Roadha Mihaaru
ކޮވިޑުގައި ލިބުނު ބޮޑު ތަސައްލީއަކީ އެއްބައިވަންތަކަން

ކޮވިޑުގައި ވެސް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ ދިވެހިންގެ އެއްބައިވަންތަކަން: ރައީސް

26 ޑިސެމްބަރ 2021

މީގެ 17 އަހަރު ކުރިން ކުރިމަތިވި ސުނާމީން އަރައިގަތުމުގައި ވެސް ކާމިޔާބީއަކީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށާއި މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ދަތިކަމުގެ ތެރެއިން ވެސް ލިބިވަޑައިގެންނެވި އެންމެ ބޮޑު ތަސައްލީއަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އޯގާތެރިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ 17 އަހަރު ކުރިން ކުރިމަތިވި ސުނާމީން އަރައިގަތުމުގައި ވެސް ކާމިޔާބީއަކީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށާއި މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ދަތިކަމުގެ ތެރެއިން ވެސް ލިބިވަޑައިގެންނެވި އެންމެ ބޮޑު ތަސައްލީއަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އޯގާތެރިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ސުނާމީގައި އަލުން އާރާސްތުކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެން ދިޔައިރު، ބައެއް މީހުން އުމުރު ދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން ސުންނާފަތިވެ، ހާލުގައި ޖެހުނު ކަމަށެވެ. އެ މީހުންގެ ދިރިއުޅުން އަލުން ކޮޅަށް ޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކޮވިޑް-19 ފެތުރި، ދިވެހިން މިހާރު ތަހައްމަލު ކުރަމުން މި ދަނީ ގުދުރަތީ ބޮޑު ކާރިސާއެއް ނޫން ނަމަވެސް، މިދިޔަ ދެ އަހަރަކީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. މި ބަލިމަޑުކަން ފެތުރެން ފެށުމާ އެކު، ރައްޔިތުން ދިރިއުޅެން ޖެހުނީ ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވި އެވެ.

ބަލިން އަރައިގަތުމަށް ރާއްޖެ ލޮކްޑައުންކުރުމުން، މުޅި އާބާދީ އަށް އެކަމުގެ ގެއްލުންތައް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.

"މި ދަތިކަމުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން،" ރައީސް ވިދާޅުވި އެވެ.

"ގޭގެ އަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެ ނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް އެތައް ހާސް ބަޔަކު މަސައްކަތް ކުރި. އަމިއްލަ އާއިލާއާ ދުރުގައި، ރެޔާއި ދުވާލު އަތްވާއި ވާރޭގައި އެތައް ދުވަހެއް ވަންދެން، ހިލޭ ސާބަހަށް މަސައްކަތް ކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. ބޯޑަރުތައް ހުޅުވާލައި، ޓޫރިޒަމް އާއި އިގުތިސާދީ އެހެން މަސައްކަތްތައް ވެސް އަލުން ފަށައިގަނެވިއްޖެ ކަމަށް ވިދާޅުވި އެވެ.

ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަދީގެން ކަމަށެވެ.

"ސަރުކާރެއް އޮތުމުގެ ބޭނުމަކީ ވެސް އެއީ. ސަރުކާރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އެ ދައުލަތެއްގައި ޝާމިލްވާ އެންމެންގެ އަޑު އަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި ވަނީ ޑިސެމްބަރު، 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ. އަދި މި ޖަލްސާގައި ވަނީ ސަރުކާރުން މި އަހަރު ދޭން ފެށި "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" 98 މީހަކަށް ދީފަ އެވެ.