Roadha Mihaaru
ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަން ހިންގި ކަމުގެ ހެއްކެއް ނެތް: އޭސީސީ

27 ޑިސެމްބަރ 2021

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.

ކޮމިޝަނުން މިގޮތަށް ނިންމާފައި ވަނީ ސިންގަލް ވިންޑޯގެ ބިޑްތައް އިވެލުއޭޓްކޮށް އެވޯޑްކުރުމުގައި ނުފޫޒު ގަދަ ފަރާތްތަކެއްގެ މަސްލަހަތު އިސްކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ކޮމިޝަނުން ބުނެފައި ވަނީ އިވެލުއޭޝަން ކޮމިޓީގެ މެމްބަރުން ވަކި ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދި ދިން ކަމުގެ މަގްސަދުގައި ކަމެއް ކުރި ކަމުގެ އެކަށީގެންވާ ހެކި މައްސަލައާ ގުޅިގެން ލިބިފައިވާ ލިއުންތަކުންނާއި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން ލިބިފައި ނުވާ ކަމަށެވެ.

މި މަހުގެ 15 ގައި މައްސަލަ ނިންމައި އޭސީސީން ވަނީ ފައިލްކޮށްފަ އެވެ.

އޭޑީބީން ފަންޑުކުރާ މި މަޝްރޫއު، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައި ހަވާލުކުރީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.

ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން އޭސީސީ އަށް މައްސަލަ ހުށަހެޅީ އެ މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށް ބުނެ އެވެ.

މި މަޝްރޫއުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އޭސީސީން ނިންމާފައިވިޔަސް އަލުން ހުޅުވާލައިގެން ކުރިއަށް ގެންދަން އޭޑީބީން އޮތީ އަންގައިފަ އެވެ. އެއީ މަޝްރޫއު ހަވާލުކުރި ކުންފުނީގެ ޑިއުޑެލިޖެންސާ އެކު އިންޓާނަލް އޮޑިޓެއް ކުރިއަށް ގެންދިޔައިރު، އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަން ފެންނަން އޮތުމުންނެވެ.

އެހެންވެ ފިނޭންސުން ވަނީ ވެބް ފޮންޓެއިންއާ އެކު ވީ އެއްބަސްވުން އުވާލައިފަ އެވެ. އޭޑީބީން އެންގި ގޮތަށް އަލުން ހުޅުވާލުމުން ހަ ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ. އެކަމަކު އަދި އެއްވެސް ބަޔަކާ ހަވާލެއް ނުކުރެ އެވެ.

މި މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރި ސަބަބުތައް:

- މަޝްރޫ ހޯދަން ބައިވެރިވެވޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީ ނުހިމެނޭއިރު، ފިލިޕީންސް ކުންފުނީގެ ނަމުގައި ކުރިމަތިލައި، އެކަމަކު ޔޫއޭއީގައި އޮފީސް ހުންނަ ކުންފުނިން މަޝްރޫއު ކުރިއަށް ގެންދިއުން.

- ވެބް ފޮންޓެއިންގެ މައި އޮފީސް ޔޫއޭއީގައި ހުންނަ އިރު، އެކި ގައުމުތަކުގައި ހިންގި ޕްރޮޖެކްޓްތައް ވެސް، އޮޅުވާލުމުގެ ތެރެއިން، އެ އޮފީހުން ކުރިއަށް ގެންދިއުން.

- ފިލިޕީންސްގައި ހުންނަ ކުންފުނިން މީގެ ކުރިން ސިންގަލް ވިންޑޯގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައިނުވުން. އެހެންކަމުން ބިޑުގައި އެ ކުންފުނީގެ ނަން އޮތަސް، އެ ބިޑް ޑިސްކޮލިފައިވާން ޖެހޭނެ ކަމަށް ބެލުން.

- ވެބްފޮންޓެއިންއާ މަޝްރޫއު ހަވާލުކުރީ އަގު ހެޔޮކޮށް ކުރިއަށް ގެންދަން ހުށަހެޅި ގިނަ ކުންފުނިތައް ބާކީކުރުމަށް ފަހު ކަން ލިއުންތަކުން ފެންނަން އޮތް ކަން.

އޭސީސީން ބުނިގޮތުގައި މަޝްރޫއުގެ ބިޑް ޑޮކިއުމެންޓް އެކުލަވާލާފައި ވަނީ ޕްރޮޖެކްޓަށް ފަންޑްކުރި އޭޑީބީގެ ގައިޑްލައިނާ އެއްގޮތަށެވެ. އަދި ބިޑް އިވެލުއޭޓްކުރި މަރުހަލާގައި، ޓެކްނިކަލް ބައިތަކަށް މާކްސްދޭން އޭޑީބީގެ މަންދޫބެއް ބައިވެރިވި ކަން ވެސް ފާހަގަކުރި އެވެ.

އިވެލުއޭޝަން މަރުހަލާ އަވަސްކުރުމުގެ ގޮތުން އޭޑީބީގެ މަންދޫބު ކޮލިފިކޭޝަން ކްރައިޓީރިއާގެ ބަޔާއި ޓެކްނިކަލް އިވެލުއޭޝަންގެ ބައި އެކުއެކީގައި ކުރިއަށް ގެންދިއުމަށް އަންގާފައިވާ ކަން ވެސް ތަހުގީގުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

މި ބިޑުގެ ފައިނޭންޝަލް އިވެލުއޭޝަން ފުރިހަމަކޮށްފައި ވަނީ ނެޝަނަލް ޓެންޑާގެ މަސައްކަތުގައި އެއްވެސް ދައުރެއް ނެތް ފިނޭންސް މިނިސްޓްރީގައި މަސައްކަތްކުރާ އޭޑީބީގެ ފައިނޭންޝަލް މެނޭޖްމަންޓް އެންޑް މޮނިޓަރިން ކޮންސަލްޓަންޓެވެ.

ތަހުގީގު ނިންމި ރިޕޯޓުގައިވާ ގޮތުގައި، އިވެލުއޭޝަން މަރުހަލާތައް ނިންމުމަށް ފަހު ބިޑް އެވޯޑްކުރުމުގެ ކުރިން ހޯދަން ޖެހޭ އޭޑީބީގެ ނޯ އޮބްޖެކްޝަން ހޯދުމަށް އޭޑީބީއަށް ފޮނުވި އެވެ. އެ ބޭންކުން ނޯ އޮބްޖެކްޝަން ދީފައި ވަނީ އެ ޓެންޑާގައި މައްސަލަ ދިމާވެފައިވާ ވެބް ފޮންޓެއިން އޭޝިއާ އިންކް އިން ހުށަހަޅާފައިވާ ބިޑްގައި ހިމެނޭ ކޮލިފިކޭޝަން ކްރައިޓީރިއާގެ ކޮންޓްރެކްޗުއަލް އެކްސްޕީރިއެންސް އާއި ޓެކްނިކަލް އެކްސްޕީރިއެންސް އަދި ޕްރޮޑަކްޝަން ކެޕޭސިޓީގެ ބައިތަކާ ގުޅޭ ބިޑް ފޯމާއި ސަޕޯޓިން ޑޮކިއުމެންޓް ފޮނުވަން އެދުމުން، ނެޝަނަލް ޓެންޑާ އިން އެ ލިއުންތައް އެ ފަރާތާ ހިއްސާކުރުމަށް ފަހު ކަން ތަހުގީގަށް ލިބިފައިވާ ލިއުންތަކުން އެނގޭ ކަަމަށް އޭސީސީން ބުންޏެވެ.