Roadha Mihaaru
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި

ސިންގަލް ވިންޑޯ މަޝްރޫއުގައި އޮޅުވާލުން! އޭޑީބީން މަޝްރޫއު ހުއްޓުވައިފި

06 ސެޕްޓެމްބަރ 2020

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް، ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބަލައި އެ މަޝްރޫއު އަލުން ހުޅުވާލައިގެން ކުރިއަށް ގެންދަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އަންގާފައިވާ ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް، ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބަލައި އެ މަޝްރޫއު އަލުން ހުޅުވާލައިގެން ކުރިއަށް ގެންދަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އަންގާފައިވާ ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އެކި މަޝްރޫއުތައް ހިންގަން މީގެ 40 އަހަރު ކުރިން ފެށިގެން ރާއްޖެ އަށް މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އޭޑީބީން ފަންޑުކުރާ މި މަޝްރޫއު، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައި ހަވާލުކުރީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. މި ކުންފުނި ހޮވީ، ބީލަމަށް ހުޅުވާލުމުން މިދިޔަ ޖޫން މަހު ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅިތާ ވެސް ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ.

އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.

ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން، ހެއްކާ އެކު، ބުނަމުން އައީ އެ މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށެވެ.

ޝަރުތު ހަމަނުވާ ކުންފުންޏަކުން ކުރިމަތިލައި، އެހެން ހުރިހާ ކުންފުންޏެއްގެ މައްޗަށް ކުރި ހޯދި ގޮތާ މެދު ސުވާލު އުފައްދައި "މިހާރު" އާއި "މިހާރު" ން ހިންގާ އިނގިރޭސި ނޫސް "ދި އެޑިޝަން"ގައި ޖެހި ޚަބަރާ ގުޅިގެން އޭޑީބީން ވަނީ، އެނގިފައިވާ ގޮތުގައި، ހަވާލުކުރި ކުންފުނީގެ ޑިއުޑެލިޖެންސާ އެކު އިންޓާނަލް އޮޑިޓެއް ކުރިއަށް ގެންގޮސްފަ އެވެ. އަލުން ހުޅުވާލަން އެންގީ އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަން ފެންނަން އޮތުމުންނެވެ.

އޭޑީބީގެ އެންގުމާ އެއްގޮތަށް އެ މަޝްރޫއު ނެޝަނަލް ޓެންޑާ ބޯޑުން މިހާރު ވަނީ ކެންސަލް ވެސް ކޮށްފަ އެވެ.

މިއީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޮޑު ޖަމާއަތަކުން މިފަދަ ގޮތަކަށް ރާއްޖޭގެ މަޝްރޫއުއެއް ހުއްޓުވި ފުރަތަމަ ފަހަރެވެ.

އޮޅުވާލުމާއި މަަކަރާއި ޚިޔާނާތުގެ މައްސަލަތަކުގައި އޭޑީބީން އޮންނަނީ ވަރަށް ހަރުކަށި ފިޔަވަޅު އަޅާ ގޮތަށެވެ. އޭގެ ތެރޭގައި އޮޅުވާލައިގެން ބިޑް ކާމިޔާބުކުރި ޕްރޮޕޯސަލް ރިޖެޓްކުރުމާއި އޭޑީބީން ފަންޑްކުރާ އެއްވެސް މަޝްރޫއަކަށް އެ ކުންފުންޏަށް. ވަކި މުއްދަތެއްގައި ކުރިމަތި ނުލެވުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.

ވެބް ފޮންޓެއިންއާ އެކު ވީ އެއްބަސްވުން އުވާލަން ވަނީ ނިންމާފައި: ފިނޭންސް

މި މަޝްރޫއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ޓެންޑަ ބޯޑަށް "މިހާރު"އަށް ގުޅުމުން އެދުނީ ބޭނުންވާ މައުލޫމާތު ހޯދަން ލިއުމުން އެދޭށެވެ. މިކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވަން "މިހާރު"ން ލިއުމުން ފޮނުވި ސުވާލުތަކަށް ފިނޭންސް މިނިސްޓްރީން ލިއުމުން ދިން ޖަވާބުގައި މި މަޝްރޫއު ހަވާލުކުރި ވެބް ފޮއިންޓެއިންއާ އެކު ވީ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަން ކަށަވަރުކޮށްދިނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިމްޕޯޓް އަދި އެކްސްޕޯޓްގެ މަރުހަލާގައި ދޭ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދޭން ގާއިމްކުރާ ސިންގަލް ވިންޑޯގެ ނިޒާމުގެ ޓާންކީ ކޮންޓްރެކްޓް އެވޯޑްކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް މީޑިއާތަކުން [މިހާރު ނޫހުން] ރިޕޯޓްކުރުމުން އެ ޕްރޮޖެކްޓް އެވޯޑުކުރި ގޮތުގެ އެސެސްމަންޓެއް ހެދި ކަމަށެވެ. ކޮންޓްރެކްޓް އެވޯޑްކުރުމާ ބެހޭ ޕްރޯކިއުމަންޓް ޕްރޮސަސް ގެންދިޔަ ގޮތުގެ އެސެސްމަންޓެއް ހެދީ ފިނޭންސް މިނިސްޓްރީ އާއި އޭޑީބީ ގުޅިގެން ކަމަށް ވެސް، ފިނޭންސުން ބުންޏެވެ.

