Roadha Mihaaru
ކުޑައިރު ޕޯލިއޯ ޖެހި ހާލުގައި، މިހާރު ހަކުރު ބަލި!

ހަ އަހަރުގައި ޕޯލިއޯ ޖެހި ނުކުޅެދޭ ހާލުގައި، ހަކުރު ބަލީގައި 20 އަހަރު

04 ޖެނުއަރީ 2022

އައްޑޫ ހިތަދޫއަށް އުފަން، ހައްވާ އަފީފާ އަކީ އެންމެ ކުޑައިރުން ފެށިގެން ވެސް އެކި ބަލިތަކުގެ ޝިކާރައަކަށްވެ ވަރަށް ހިތްދަތިކޮށް އުޅެމުން އަންނަ މީހެކެވެ. ޕޯލިއޯ އާއި ހަކުރު ބަލީގައި މުޅި އުމުރު އުޅެން ޖެހި މިހާރު ވަނީ އިތުރު ނުރައްކަލަށް ހުށަހެޅިފަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ހިތަދޫއަށް އުފަން، ހައްވާ އަފީފާ އަކީ އެންމެ ކުޑައިރުން ފެށިގެން ވެސް އެކި ބަލިތަކުގެ ޝިކާރައަކަށްވެ ވަރަށް ހިތްދަތިކޮށް އުޅެމުން އަންނަ މީހެކެވެ. ޕޯލިއޯ އާއި ހަކުރު ބަލީގައި މުޅި އުމުރު އުޅެން ޖެހި މިހާރު ވަނީ އިތުރު ނުރައްކަލަށް ހުށަހެޅިފަ އެވެ.

މިހާރު އުމުރުން 57 އަހަރުގެ އަފީފާއަށް ޕޯލިއޯ ޖެހުނީ އޭނާގެ އުމުރުން އެންމެ ހަ އަހަރުގަ އެވެ. އޭރުން ފެށިގެން ފުރޮޅުލީ ގޮނޑިއެއްގައި ހޭދަކުރަމުން އަންނައިރު ހަކުރު ބަލީގައި އޭނާއަށް މިހާރު ވަނީ ހިތްދަތި ދުވަސްތަކެއް ތަޖުރިބާކުރަން ޖެހިފަ އެވެ.

އޭނާ މީގެ 20 އަހަރު ކުރިން ހަކުރު ބަލީގެ ޝިކާރައަަކަށްވެ، ބޭސް ކަމުން އައި ނަމަވެސް މިހާރު ވަނީ އެ ބަލީގައި ނުރައްކާ ހާލަތަކަށް ގޮސްފަ އެވެ.

އަފީފާގެ އެއްބަނޑު ކޮއްކޮ ފާތުމަތު ހަބީބާ، "މިހާރު" އަށް ކިޔައިދިން ގޮތުގައި އަފީފާގެ ހަކުރު ބަލި ކޮންޓްރޯލް ނުވެ އެހާ ގިނަ ދުވަސްވުމުގެ ސަބަބުން ކަނާއަތު ލޮލުގެ ފެނުން ވަރަށް ބޮޑަށް ފުސްވެ، މިދިޔަ އޮކްޓޫބަރު މަހު ވަނީ އިންޑިއާ އިން ސާޖަރީއެއް ވެސް ހަދައިފަ އެވެ. އެކަމަކު ސާޖަރީއަށް ފަހު އެ ލޮލަށް މިހާރު އެއްގޮތަކަށް ވެސް ނުފެނެ އެވެ. ލޮލުގެ ކަޅު ކަޅި ބަދަލުކުރި ނަމަވެސް މިހާރު އެ ބައި އިނީ އެއްކޮށް ހުދުވެފަ އެވެ.

"ލޮލުގެ ނާރުތައް ހަލާކުވަނީ. އެހެންވެ ލޮލުގެ ފެނުން ގެއްލޭތީ އައްޑޫން ފޮނުވީ މިދިޔަ އޮކްޓޫބަރުގައި އިންޑިއާއަށް ލޮލުގެ ސާޖަރީއެއް ހަދަން. އެކަމަކު ސާޖަރީއަށް ފަހު އިންފެކްޝަނެއް އުފެދިގެން ވެސް އުޅެންޖެހުނު. މިހާރު ލޮލަކަށް ނުފެނޭ. ފަހުން ރާއްޖޭގެ ޑޮކްޓަރުން ބުނި ވެދާނެއޭ އެކޮޅުން ސާޖަރީ ހެދިއިރު ހިނގި ކަމެއްގައި އެހެން ވީ ކަމަށް،" އަފީފާއާ އެކު ފަރުވާއަށް އިންޑިއާއަށް ދިޔަ އޭނާގެ ކޮއްކޮ ކިޔައިދިނެވެ.

އަފީފާ ކައިވެންޏެއް ކުރި ނަމަވެސް އެ ކައިވެންޏަށް ދަރިއަކު ނެތެވެ. ފިރިމީހާ އާއި އާއިލާގެ ކުދިންގެ އެހީތެރިކަމާ އެކު އުޅެމުން އަންނަ އަފީފާ އަށް މިހާރު ވަނީ އިތުރު އެހީތެރިކަމާއި އަޅާލުން ބޭނުންވެފަ އެވެ.

