރުގެ ސީޒަނާ ކުރިމަތިލި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން، ތާޖުރިބާކާރު ކުޅުންތެރިން ހިމެނޭ ޔުނައިޓެޑް ވިކްޓަރީއާ ކުޅެ 1-1 އިން އެއްވަރުކޮށްފި އެވެ.

ޕްރެޒިޑެންޓްސް ކަޕުގައި، ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ގްރާންޑޭއިންނެވެ.

ގްރާންޑޭގެ ލަނޑު ޖެހީ، އަހްމަދު އަބްދު ސައްތާރު އެވެ. މެޗުގެ 62 ވަނަ މިނެޓްގައި އަހްމަދު ޖެހި ލަނޑަކީ ހިތްގައިމު ލަނޑެކެވެ. އޭރިއާގެ ބޭރުން އޭނާ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ލީޑު ނެގި ނަމަވެސް، ގްރާންޑޭގެ ފަހަތަށް އައި ހަމަލާތައް ހުއްޓުވުމުގައި އެ ޓީމަށް ކާމިޔާބެއް ނުހޯދުނެވެ. ޔުވީ އަށް ގިނަ ހަމަލާތަކެއް އުފައްދަން ފުރުސަތު ލިބުނު އަނެއް ސަބަބަކީ، ގްރާންޑޭއިން ގިނަ ފައުލްތަކެއް ކުރުމެވެ. ފައުލްތަކުން ލިބޭ ހިލޭޖެހުންތަކުގައި ޔޫވީން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ.

ޔޫވީން ނަތީޖާ ހަމަހަމަ ކުރީ، އޭރިއާގެ ބޭރުން އަލީ ހައިޝަމް އަށް ލިބުނު ބޯޅަ ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. މެޗުގެ 87 ވަނަ މިނެޓްގައި ވެސް ހައިޝަމް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ގޯލާ ވަރަށް ކައިރީގައި ހުރެފައި ބޯޅަ ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް ރަނގަޅަށް ފޮނުވައި ނުލެވުނެވެ.

ޔޫވީ އާއި ގްރާންޑޭ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޔޫވީ އާއި ގްރާންޑޭ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރެއިން ދެވަނަ މިނެޓްގައި ވެސް ހައިޝަމް އަށް ވަނީ މުޅިން ހުސްކޮށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ވެސް ޔޫވީ އަށް، ގްރާންޑޭގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ނުރައްކާ ކުރި އެވެ. އާދިލް އަބްދު ރަހްމާން ފޮނުވާލި ހިލޭޖެހުން ޔޫވީގެ ކުޅުންތެރިން ބޮލުން ފޮނުވާލައި ނުރައްކާކުރި އެވެ. އެކަމަކު ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

މި މެޗަށް ފަހު ވެސް ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސް ބާއްވައިފައެއް ނުވެ އެވެ. ޕްރެސް ކޮންފަރެންސަށް، ނޫސްވެރިން ދިޔަ ނަމަވެސް ކަލަބުތަކުގެ ކޯޗުން ހާޒިރު ނުވުމުން ޕްރެސް ކޮންފަރެންސް ކެންސަލް ކުރީ އެވެ. ފުރަތަމަ ޑިވިޝަންގެ ހަތް ކްލަބަކުން ވަނީ "މިހާރު" ނޫސް ބައިވެރިވާ ނަމަ ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ.