Roadha Mihaaru
މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް

މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް

14 ފެބުރުއަރީ 2021

މެންޗެސްޓާ (ފެބްރުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

މެންޗެސްޓާ (ފެބްރުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ފަހަތުން އަރައި ލިވަޕޫލް އަތުން 3-1 އިން މޮޅުވި ލެސްޓާ ސިޓީ އެވެ. ލެސްޓާ އަށް 24 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ތިން ވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރަށުންބޭރުގައި ވެސްޓް ބްރޮމްއާ އެއްވަރުކޮށްލައިގެން ވެސް ޔުނައިޓެޑަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.

ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ރޮޑްރީގޯ (ރޮޑްރީ) އެވެ. މިއީ ޓޮޓެންހަމްގެ ޕިއޭ އެމީލް ހޮއިބިއޭ އޭރިއާތެރެއިން ސިޓީގެ އިލްކާއި ގުންޑޮގާނަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޓޮޓެންހަމްގެ ހެރީ ކޭން ފުރަތަމަ ހާފުގައި ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ދެ ވަނަ ހާފްގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ ފަަހަކަށް އައިސް އާދަޔާހިލާފު ފޯމެއްގައި ހުރި ގުންޑޮގާން އެވެ. ގުންޑޮގާންގެ ދެ ވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެ ޓީމުގެ ކީޕަރު އެޑަސަން އެވެ.

ރޭގެ މެޗަކީ ސިޓީން ޖެހިޖެހިގެން ހޯދި 15 ވަނަ މޮޅެވެ. އަދި ބަލިނުވެ ފުރިހަމަކުރި 23 ވަނަ މެޗެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޓޮޓެންހަމް ކަހަލަ ޓީމެއް އަތުން މި ގޮތަށް މޮޅުވުމަކީ ޓީމުގެ ކޮންފިޑެންސް އިތުރަށް ރަނގަޅުކުރަން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

ލެސްޓާ ދަނޑުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި މުހައްމަދު ސަލާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ލެސްޓާ އިން ނަތީޖާ އަނބުރާލީ ހަތް މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. އެ ގޮތުން މެޗުގެ 78 ވަނަ މިނިޓްގައި ޖޭމްސް މެޑިސަންގެ ހިލޭ ޖެހުމުން ނަތީޖާ ހަމަހަމަކުރި އެވެ. އޭރިއާ ރޮނގުކައިރިން ހާވީ ބާންސަށް ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ދިނީ ޕެނަލްޓީ އެކެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ހިލޭ ޖެހުމަކަށް ބަދަލުކުރީ އެވެ. މެޑިސަން ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ދުރު ކަނަށް އަމާޒުވިއިރު، އެ ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ. އެއީ ލެސްޓާގެ ޑެނިއަލް އަމާޓޭ އޮފްސައިޑް ކަމަށް ލައިންސްމަން ނިންމުމުން ވީއޭއާރް އިން ބެލުމަށް ފަހު އެ ނިންމުން ބަދަލުކުރީ އެވެ.

އޭގެ ތިން މިނިޓް ފަހުން ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖޭމީ ވާޑީ ލެސްޓާ އަށް ލީޑުނަގައިދިނެވެ. ވާޑީ ދެ ވަނަ ގޯލެއް ޖަހަން ފޮނުވާލި ބޯޅަ އެލިސަން މަތަކުރި އެވެ. އެކަމަކު މެޗުގެ 85 ވަނަ މިނިޓްގައި ބާންސް ވަނީ ކީޕަރު އެލިސަން އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ލެސްޓާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ފާއިތުވި އަށް އަހަރުތެރޭ ލީގުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ތިން މެޗުން ލިވަޕޫލް ބަލިވިއިރު، އެ ޓީމު އޮތީ 24 މެޗުން 40 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. މި ހަފްތާގެ މެޗުތަކަށް ފަހު ލިވަޕޫލްގެ މަގާމަށް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ.