Roadha Mihaaru
ގްރާންޑޭ ބަލިކޮށް އީގަލްސް ކުރިއަށް ޖެހިލައިފި

ގްރާންޑޭ ބަލިކޮށް އީގަލްސް ކުރިއަށް ޖެހިލައިފި

10 ޖެނުއަރީ 2022

ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޕްރެޒިޑެންޓްސް ކަޕްގެ ހަވަނަ މަގާމަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.

ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޕްރެޒިޑެންޓްސް ކަޕްގެ ހަވަނަ މަގާމަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، އީގަލްސްގެ ލަނޑުތައް އެޓީމުން ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލީޑް ނެގީ ގްރާންޑޭއިންނެވެ. ފުރަތަމަ ހާފު ނިމެންދެން އެޓީމަށް ލީޑްގައި ހިފަހައްޓާ ލެވުނެވެ. އަދި ދެވަނަ ހާފު ފަށައިގެން ލީޑް ފާޅާ ވެސް ކުރި އެވެ. އެކަމަކު ހަސަން ރާއިފް އަހްމަދު (ހަންނަ) އާއި އަހްމަދު ރިޒްވާން އަދި ހުމައިދު ހުސައިންގެ ޖެހި ގޯލްތަކުން އީގަލްސްއިން ނަތީޖާ ބަދަލު ކުރި އެވެ.

ރ. އަލިފުށީގައި ކުޅެން ހަމަޖެހިފައިވާ، ފައިނަލަށް ދިއުމުގެ ފުރުސަތެއް އީގަލްސް އަށް ވެސް ނެތެވެ. އެކަމަކު މެޗުން މޮޅުވެ ތާވަލުގެ ކުރިއަށް ޖެހިލުމަކީ އެޓީމަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ އެވެ.

މެޗުގައި ގްރާންޑޭގެ ފުރަތަމަ ލަނޑު ޖެހީ މުޝްރިފް މޫސާ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނެޓްގަ އެވެ. ޖަޕާންގެ މިޑްފީލްޑަރު ޔޫގޯ ކަވާބާޓާ އޭރިއާގެ އަރިމަތިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ މުޝްރިފް އެރީ، އޭރިއާގެ އަނެއް ފަޅިން އޭރިއާގެ ކަނާ ދިމާލުންނެވެ. އޭނާ އަށް ލިބުނު އިރު އޭނާ ހުރީ ހުސްކޮށެވެ. އޭނާ ވަނީ ގޯލްގެ ތެރެއަށް ފަސޭހަ ކަމާއެކު ބޯޅަ ވައްދައިލައިފަ އެވެ.

އީގަލްސް އާއި ގްރާޑޭ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އީގަލްސް އާއި ގްރާޑޭ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދެވަނަ ހާފު ގެށިގެން ހަ ވަނަ މިނެޓްގައި ގްރާންޑޭއިން ލީޑް ފުޅާ ކުރި ލަނޑު ޖަހައިދިނީ އިސްމާއީލް ނަޒީހް އެވެ. އީގަލްސްގެ އޭރިއާގެ އަރިމަތިން މުޝްރިފް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ، ނަޒީހް ވަނީ އޭނާ މާކުކޮށްގެން ހުރި އީގަލްސްގެ ޑިފެންޑަރަށް ވެސް ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު ރިޒްވާން ޖެހީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ. ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ފަހުން ޖެހުނު ލަނޑާއެކު އީގަލްސް ޓީމަށް ދިރުން ލިބިގެން ދިޔަ އެވެ. އޭގެ 10 މިނެޓް ފަހުން އަނެއްކާ ރާއިފް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުން އީގަލްސް މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޖެހީ ހުމައިދު ހުސައިންނެވެ.

ކުޅުނު ފަސް މެޗުގެ ތެރެއިން އީގަލްސް މޮޅުވީ ދެ މެޗުންނެވެ. ލިބުނު ހަ ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވެސް ވަނީ އެއަދަދަށް ޕޮއިންޓް ހޯދާފަ އެވެ.