އަދި ޕްރޯކިއުމަންޓް އެސަސްމަންޓް ރިޕޯޓްގެ ހޯދުންތަކަށް ބަލައި، މިހާރު އެވޯޑްކުރެވިފައިވާ ސިންގަލްވިންޑޯގެ ޓާންކީ ކޮންޓްރެކްޓާއި ގުޅޭގޮތުން ކުރިއަށްދާނެ ގޮތެއް، އޭޑީބީގެ މަޝްވަރާގެ މަތިން، ދިވެހި ސަރުކާރުން ހުސްވި އޯގަސްޓް މަހު ނިންމައި، މިހާރު ސޮއިކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. --ފިނޭންސް މިނިސްޓްރީ

އެ މިނިސްޓްރީން ބުނީ ވެބް ފޮންޓެއިންއާ އެކު ވީ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް އޭޑީބީއާ އެކު އަންނަނީ ކުރަމުން ކަމަށެވެ.

މި އެއްބަސްވުމާ ގުޅޭ މައުލޫމާތު ފަހުން މީޑިއާތަކަށް ހިއްސާކުރާނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އެ މައުލޫމާތު ހާމަކުރާނެ ކަމަށް މިއަދު ބުނިއިރު، މި ސަރުކާރުގެ އެންމެ އިސްކަންދޭ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވިއިރު ވެސް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި މި މަޝްރޫއު ވެބް ފޮއިންޓެއިނާ ހަވާލުކުރި ކަން އަދި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް ވެސް ހިއްސާއެއް ނުކުރެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މި މަޝްރޫއު ވެބް ފޮއިންޓެއިންއާ ހަވާލުކުރީ މިކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކެއް ހިމެނޭ ޓެކްނިކަލް ކޮމިޓީން ނިންމައިގެންނެވެ. އެ ކޮމިޓީގައި، އެނގިފައިވާ ގޮތުގައި، އިކޮނޮމިކް މިނިސްޓްރީ އާއި ކަސްޓަމްސް އާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ބޭފުޅުން ހިމެނެ އެވެ. މި ކޮމިޓީން ވެބް ފޮއިންޓެއިންއާ މި މަޝްރޫއު ހަވާލުކުރީ ކުންފުނިން ހުށަހެޅި ލިއުންތަކަށް ބަލައިގެންނެވެ. އެ ލިއުންތަކަށް އެކަނި ބަލައި މަޝްރޫއު ހަވާލުކުރިއިރު ކުންފުނީގެ ޑިއުޑެލިޖެންސް ހެދިތޯ ސުވާލު އުފެދެ އެވެ.

މި މަޝްރޫއު ހަވާލުކޮށް ހިނގަމުން ދަނިކޮށް "މިހާރު"ން ތިލަކުރި މައްސަލަތައް ބަލައިގެން އަލުން ކުންފުނީގެ ޑިއުޑެލިޖެންސް ހެދިއިރު، އޮޅުވާލައިގެން ލިޔެކިއުން ހުށަހަޅާފައި ހުރި ކަމަށް ފިނޭންސް މިނިސްޓްރީ އަށް ވެސް މިހާރު ފާހަގަކުރެވެ އެވެ.

މި މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރާ ސަބަބުތައް:

- މަޝްރޫ ހޯދަން ބައިވެރިވެވޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީ ނުހިމެނޭއިރު، ފިލިޕީންސް ކުންފުނީގެ ނަމުގައި ކުރިމަތިލައި، އެކަމަކު ޔޫއޭއީގައި އޮފީސް ހުންނަ ކުންފުނިން މަޝްރޫއު ކުރިއަށް ގެންދިއުން.

- ވެބް ފޮންޓެއިންގެ މައި އޮފީސް ޔޫއޭއީގައި ހުންނަ އިރު، އެކި ގައުމުތަކުގައި ހިންގި ޕްރޮޖެކްޓްތައް ވެސް، އޮޅުވާލުމުގެ ތެރެއިން، އެ އޮފީހުން ކުރިއަށް ގެންދިއުން.

- ފިލިޕީންސްގައި ހުންނަ ކުންފުނިން މީގެ ކުރިން ސިންގަލް ވިންޑޯގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައިނުވުން. އެހެންކަމުން ބިޑުގައި އެ ކުންފުނީގެ ނަން އޮތަސް، އެ ބިޑް ޑިސްކޮލިފައިވާން ޖެހޭނެ ކަމަށް ބެލުން.

