Roadha Mihaaru
ޕެނަލްޓީ ނާކާމިޔާބުވެ ލެސްޓާ އަތުން ލިވަޕޫލް ބަލިވެއްޖެ

ސަލާހުގެ ޕެނަލްޓީ ނާކާމިޔާބުވެ، ލެސްޓާ އަތުން ލިވަޕޫލް ބަލިވެއްޖެ

29 ޑިސެމްބަރ 2021

ލެސްޓާ (ޑިސެމްބަރު 29) – ލިވަޕޫލާ ވާދަކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީން 1-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލެސްޓާ (ޑިސެމްބަރު 29) – ލިވަޕޫލާ ވާދަކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީން 1-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

ލެސްޓާ އަތުން ބަލިވުމުން ލިވަޕޫލަށް ވަނީ 47 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ލިވަޕޫލް 19 މެޗުން 31 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް ވެސް ލިބިފައި ވަނީ 31 ޕޮއިންޓެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކުރީ ލިވަޕޫލުންނެވެ. މެޗުގެ 16 ވަނަ މިނިޓުގައި ލެސްޓާގެ ވިލްފްރެޑް އެންޑީޑީ ލިވަޕޫލްގެ މުހައްމަދު ސަލާހަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ސަލާހު ފޮނުވާލުމުން ދިފާއުކުރީ ކީޕަރު ކެސްޕާ ޝްމައިކަލް އެވެ. ކީޕަރު ދިފާއު ކުރުމުން ރީބައުންސްވެފައި އައި ބޯޅަ ސަލާހު ބޮލުން ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއަށް ފަހު ވެސް ފުރަތަމަ ހާފުގައި ކީޕަރު ޝްމައިކަލް ވަނީ ސަލާހު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފަ އެވެ.

ފަހު ހާފު ފެށިގެން ވެސް ލިވަޕޫލުން ވަނީ ލަނޑު ޖަހާނެ ފުރުސަތު ހޯދައިފަ އެވެ. ނަމަވެސް ސަޑިއޯ މާނޭ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ލެސްޓާގެ ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް އަޑިމޯލާ ލުކްމަން އެވެ. ލުކްމަން މި ލަނޑު ޖެހީ އޭނާ ކުޅެން ނުކުތްތާ ތިންވަނަ މިނިޓުގައި، ކީރަން-ޑޫސްބަރީ ހޯލް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލެސްޓާއިން ލީޑު ނެގި ފަހުން ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވިއިރު، އެންމެ ފަހުވަގުތު ވާޖިލް ވެން ޑައިކް ފޮނުވާލި ބޯޅަ މަތަކުރީ ލެސްޓާގެ ކީޕަރު ޝްމައިކަލް އެވެ.

މި ނަތީޖާއާއެކު ލެސްޓާ އޮތީ 18 މެޗުން ހޯދި 25 ޕޮއިންޓާ އެކު ޓޭބަލްގެ ނުވަ ވަނައިގަ އެވެ. ލީގުގައި މިރޭ ބްރެންޓްފޯޑާ މެންޗެސްޓާ ސިޓީ ބައްދަލުކުރާއިރު ޗެލްސީ ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.