Roadha Mihaaru
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް

އާ އަހަރާއެކު، އައްޑޫގައި އަނެއްކާ ވެސް ކޮވިޑް ކޭސްތައް މައްޗަށް

02 ޖެނުއަރީ 2022

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހު ވަރަށްް ބޮޑަށް ދަށްވާން ފަށާފައިވީ ނަމަވެސް އާ އަހަރުގެ ފުރަތަމަ ދުވަހު އެ ބަލި ޖެހުނު މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހު ވަރަށްް ބޮޑަށް ދަށްވާން ފަށާފައިވީ ނަމަވެސް އާ އަހަރުގެ ފުރަތަމަ ދުވަހު އެ ބަލި ޖެހުނު މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއީސޯ) އިން ރޭ އާންމުކުރި ކޮވިޑްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު 6:00 އާ ހަމައަށް އަލަށް 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ މިހާރު އެންމެ ގިނައިން ކޮވިޑް ކޭސްތައް އުޅޭ ހިތަދޫން 13 މީހަކާއި ކޭސްތަކެއް ނެތި ދުވަސްކޮޅެއް ވި ފޭދޫން އެކަކެވެ.

މިއާއެކު އައްޑޫގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ 50 އިން މައްޗަށް އަރައިފަ އެވެ. މިހާރު ޖުމުލަ ކޭސްތަކުގެ އަދަދު 62 ގައި ހުރި އިރު، ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު، ހިތަދޫގައި 52، މަރަދޫފޭދޫގައި ފަހެއް، މަރަދޫގައި ދޭއް ފޭދު އާއި މީދޫން ކޮންމެ އަވަށެއްގައި އެކެއް އަދި މީހުން ދިރިނޫޅޭ އަވަށްތަކުގެ ބޭރުން އެއް ކޭސް ހިމެނެ އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އައްޑޫގައި ކޮވިޑް ޖެހިފައިވާ އެކަކު ވެސް ނެތް ހަމައެކަނި ރަށަކީ ހުޅުދު އެވެ.

އައްޑޫގައި ކޮވިޑް ކޭސްތައް މި ފެށި 2022 ގެ ފުރަތަމަ ދުވަހާ އެކު އިތުރުވިއިރު، އެ ބަލީގެ ހާލަތު ގޯސްވެގެން އައްޑޫ މޮނިޓަރިން އަށް ލިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުން އެ ހާލަތު އުވައިލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅިގެން ކައުންސިލުން ވަނީ މޮނިޓަރިން އުވައިލިޔަސް ކުރިން ވެސް އަމަލުކުރަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވެ، އިއްޔެގެ ކޭސްތަކުގެ އަދަދު 14 އަށް އެރިއިރު އެންމެ ފަހުން އެހާ ގިނަ އަދަދަކަށް އެއް ދުވަހެއްގައި އައްޑޫން މީހުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 11 ގަ އެވެ. އެ ދުވަހު 10 މީހަކު ޕޮޒިޓިވް އެވެ. އޭގެ ފަހުން ކޭސްތައް މަދުވަމުން ގޮސް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ކޭހެއް ނުފެނި ވެސް ގޮސްފައިވެ އެވެ.

އައްޑޫގެ ހާލަތާ މެދު އަލުން ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ އިރު، މި ބަލީގައި އައްޑޫން 12 މީހަކު މަރުވެ، މިހާރު ވެސް ތިން މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އައްޑޫގައި އަންނަނީ މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮވިޑް ރޭންޑަމް ސާމްޕަލް ވެސް ނަގަމުންނެވެ. މިހާތަށް އައްޑޫން ޕޮޒިޓިވް މީހުންގެ ޖުމުލަ އަކީ 2،924 އެވެ.