ސާޖަރީގެ ކުރިން ވެސް އިންފެކްޝަން އުފެދުނު ގޮތަށް އަފީފާގެ ގައިގެ ހަމާއި އަނގަ ތެރޭގައި ވެސް އުންތަކެއް ކަހަލަ އެއްޗެހިތަކެއް ވެސް މިހާރު އެބަ ނަގަ އެވެ. އެހެންވެ ކުޅި އެއްޗެހި އޭނާއަކަށް ނުކެވެ އެވެ. ހޫނު އެއްޗެއް ނުބޮވެ އެވެ.

އަފީފާގެ އަތުގައި އުންތަކެއް ނަގާފައި.

އަފީފާގެ އަތުގައި އުންތަކެއް ނަގާފައި.

"ހުދު ހަމުގައި ބޮޑަށް ނަގަނީ. އެކަމަކު ބުރަކަށީ ވެސް ވަރަށް ބޮޑަށް ނަގަމުން އެބަދޭ. ހަމުގެ ޑޮކްޓަރު ބުނީ ދިފާއީ ނިޒާމު ބަލިކަށިވާތީއޭ އެއީ. އެހެންވެ ބޭސް ދިނީ،" ލޮލުގެ ސާޖަރީއަށް ފަހު އިތުރަށް ހަމުގައި އެއްޗެހި ނަގަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގައިގެ އެކި ތަންތަނުގައި އެ އެއްޗެހި ނަގަނީ ވަރަށް ގަދަޔަށް ހިރުވުމަށް ފަހު އެވެ.

"ދެ އަތާއި ދެފައިގައި އެއްޗެހިތައް ނިކުމެފައި ހުންނަނީ. ބުރަކަށީގައި ވެސް އެގޮތަށް."

އޭގެ އިތުރުން މިހާރު އަފީފާއަށް ދިމާވާ އަނެއް މައްސަލައަކީ އޭނާގެ ފައިގެ ލޭ ނާރެއް ބެދި، ލޭ ދައުރުވުން ހުއްޓެމުންދާތީ ފައިތިލަ އެކީ ކަޅުވުމުގެ މައްސަލަ އެވެ. މިހާރު ވައަތު ފައިގެ އިނގިލިތަކާ އެކު ފައިތިލަ ވަނީ ވަރަށް ބޮޑަށް ކަޅުވެފަ އެވެ.

"މިހާރު ރަނގަޅު ނުވާ ނަމަ ފައި ބުރިކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ޑޮކްޓަރުން ވަނީ ދީފައި. މިހާރު ވެސް ދައްތަ ގޮނޑިއެއްގައި އުޅޭއިރު ފައި ބުރިކޮށްލަން ޖެހިއްޖެ ނަމަ ވާނީ ވަރަށް ބޮޑު ވޭނަކަށް،" އޭނާ ބުންޏެވެ.

ހައްވަގެ ފައި ވަރަށް ބޮޑަށް ކަޅުވެފައި--

ހައްވަގެ ފައި ވަރަށް ބޮޑަށް ކަޅުވެފައި--

މިހާރު ދިމާވާ ހުރިހާ މައްސަލަތަކަކީ ވެސް ހަކުރު ކޮންޓްރޯލް ނުވުމުން ދިމާވަމުން އަންނަ ކަންކަމެވެ. މީގެ ދެ މަހެއް ކުރިން ކެއުމަށް ބަދަލު ގެނެސްގެން ހަކުރު ކޮންޓްރޯލް ކުރެވުނަސް އޭގެ ކުރިން އެހާ ބޮޑަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވީ އެވެ.

"ލޮލުގެ ސާޖަރީ ހަދަންވެގެން ބާއްވާފައި އޮތްއިރުގައި ޑޮކްޓަރުން ބުނި އެއްޗެހި ކާންދީގެން ގެންގުޅެން ޖެހުނީމަާ ހަކުރު ކޮންޓްރޯލްވި. މި ދެ މަހަކު ވެސް ކޮންޓްރޯލްވެފައި ހުރީ. އެކަމަކު އެހާ ބޮޑަށް ކުރިއަކުން ނުބެލޭ،" އޭނާ ބުންޏެވެ.

އަފީފާގެ ހާލު ގޯސްވަމުންދާތީ އާއިލާ އިން މަސައްކަތް ކުރަމުން އަންނަނީ އޭނާ ގޮވައިގެން އިންޑިއާއަށް ދިއުމަށެވެ. ހާލަތު ރިވިއުކުރުމަށް ދާތީ އާސަންދަ ލިބޭނެ ކަމެއް ވެސް އެނގޭނީ މާލެ އައިސް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށް ފަހު ޑޮކްޓަރުން ބުނާ އެއްޗަކުންނެވެ.

އަފީފާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށްވާތީ އެހީތެރިންގެ ގޮތުގައި ވެސް ދެ މީހަކު ގެންގޮސްގެން ނޫނީ އޭނާގެ ކަންކަން ރަނގަޅަކަށް ނުބެލެ އެވެ. އެހެންވެ، އާސަންދައިގެ އެހީ ނުލިބިއްޖެ ނަމަ، އާންމުންގެ އެހީ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އާއިލާއިން ބުނެ އެވެ.