Roadha Mihaaru
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު

ކޮވިޑް-19: އައްޑޫގެ އަދަދުތައް މައްޗަށް، އިއްޔެ އެކަނިވެސް 123 މީހަކަށް ބަލި ޖެހުނު!

20 ޖެނުއަރީ 2022

އައްޑޫން މިހާތަނަށް ކޮވިޑް-19 އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ޖެހުނީ އިއްޔެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން މިހާތަނަށް ކޮވިޑް-19 އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ޖެހުނީ އިއްޔެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް 123 މީހަކު އައްޑޫން ކޮވިޑަށް ޕޮޒިޓިވް ވިއިރު، މިއީ އެއް ދުވަހެއްގައި އައްޑޫން އެންމެ ގިނަ ބަޔަކަށް މިހާތަނަށް ބަލި ޖެހުނު ފަހަރެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއީސޯ) ރޭ އާންމުކުރި ކޮވިޑާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އައްޑޫގެ ޖުމުލަ ކޭސްތަކުގެ އަދަދު މިހާރު ވަނީ 531 އަށް އަރައިފަ އެވެ.

ކޭސްތައް ބެހިފައިވާ ގޮތަށް ބަލާއިރު، ހިތަދޫގައި 235، ފޭދޫގައި 105، މީދޫގައި 91، ހުޅުދޫގައި 43، މަރަދޫފޭދޫގައި 27 އަދި މަރަދޫގައި 12 މީހަކަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. މީހުން އުޅޭ އަވަށްތަކުގެ ބޭރުގެ ކޭސްތަކަށް ބަލާއިރު ރިސޯޓްތަކާއި އެހެން ދިމާތަކުން 18 ޕޮޒިޓިވް ކޭސް އުޅެ އެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ އިރު، މިކަމާ ގުޅިގެން އީއޯސީން ކަންބޮޑުވުން ފާޅުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން ވީހާ ވެސް ބޮޑަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައިވެ އެވެ. އަދި ކޭސްތައް އިތުރުވަމުންދާ ނަމަ ބަލި މީހުންނަށް ފަރުވާދޭން ދަތިވެދާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އައްޑޫގެ ހާލަތު އާ އަހަރު ފެށުމާއެކު، ގޯސްވާން ފެށުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޭސްތައް ދިޔައީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. ހަތަރު މަސް ދުވަސް ފަހު، އައްޑޫގެ މޮނިޓަރިންގެ ހާލަތު ވެސް އުވައިލީ އެ ސަބަބާ ހެދި އެވެ.

މޮނިޓަރިންގައި އޮތް އިރު، އައްޑޫގައި ގެންދިޔައީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގަމުންނެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު، މިހާރު ވެސް ތިން މީހަކު އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. އަދި ބަލީގައި މިހާތަނަށް 14 މީހަކު މަރުވެފައިވެ އެވެ.