Roadha Mihaaru
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 98 ބޭފުޅަކަށް

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 98 ބޭފުޅަކަށް

26 ޑިސެމްބަރ 2021

ސަރުކާރުން މި އަހަރު އަލަށް ދޭން ފެށި "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" 98 ބޭފުޅަކަށް މިރޭ ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުން މި އަހަރު އަލަށް ދޭން ފެށި "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" 98 ބޭފުޅަކަށް މިރޭ ދީފި އެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެ އިނާމު ހަވާލުކޮށްދެއްވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި އިނާމު ދިނުމުގެ ފުރަތަމަ ބުރު އޮތީ މިދިޔަ މަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ރޭ 117 ބޭފުޅަކަށް އިނާމު ދީފައިވެ އެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދެނީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ދައުލަތުގެ ކޮންމެ މަގާމެއްގައި ވަޒީފާ އަދާކުރެއްވިޔަސް، ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ މި އިނާމު ލިބެ އެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރެއްވި ދެ ބޭފުޅަކު ވެސް ހިމެނެ އެވެ. އެއީ ހއ. އުލިގަމު މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރެއްވި އިދުރީސް އާދަމް އާއި ފޮރިން ސާވިސްގަ މަސައްކަތް ކުރައްވާ އަހުމަދު ސަލީމް އެވެ.

އިނާމު ލިބުނު ބޭފުޅުންގެ ތެރޭގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅުންނާއި ޝަރުއީ ދާއިރާގައި ހިދުމަތްކުރެއްވި ބޭފުޅުންނާއި އޭވިއޭޝަންގެ ދާއިރާގައި ހިދުމަތްކުރެއްވި ބޭފުޅުންނާއި އަދި ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވަނީ ޑިސެމްބަރު، 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ.

މި ޖަލްސާގައި ވަނީ މިދިޔަ ހަފުތާގައި އަވަހާރަވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ދިވެހި ދައުލަތަށާއި ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދައްކައިފަ އެވެ.