Roadha Mihaaru
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި

މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައި، ކިޔެވުމަށް ފުރުސަތު ހުޅުވާލައިފި

28 ޑިސެމްބަރ 2021

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ މައި މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކަޑެމީ ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ އޭވިއޭޝަން އެކަޑެމީ ހިންގާނީ އެމްއެންޔޫ އާއި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިންނެވެ. އެކަމަކު އެތަން މެނޭޖު ކުރަން ނިންމާފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.

ޕައިލެޓުން ތަމްރީނުކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަދު ވަނީ މި އެކަޑެމީގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

އިސްކަންދޭނީ އޭއޭއޭގެ ދަރިވަރުންނަށް

ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭއިރު، އިސްކަމެއް ދޭން ނިންމާފައި ވަނީ އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށެވެ. އެ އަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. ފުރަތަމަ އަހަރު މަދުވެގެން 80 ދަރިވަރުންނަށް އެ ސްކޫލުގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މި އެކަޑެމީ ހިންގުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މަލްޓި އިންޖީނު އެއް އެއާ ކްރާފްޓާއި ސިންގަލް އިންޖީނުގެ ތިން އެއާ ކްރާފްޓް ގެންނާނެ ކަމަށެވެ. މިހާރު އެ އެއާ ކްރާފްޓްތައް ޝިޕްކޮށްފައިވާ ކަމަށާއި އަންނަ މަހު އެ އެއްޗެހި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕައިލެޓުން ތަމްރީނުކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މި ވަގުތު ހަމައެކަނި ޕައިލެޓް ޓްރެއިނިން ހަދަމުން ދިޔަ ނަމަވެސް، މުސްތަގުބަލުގައި އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ. އޭގެ ތެރޭގައި އިންޖީނިއަރިން އާއި އެހެނިހެން ޕްރޮގްރުމާތައް ވެސް ހިމެނޭނެ،" މިހާދު ވިދާޅުވި އެވެ.

"އޭއޭއޭގެ ދަރިވަރުންގެ ކިޔެވުން އެތައް ދުވަހަކަށް ފަހު ފެށޭތީ، ކިޔެވުން ރޭވިފައިވާ ގޮތުން ފުރަތަމަ ކުރިއަށް ގެންދާނީ ރިފްރެޝާ ޕްރޮގްރާމެއް. މިއީ ދެ މަސް ދުވަހުގެ ޕްރޮގްރާމެއް. މީގައި ހިމެނެނީ 150 ގަޑިއިރުގެ ތިއަރީ ބަޔަކާއި 10 ގަޑިއިރުގެ ފްލައިން."

އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ފާހަގަކުރައްވައި، މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ އޭވިއޭޝަނަކީ ވެސް އޭގެ ތެރޭގައި ހިމެނޭ މުހިންމު ދާއިރާއެއް ކަމަށެވެ. ރާއްޖޭގައި މިހާރު ގިނަ އެއާޕޯޓުތައް ހިންގަމުން އަންނައިރު، މި ދާއިރާއިން ތަމްރީނުވެފައި ތިބޭ ގިނަ މީހުން ތިބުން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

ޕައިލެޓުން ތަމްރީނުކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދު ވަރުގަދަ ކުރުމަށްޓަކައި މި ދާއިރާ އިން މީހުން ބިނާވެގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

"އެއީ ސަރުކާރުން ބާރު ސްޕީޑެއްގައި އެއާޕޯޓުތައް އެޅުމާއި މި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މި ތަންތަން ހިންގާނެ މީހުން، އިސްސަފުގައި މަސައްކަތްކުރާނެ ޓެކްނިކަލް މީހުން ތިބުމަކީ އެއާ އެއްވަރަކަށް ކުރަންޖެހޭނެ ކަމަކަށް ވާތީ."

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން އޭވިއޭޝަން އެކަޑަމީއެއް ހިންގަން ޖެހުނީ އައްޑޫ ފްލައިން ސްކޫލް، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ދިއުމުންނެވެ. އެ ތަނުގެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަ ނުކުރެވުމާ އެކު، ކިޔެވުމަށް ނެގި ލޯނު ހުސްވެ އިތުރަށް ވެސް ބައެއް ދަރިވަރުންނަށް ލޯނު ނަގަން ޖެހި އެ ދަރިވަރުން މާޔޫސްކަމެއްގައި ތިބެން ޖެހުނެވެ.

އެހެންވެ، މިހާރުގެ ސަރުކާރުން ނިންމީ އެ ދަރިވަރުންނަށް ލޯނު ހަމަޖައްސައިދޭށެވެ. އޭއޭއޭގައި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކު ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓަރީ ވެފައިވާ އިރު އެކި ދަރިވަރުން ތިބީ ކޯހުގެ އެކި ލެވެލްގަ އެވެ.