Roadha Mihaaru
އައްޑޫ ކައުންސިލްގެ ހިދުމަތްތައް މެދުކަނޑާލައިފި

ކޮވިޑް-19: އައްޑޫ ކައުންސިލްގެ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލައިފި

23 މެއި 2021

އައްޑޫގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން އައްޑޫ ސިޓީ ކައުންސިލުން ދޭ ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން އައްޑޫ ސިޓީ ކައުންސިލުން ދޭ ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ހިތަދޫގައި ހުންނަ ކައުންސިލްގެ އިދާރާގެ މައި އޮފީހާއި އެތަނުގެ ދަށުން ހިންގާ އައްޑޫގެ އަވަށު އޮފީސްތަކުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލި ނަމަވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އާއި ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުންގެންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ވަކި ގޮތެއް އަންގަން ދެން، އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި މި އިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުން ގެންދާ އެންމެހާ ހިދުމަތްތައް ދިނުންް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ ނިންމައިފަ އެވެ." ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ މަހުން ފެށިގެން އައްޑޫގައި އަނެއްކާ ވެސް ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން މި ސިޓީ އަށް އަރައިފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ މި މަހުގެ 1 އިން ފެށިގެންނެވެ.

ކައުންސިލްގެ ހިދުމަތްތައް މެދުކަނޑައިލިއިރު އާ ކައުންސިލަރުން މި މަހުގެ 17 ގައި ހުވާކުރައްވައި، ރަސްމީކޮށް މަސައްކަތްތަކަށް ނުކުންނެވީ މި މަހުގެ 18 ގަ އެވެ. އޭގެ ފަހުން ކައުންސިލަށް މިހާތަނަށް މުޅިންހެން އުޅެން ޖެހިފައި ވަނީ ކޮވިޑާ ގުޅުން ހުރި ކަންކަމުގަ އެވެ.

އައްޑޫގައި މިހާރު ކޮވިޑްގެ 163 އެކްޓިވް ކޭސް އުޅޭ އިރު، އެޑްމިޓްކޮށްގެން ހަ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.