Roadha Mihaaru
ޓޫރިސްޓުން އަންނަނީ ބަރަހަނާވެގެން އުޅޭކަށްނޫން:މައުސޫމް

ރަށްރަށަށް ޓޫރިސްޓުން އަންނަނީ ބަރަހަނާވެގެން އުޅޭކަށް ނޫން: މައުސޫމް

23 ޖެނުއަރީ 2022

ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ބަރަހަނާވެ އުޅެން ނޫން ކަމަށާއި އެއީ ހޯމް ސްޓޭ ޓޫރިޒަމް ފަށާއިރު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް ގއ. ވިލިނގިލިން އިދުހާމް ނައީމް

ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ބަރަހަނާވެ އުޅެން ނޫން ކަމަށާއި އެއީ ހޯމް ސްޓޭ ޓޫރިޒަމް ފަށާއިރު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގއ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާ ކުރުމުގެ މަޝްވަރާތަކަށް އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވެރިރަށް ވިލިނގިއްޔަށް ވަޑައިގެން މިނިސްޓަރު ވިދާޅުވީ ހޯމް ސްޓޭ ފަށަން ނިންމެވީ ވެސް ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ކަމަށެވެ. މިހާރު ރާއްޖެއަކީ ސަގާފީ ޓޫރިޒަމް އޮތް ގައުމަކަށް ވާއިރު މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރާ ހުރިހާ ޓޫރިސްޓުންނަކީ ވެސް އެ ސަގާފަތް ތަޖުރިބާ ކުރަން ދާ ބަޔަކަށްވާއިރު ބަރަހަނާ ހާލުގައި އުޅެން ބޭނުންވާ ބަޔަކު ރަށްތަކަަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ އެންމެ ފުރަތަމަ ގެސްޓްހައުސް ވިޔަފާރި ފެށި އިރު، ޓޫރިސްޓުންގެ ސަބަބުން ރަށުގެ މާހައުލު ހަލާކުވާނެ ކަމަށް ބުނި ނަމަވެސް މިއަދު ގެސްޓްހައުސް ޓޫރިޒަމަކީ ކާމިޔާބު ޕްރޮޑަކްޓެއް ކަމަށެވެ. ގެސްޓްހައުސް ޓޫރިޒަމާ އެއްގޮތަށް ރަނގަޅަށް ރެގިއުލޭޓް ކުރެވިއްޖެ ނަމަ ހޯމްސްޓޭއަކީ ވެސް ރަށުގެ އެންމެންނަށް މަންފާ ލިބޭނެ ޕްރޮޑަކްޓަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ކުރިން 1980 ގެ އަހަރުތަކުގައި އޮތް އެއްޗެއް ހިޕީ ޓޫރިޒަމަކީ. އެގޮތަށް ބަރަހަނާވެގެން އުޅެން މިހާރު ޓޫރިސްޓުން ބޭނުމެއް ނުވޭ. ގެސްޓުން އަންނައިރު އެ މީހުންނަށް ރަށުގެ އާއްމު އިޖުތިމާއީ މިންގަނޑު ރަނގަޅަށް ކިޔައިދިނީމަ އެގޮތަށް އަމަލު ކުރާނެ. ކަލްޗަރަލް ޓޫރިޒަމް ތަޖުރިބާކުރަން ގިނަ ޓޫރިސްޓުން އަންނަނީ ވެސް،" މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބަލައިފަ މިކަން ފަށަން ނިންމީ ވެސް. އެފަދަ ކަމެއް ވާނެ ކަމަށް ހީވާ ނަމަވެސް އަޅުގަނޑު ސޭފްޓީ މެޝާސް ވަރުގަދަ ކުރާނަން. ރާއްޖޭގައި މިކަން މެނޭޖް ކުރެވޭނެ."

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރަށެއްގެ ރައްޔިތުން ނުރުހޭ ނަމަ ހޯމް ސްޓޭ އެ ރަށެއްގައި ނުފަށާނެ ކަމަށެވެ. ހޯމްސްޓޭގެ ސަބަބުން ރަށުގެ އާއްމު ހާލަތު ގޯސްވާނެ ކަމަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކައެއް ކަމަށާއި ރައްޔިތުންނަށް މަންފާވާ ކަންކަމުގައި ހިޔާލުތަފާތުވުން ދުރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާފުށީގައި ގެސްޓްހައުސް ވިޔަފާރި ކުރާތާ 12 ވަރަަކަށް އަހަރުވަނީ. ކިތަށް މީހުން ދީން ދޫކޮށްލީ. އެމްޑީޕީ ސަރުކާރިން ކޮންމެ ކަމެއް ކުރިއަސް ދީނާ ދުރު ކަންކަމަށް މިހަދަނީ. ރައްޔިތުންނަށް ފައިދާވާ މިކަހަލަ ކަންކަމުގައި ހިޔާލުތަފާތުވުން ދުރުކޮށްގެން މަސައްކަތް ކުރަން ޖެހޭނީ،" ޔައުގޫބް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ގއ. ކުރައްވާ ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ.