Roadha Mihaaru
އިސްކޮށް އުޅެން ޖެހޭނީ ދިވެހިން: ނައިބު ރައީސް

ދާއިރާތަކުގައި އިސްކޮށް އުޅެންޖެހޭނީ ދިވެހިން: ނައިބު ރައީސް

28 ޑިސެމްބަރ 2021

ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ހުރިހާ ދާއިރާއެއްގައި ވެސް އެންމެ އިސްކޮށް އުޅެންޖެހޭނީ ދިވެހިން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ހުރިހާ ދާއިރާއެއްގައި ވެސް އެންމެ އިސްކޮށް އުޅެންޖެހޭނީ ދިވެހިން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މަންޓާ އެއާ އިން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ އޭވިއޭޝަން ދާއިރާ ކުރިއަރައިގެން ދިއުމުން އެކަމުގެ ފައިދާ އިގްތިސާދުން ފެންނަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ހާއްސަކޮށް، ސީޕްލޭން ދަތުރުތައް ފުޅާ ވުމުން ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިން އަޒުމާ އެކު ކުރާ ކަމެއްގައި އަބަދުވެސް ކާމިޔާބު ވާނެ ކަމަށެވެ. އޭވިއޭޝަން ދާއިރާގައި ބޭރުގެ ކުންފުނިތަކުގައި ވެސް ދިވެހިން މަސައްކަތް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މިއަދު ޒުވާނުންގެ ވިސްނުމުގައި ހުންނަންވީ ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަކީ މުޅިގައުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

މަންޓާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވި ކުއްޖަކަށް ސެޓްފިކެޓް ހަވާލުކުރަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

މަންޓާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވި ކުއްޖަކަށް ސެޓްފިކެޓް ހަވާލުކުރަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ފައިސަލް ވިދާޅުވީ އޭވިއޭޝަން ދާއިރާ އަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް ކުރިއަރަމުން އަންނަ ދާއިރާއަކަށް ވާއިރު މިއީ މުސްތަގްބަލުގައި ފުރުސަތުތައް ލިބޭނެ ދާއިރާއެއް ކަމަށެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި، އޭވިއޭޝަން ދާއިރާގައި އިންޖިނިއަރިން އާއި ސޭފްޓީ ސެކިއުރިޓީ އާއި ގްރައުންޑް އޮޕަރޭޝަން އާއި ކެބިން ކްރޫއިންނަށް ފުރުސަތު ވެސް އެބަ އޮތެވެ.

އެ މަނިކުފާނު ވިދާޅުވީ، މީހުން ބިނާކުރަން ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގްބޫލު މަންޒިލަށްވާ އިރު ޓޫރިޒަމް ދާއިރާއިން ވެސް މީހުން ތަމްރީނުކޮށް ބިނާ ކުރަންޖެހޭ ކަމަށާއި އަމިއްލަ ކުންފުނިތަކުން ވެސް މީހުން ބިނާ ކުރަން އިތުރު ސަމާލުކަން ދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވި 10 ކުދިންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމު--ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވި 10 ކުދިންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމު--ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މަންޓާއެއާ އިން ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 10 މީހުންނަށް ފުރުސަތުދީފައިވެ އެވެ. މަންޓާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ހަލީލު ވިދާޅުވީ، މިއީ އޭވިއޭޝަންގެ ދާއިރާއަށް ޒުވާނުން އިތުރު ކުރަން ފެށި މަސައްކަތެއް ކަމަށެވެ.

"މި ދާއިރާގެ މަތީ ފަޑީގައި އެތައް ދިވެހިންނެއް އެބަތިިބި. މަންޓާގެ 75 ޕަސެންޓް މުވައްޒަފުންނަކީ ވެސް ދިވެހިން،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ އެހީގައި ވައިގެ ދަތުރު ފަތުރު ދާއިރާއިން އިތުރު މީހުން ތަމްރީނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.