Roadha Mihaaru
ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށައިފި

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށައިފި، ފުރަތަމަ ޓޫރިސްޓުންނަށް ދިއްގަރުން ހޫނު މަރުހަބާއެއް

01 ޖެނުއަރީ 2022

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު މ. ދިއްގަރުން އާސިމާ ނިޒާރު

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް މިއަދު ފަށައިފި އެވެ.

ޓޫރިޒަމްގެ މި އާ ކޮންސެޕްޓް ފަށައި، އެންމެ ފުރަތަމަ ހޯމް ސްޓޭގެ ޓޫރިސްޓުންނަށް ވޯޓާ ސެލިއުޓާއި ސަގާފީ ހަރަކާތްތަކާ އެކު މި ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެެވެ.

ފުރަތަމަ ޓޫރިސްޓުގެ ގްރޫޕްގައި ބޭރުގެ ދެމަފިރިއަކާއި އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދާއި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ބައިވެރިވެވަޑައިގެންނެވި އެވެ.

ހޯމް ސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައި ވަނީ މ. ދިއްގަރުގެ "މޫރިތި" ގެ އެވެ. އެ ގޭގެ ތިން ކޮޓަރީގައި ޓޫރިސްޓުން ބޭތިއްބުމުގެ ލައިސެންސް، ޑރ. މައުސޫމް ވަނީ އެ ގޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

މި ރަށުގެ ކައުންސިލްގެ ރައީސްގެ އަހުމަދު ނިޝާން "މިހާރު" އަށް އިއްޔެ ވިދާޅުވީ ހޯމް ސްޓޭ ފެށިއަސް އެެކަން ކުރިއަށްގެންދަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ކާމިޔާބުކަމާ އެކު ޓޫރިޒަމްގެ އާ ކޮންސެޕްޓް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތެވެ.

"ވަރަށް ގިނަ ޒުވާނުން ބޭނުންވޭ ރަށުގައި، އާއިލާ ކައިރީގައި އެ ހިދުމަތް ދެވޭނެ ފުރުސަތު ފަހިވެގެން ދިއުން. މި ފުރުސަތާއެކީ އެ ބޭފުޅުންނަށް އެކަން ފަހިވެގެން ދިޔައީމަ އުއްމީދުކުރަން ފެށިގެން ދާނީ ވަރަށް ފުރިހަމައަށް އަދި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މީގެ 12 އަހަރު ކުރިން ރާއްޖޭގައި ޓޫރިޒަމް ހިންގަމުން ދިޔައީ "ވަން އައިލެންޑް-ވަން ރިސޯޓު" ކޮންސެޕްޓަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް ފެށުމުގެ ހުއްދަ ދިނުމާ އެކު، އެ ދާއިރާއަށް ބޮޑު ބަދަލެއް އަ އެވެ.

ހޯމް ސްޓޭއާ އެކު ރާއްްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.