- ވެބްފޮންޓެއިންއާ މަޝްރޫއު ހަވާލުކުރީ އަގު ހެޔޮކޮށް ކުރިއަށް ގެންދަން ހުށަހެޅި ގިނަ ކުންފުނިތައް ބާކީކުރުމަށް ފަހު ކަން ލިއުންތަކުން ފެންނަން އޮތް ކަން.

ވެބް ފޮންޓެއިންގެ މައި އޮފީސް ޔޫއޭއީގެ ދުބާއީގައި ހުންނަ އިރު މަޝްރޫއުތައް ވެސް ހިންގަނީ އެ އޮފީހުންނެވެ. ސިންގަލް ވިންޑޯ މަޝްރޫއަށް ކުރިމަތިލެވޭނެ ގައުމުތަކެއްގެ ކަނޑައަޅައި ފިނޭންސް މިނިސްޓްރީން އާއްމުކުރި ބިޑް ޑޮކިއުމެންޓުގައި 68 ގައުމެއް ލިސްޓްކޮށްފައިވެ އެވެ. އޭގެތެރޭގައި ޔޫއޭއީ ނުހިމެނޭ އިރު ބިޑް ޑޮކިއުމެންޓުގެ 4.2 ވަނަ މާއްދާގައިވާ ގޮތުން، މި ލިސްޓުގައި ނުހިމެނޭ ގައުމަކުން މި ޕްރޮޖެކްޓް ކުރިއަކަށް ނުގެންދެވޭނެ އެވެ.

މި މައްސަލަ ތަހުގީގުކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅި އެވެ. "މިހާރު"އަށް ކޮޕީ ލިބިފައިވާ ލިއުމާއި ފިނޭންސްގެ ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ބިޑުގައި ބައިވެރިވާ ކުންފުނިތަކުން މަދުވެގެން 4 މިލިއަން ޑޮލަރަށް ވުރެ ދަށް ނޫން ދެ މަޝްރޫއު ހިންގާފައި ހުރުމަކީ ޝަރުތެކެވެ. އެކަމަކު ފިލިޕީންސްގެ ވެބް ފޮންޓެއިންގައި މި ޝަރުތު ހަމައެއްނުވެ އެވެ. އޭގެ ބަދަލުގައި ބިޑް ކާމިޔާބު ކުރަން ހުށަހެޅީ ޔޫއޭއީގައި ހުންނަ މައި އޮފީހުން ހިންގި މަޝްރޫއުތަކުގެ ލިއުންތައް ކަމަށާއި އެއީ ވެސް ބޮޑު އޮޅުވާލުމަކަށް ވެދާނެ ކަމަށް، މައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި، މީގެ ކުރިން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ފިލިޕީންސްގެ ވެބް ފޮންޓެއިންގެ ނަމުގައި ކުރިމަތިލީ، ލިސްޓްގައި ހިމެނޭ ގައުމެއްގެ ނަން ބޭނުންކޮށް، ބިޑް ކާމިޔާބު ކުރާށެވެ. ހަމައެކަނި ކަރުދާސް ކުންފުންޏެއްގެ ގޮތުގައި ބެލެވޭ އެ ކުންފުނިން މަޝްރޫއު ނެގިއަސް ހިންގަނީ ދުބާއީގައި ހުންނަ މައި އޮފީހުން ކަމުގެ ތުހުމަތު ވެސް، އޭސީސީއަށް ހުށައެޅި މައްސަލާގައި، ކޮށްފައިވެ އެވެ.

އޭސީސީ އަށް ފުރަތަމަ މި މައްސަލަ ހުށައެޅީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޑިސެމްބަރު 5، 2019 ގަ އެވެ. މައްސަލަ ހުށަހެޅި އަމިއްލަ ފަރާތުން އެ ފަހަރު ވެސް އެދުނީ މި ޕްރޮޖެކްޓް އެވޯޑުކުރުން ހަވާލުކުރުން ހުއްޓުވައިދޭށެވެ. އެކަމަކު އޭސީސީގެ މާ ބޮޑު އަޅާލުމެއް ނުލިބުމުން ދެ ވަނަ ފަހަރަށް ކޮމިޝަންގެ ސަމާލުކަމަށް މިކަން ގެނައުމުން މައްސަލަ ރަޖިސްޓްރީކުރީ ޑިސެމްބަރު، 11، 2019 ގަ އެވެ. މިކަމުގައި ނިންމި ގޮތެއް މައްސަލަ ހުށަހެޅި ފަރާތާ ވެސް މިހާތަަނަށް އޭސީސީން ހިއްސާނުކުރެ އެވެ.

އޭޑީބީގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ. ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓާއި އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ. އެ ޕޯޓަލަށް ކަމާ ގުޅޭ ވުޒާރާތައް ގުޅުވާލައި، އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް އަންނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށް ސަރުކާރުން މިދިޔަ ފެބުރުއަރީ މަހު ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި މަޝްރޫއުތަކަށް މިދިޔަ އަހަރާއި މި އަހަރު 1 ބިލިއަން ރުފިޔާ ހޭދަކުރަން އޭޑީބީން އޮތީ ނިންމައިފަ އެވެ.